ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްގެ ރަށްތައް ސިޔާދަތީ ބާރު ރާއްޖެއަށް ލިބުން މާ ހައްގު ކަމަށް ވިދާޅުވެ، އިނގިރޭސިވިލާތުގެ ސަރުކާރަށް ރައީސް މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ ހާމަނުކުރަން ސަރުކާރުން ނިންމައިފި އެވެ.

މައުލޫމާތު ހޯދައިލިބިގަތުމުގެ ގާނޫނުގެ ދަށުން ހޯދަން އެދުމުން، އެ ސިޓީ ހާމަނުކުރަން ނިންމައިފި އެވެ.

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޗާގޯސްގެ ރަށްތައް ރާއްޖެ އަށް ލިބުން "މާ އައުލާންކަން ބޮޑު" ކަމަށާއި އެކަމާ ގުޅޭ ގޮތުން އިނގިރޭސިވިލާތަށް ރަސްމީކޮށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން "މިހާރު" ނޫހާއި "އަދަދު" ނޫހުންވެސް މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ ސިޓީގެ ކޮޕީއެއް ހޯދުމަށް ރައީސް އޮފީހުގައި އެދިފައިވެ އެވެ.

ނަމަވެސް ރައީސް އޮފީހުން ވަނީ އެއީ ހިއްސާކުރެވެން ނެތް މައުލޫމާތުކަން ދެ ފަރާތަށްވެސް އަންގާފަ އެވެ.

އެ ސިޓީ ސިއްރުކުރަން ނިންމާފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 31 ވަނަ މާއްދާއާ ހަވާލާ ދީފަ އެވެ. އެ މާއްދާގައި ބުނެފައި ވަނީ ސަރުކާރުގެ ސިޔާސަތު އެކުލަވާލުމަށް ހުރަސް އެޅިދާނެ ހާލަތެއްގައި މައުލޫމާތު ސިއްރުކުރުމުގެ ބާރު ލިބިދޭ ކަމަށެވެ.

އިނގިރޭސި ސަރުކާރަށް ރައީސް ސިޓީއެއް ފޮނުވަން ނިންމެވީ، ޗާގޯސް މޮރިޝަސް އާ ހަވާލުކުރަން އެއްބަސްވެ ޔޫކޭ އަދި މޮރިޝަސްގެ ސަރުކާރުން ގުޅިގެން ބަޔާނެއް ނެރުމާ ގުޅިގެންނެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ވެސް ވަނީ ނިންމާފަ އެވެ. އެ ނިންމުމަށް ރިއާޔަތްކޮށް ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި ރާއްޖެއާ ޗާގޯސް ޖަޒީރާއާ އާ ދެމެދުން ފުށޫއަރާ ކަނޑުގެ ސަރަހައްދު އެ ކޯޓުން މިދިޔަ ވެރިކަމުގައި ބައި ކުރި އެވެ.

ޗާގޯސް މައްސަލާގައި ކުރީ ސަރުކާރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސް އަށް ފޮނުއްވި ސިޓީ ސިއްރުކުރުމުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. އޭރު އިދިކޮޅުގައި ތިއްބި ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ތުހުމަތުކުރި ގޮތުގައި ޗާގޯސްގެ ރަށްތައް މޮރިޝަސް އަށް ލިބޭ ގޮތަށް އަދި ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމީ އެ ސިޓީއާއި ގުޅިގެންނެވެ.

މި ސަރުކާރުން ވެރިކަމަށް އައީ އޭރު ބައިކުރި ކަނޑުގެ ބަޔަކީ ކުރީ ސަރުކާރުން ގެއްލުވާލި ބައެއް ކަމަށް ބުނެ އެތަން އަނބުރާ ހޯދާނެ ކަމަށް ވައުދުވަމުންނެވެ. ފުރަތަމަ 100 ދުވަސް ތެރޭ އެ މައްސަލަ އިސްތިއުނާފުކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އަދިވެސް އެކަން ވަނީ ނުކުރެވިފަ އެވެ.