ރައީސް މުހައްމަދު މުއިއްޒުގެ ފެކްޝަނުން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ރައްޔިތުންގެ މަޖިލީހުގެ ލައިވްކޮށް ދައްކަމުން ދިޔަ ކޮމިޓީއެއްގައި ބޭޒާރުކޮށްލައިފި އެވެ.

މިކަން ހިނގާފައިވަނީ އިއްޔެ ބޭއްވި މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ދެއްވުމަށް ފަޒުލް ވަޑައިގެންނެވުމުންނެވެ.

އެޗްޑީސީން މާލިއްޔަތު ކޮމިޓީއާއި ހިއްސާކޮށްފައިވާ މައުލޫމާތު ތަކަކާއި ގުޅޭގޮތުން ސުވާލުކުރައްވަމުން ރައީސް މުއިއްޒު ފެކްޝަންގައި އިސްކޮށް އުޅުއްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވަނީ ފަޒުލްއަށް ގިނަ ތުހުމަތު ތަކެއް ކުރައްވާ މޭރުމުން ވާހަކަ ދައްކަވާފަ އެވެ.

އެގޮތުން އެޗްޑީސީއަށް ކުލި ދައްކަންޖެހޭ ބައެއް ކުންފުނިތަކަށް ލުއި ދިނުމަށް އެޗްޑީސީގެ ބޯޑުން ނިންމާފައިވާއިރު، އަނެއް ބައި ކުންފުނިތަކަށް ލުއި ދީފައިވަނީ މެނޭޖުމަންޓުން ކަމަށް ލިޔެފައިވާ ކަމަށް އަޒާން ވިދާޅުވި އެވެ. މިގޮތަށް ލުއި ދިނުމުގައި މެނޭޖުމަންޓާއި ބޯޑުގެ ނިންމުންތަކާ ދެމެދު ތަފާތުތަކެއް ހުރިކަން ފާހަގަކުރައްވައި އަޒާން ވަނީ ބޮޑެތި އަދަދުތަކަށް ލުއި ދިނުމަށް ބޯޑަށް ނުފޮނުވައި ސީދާ މެނޭޖުމަންޓުން ނިންމާފައިވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

މިކަމާއި ގުޅޭގޮތުން ފަޒުލް ވިދާޅުވީ މެނޭޖުމަންޓަށް ވަކި އަދަދަކާ ހަމައަށް ލިމިޓޭޝަން އޮންނަ ކަމަށާއި، ޖޫރިމަނާ އެކުލެވޭ އަދަދެއް ނަމަ އެ ކަމާ ގުޅޭގޮތުން އަމަލުކުރާނެ ގޮތެއް ކަނޑައަޅަނީ ބޯޑުން ކަމަށެވެ. ދެ ލައްކަ ރުފިޔާއަށް ވުރެ އިތުރު ނުވާ އަދަދުތަކުން ޖޫރިމަނާ މާފު ކުރުމަށް ނުވަތަ މުއްދަތު އިތުރު ކުރުމަށް ފުރުސަތު ކުންފުނީގެ އެމްޑީއަށް ލިބިފައިވާ ކަން ފާހަގަ ކުރައްވައި ފަޒުލް ވިދާޅުވީ، ގިނަ މައްސަލަތައް ފޮނުވާފައި ވާނީ ކުންފުނީގެ ބޯޑަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ފަޒުލް އެހެން ވިދާޅުވި ނަމަވެސް އެޗްޑީސީން ކޮމިޓީއާ ހިއްސާކޮށްފައިވާ މައުލޫމާތަށް ރިއާޔަތްކުރައްވައި އަޒާން ވަނީ 69 މިލިއަން އަދި 11 މިލިއަން ދައްކަން ޖެހޭ ދެ ކުންފުންޏަކަށް މެނޭޖުމަންޓުން ލުއި ދީފައިވާކަން ފެންނަށް އެބައޮތްކަމަށް ވިދާޅުވެ ރައްދު ދެއްވާފަ އެވެ.

އަޒާން ވަނީ އެޗްޑީސީން ކޮމިޓީއާ ހިއްސާކޮށްފައިވާ މައުލޫމާތުގެ ސައްހަކަމާއި މެދުވެސް ސުވާލު އުފައްދަވާފަ އެވެ.

"އަޅުގަނޑު ހަނދާންކޮށްދެން ކޮމިޓީއަށް ދޮގު މައުލޫމާތު ދިނުމަކީ އެއީ ކުށެއް. އެހެންވީމަ ބޯޑުން އެންޑޯޒް ކޮށްގެންނޭ ބައެއް ތަންތާ ލިޔެފަ އަނެއްބައި ތަންތާ މެނޭޖުމަންޓުން އެންޑޯޒް އޭ ލިޔެފަ އޮތީ" އަޒާން ވިދާޅުވި އެވެ.

މީގެއިތުރުން، އެޗްޑީސީން މަޝްރޫއުތަކަށް ބިޑް ކޮށް، ކުލި ކަނޑައެޅުމަށްފަހު އިއުލާންކުރާ މަޝްރޫއު ނޫން އެހެން މަޝްރޫއަކަށް ބަދަލުކުރާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށްވެސް އަޒާން ވިދާޅުވި އެވެ.

ފަޒުލްގެ މާލީ ބަޔާން ހުށައަޅުއްވާފައި ނުވާކަމަށްވެސް ލައިވްކޮށް ދެއްކި ކޮމިޓީގައި އަޒާން ވަނީ ހާމަކުރައްވާ އެކަން ކުރެއްވުމަށް ފަޒުލްއަށް އަންގަވައިފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އެންސްޕާ ކޮރަޕްޝަންއާއި އެފްއެސްއެމް ތެޔޮ ވައްކަންފަދަ ސަރުކާރުގެ އެކި އިދާރާތަކުގެ ހިޔާނާތް ފެންމަތިވުމުންވެސް އެކަންކަމާއި ގުޅޭގޮތުން މެންބަރު އަޒާން ހުންނެވީ ހަނު އެވެ. ނަމަވެސް މިހާރު ވެރިކަން ކުރާ ޕީއެންސީ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ނުތަނަވަސްކަމުގައި އިއްޔެ ވަނީ ސަރުކާރުގެ މުހިއްމު ކުންފުންޏެއްގައި ކެބިނެޓް ވަޒީރުންގެ ލެވަލްގައި ރައީސް އައްޔަން ކުރެއްވި ފަޒުލް ބޭޒާރުކޮށްލާފައި އެވެ.

ޕީއެންސީގެ މެންބަރަކު ނަން ހާމަނުކުރުމަށް އެދި "ހުރިހާ" އަށް މައުލޫމާތު ދީފައިވާގޮތުގައި ރައީސް މުއިއްޒު ފެކްޝަނުން ދަނީ އަބްދުއްރަހީމް ފެކްޝަންގައި ހުންނެވި ފަޒުލް މަގާމުން ދުރުކުރަން ރާވަމުންނެވެ. އެހެންކަމުން ރައީސް މުއިއްޒުގެ އެންގެވުމަށް އިއްޔެ ހުރިހާ ރައްޔިތުންނަށް ފެންނަގޮތަށް އޭނާ ބޭޒާރުކޮށްލާފައިވާ ކަމަށް ޕީއެންސީގެ މެންބަރު ބުންޏެވެ.