މިދިޔަ ނޮވެންބަރު މަހު ދައުލަތުގެ ޓެކްސް އިދާރާ، މީރާއަށް 1.89 ބިލިއަން ރުފިޔާ ބަލައިގަނެފި އެވެ.
މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 13.2 ޕަސެންޓް އިތުރު އަދަދެކެވެ. އަދި، ނޮވެންބަރު 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 19.7 ޕަސެންޓް ގިނަ އަދަދެކެވެ.
މީރާއިން ބުނިގޮތުގައި، ނޮވެންބަރު 2023 ގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު ނޮވެންބަރު 2024 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، މި އަހަރު ބިން ހޯދުމާއި ބަދަލުކުރުމުގެ ފީ އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ގެ ގޮތުގައި އާމްދަނީ ލިބިފައިވާތީ އެވެ. އަދި، ނޮވެންބަރު 2024 ގައި އެއާޕޯޓް ޓެކުހާއި ފީ އާއި ޖީއެސްޓީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފަ އެވެ. މީގެ އިތުރުން، އޮކްޓޫބަރު 2023 އާ އަޅައިބަލާއިރު އޮކްޓޫބަރު 2024 ގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ 8.5 ޕަސެންޓަށް އިތުރުވެފައިވާތީ، އެއާޕޯޓް ޓެކުހާއި ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން ބުންޏެވެ.
މީރާއިން ބުނިގޮތުގައި، ނޮވެންބަރު 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ބިން ހޯދުމާއި ބަދަލުކުރުމުގެ ފީ އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ގެ ގޮތުގައި އާމްދަނީ ލިބިފައިވުމާއި ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސް އިތުރު ކޮށްފައިވާތީއެވެ. މި މަހުގެ ތެރޭގައި އެއްފަހަރާ ނަގާ މި ފީތައް ބަލައިގަނެފައިވުމާއެކު ޖުމްލަ އާމްދަނީ އަންދާޒާޖުރި އާމްދަނީއާ އަޅާބަލާއިރު ރަނގަޅު ނަތީޖާއެއް ލިބިފައިވެ އެވެ.
ނޮވެންބަރު 2024 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 57.9 ޕަސެންޓް ނުވަތަ 1.09 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބިން ހޯދުމާއި ބަދަލުކުރުމުގެ ފީ އިންނެވެ. އެއީ 9.1 ޕަސެންޓް ނުވަތަ 171.62 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި 93.14 މިލިއަން ރުފިޔާ (4.9 ޕަސެންޓް)، އާމްދަނީއިން ނަގާ ޓެކުހުގެ ގޮތުގައި 92.79 މިލިއަން ރުފިޔާ (4.9 ޕަސެންޓް)، ޑިޕާޗާ ޓެކުހުގެ ގޮތުގައި 91.45 މިލިއަން ރުފިޔާ (4.9 ޕަސެންޓް)، އަދި ގްރީން ޓެކުހުގެ ގޮތުގައި 85.73 މިލިއަން ރުފިޔާ (4.5 ޕަސެންޓް) ލިބިފައިވެ އެވެ.
މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 88.17 މިލިއަން ޑޮލަރު ހިމެނެ އެވެ.