ކަރީނާ ކަޕޫރު އުފަންވީ އިންޑިއާގައި ފާހަގަކުރާ ގަންޕަތީ ފެސްޓިވަލް ކުރިއަށް ދަނިކޮށް، 1980 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ. ކަރީނާ އާ ދެބެއިންގެ ދެދަރި ކުއްޖެއް ކަމަށްވާ، ރިޝީ ކަޕޫރާއި ނީތޫގެ ދަރިފުޅު ރިދިމާ ކަޕޫރު ސަހްނީ އުފަންވީ އޭގެ ހަ ދުވަސް ކުރިން، ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގަ އެވެ.

އޭރު އިންޑިއާގެ ގިނަ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި ރާޖް ކަޕޫރު އޭނާގެ ކާފަ ދަރިންނަށް ކިޔަން ނިންމީ ރިދިމާ އާއި ސިދިމާ އެވެ. އެއީ އެމީހުން އަޅުކަން ކުރާ ގަންޕަތީގެ ދެ އަނބިން ކަމަށް ބުނެވޭ ރިދީ އާއި ސިދީގެ ނަމާ ގުޅުވައިގެން ކަމަށްވެ އެވެ.

ނީތޫ އޭނާގެ ދަރިއަށް ކީ ހަމަ ރިދިމާ އެވެ. އެހެން ނަމަވެސް ބަބީތާ ވަނީ އޭނާގެ ދަރިފުޅުގެ ނަން ސިދިމާ އިން ކަރީނާއަށް ބަދަލުކޮށްފަ އެވެ. ރިޕޯޓުތައް ބުނާގޮތުން ކަރީނާއަށް ބަލިވެ އިން އިރު ބަބީތާ ދިޔައީ ލިއޯ ޓޮލްސްޓޯއީގެ ފޮތް، އެނާ ކެރެނީނާ ކިޔަމުންނެވެ. އަދި އެ ފޮތް ކިޔުމަށް ފަހު ދަރިފުޅުގެ ނަމަކަށް ކިޔަން ނިންމީ ކަރީނާ އެވެ.

ކަރީނާ އަށް ލޯބިން ބޭބޯ ކިޔަން ނިންމީ އޭނާގެ ބައްޕަ ރަންދީރް ކަޕޫރެވެ. ސަބަބަކީ ކަރީނާގެ ދައްތަ ކަރިޝްމާއަށް ލޯބިން ލޯލޯ ކިޔާތީ އެ ނަމާ ގުޅުވައިގެން ނަމެއް ކިޔުމުގެ ބޭނުމުގަ އެވެ.

މީގެ ކުރިން އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ކަރީނާ ބުނީ އޭނާގެ މައިންބަފައިން ބޭނުންވީ ދެ ދަރިންނަށް ވެސް މަޖާ ނަންތަކެއް ކިޔުމަށެވެ. ލޯލޯ އާއި ބޭބޯ މި ނަން އުފެދިގެން އައި ގޮތަކީ އެއީ އެވެ.

ކަރީނާ އާއި ސައިފް އަށް ދާދި ފަހުން ވަނީ ފިރިހެން ކުއްޖަކު ލިބިފަ އެވެ. މި ކުއްޖާއަށް ކިޔާ ނަން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ކަރީނާ ބުނި ދަރިފުޅަށް ކިޔާ ނަމަކީ ސަޕްރައިޒެއް ކަމަށާއި ވަގުތު އައިސް ޖެހުމުން އެ ނަން ހާމަކުރާނެ ކަމަށެވެ.