މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު އެލާޓް ނެރެފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން މިއަދު ނެރުނު ހުދު އެލާޓްގައި ބުނެފައިވަނީ ށ އަތޮޅުން ފެށިގެން ގދ އަތޮޅަށް މިއަދު ހެނދުނު 10:00 އިން ފެށިގެން 16:00 އަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރޭގެ މެންދަމުން ފެށިގެން މާލެ ސަރަހައްދަށް ވަނީ ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެންބޮޑުވެފަ އެވެ. ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ހަރަކާތްތެރިވަމުން ދާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ސުކޫލުތަކުގެ މިޑް ޓާމް ބަންދު މިއަދު ފަށާއިރު، މިއަދާއި މާދަމާވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ. އަދި މާދަމާއިން ފެށިގެން ކަނޑުތައްވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.

މި ދުވަސްވަރު ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށްވާއިރު، ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.