އިސްލާމިކް މިނިސްޓްރީން ދާރުއްޒިކުރާ މިސްކިތް (ޒިކުރާ މިސްކިތް) އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަން އާއެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ފާހަގަކުރެވޭތީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުވާކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ޑރ. ޒިޔާދުގެ އިތުރުން އޭރު އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއަކަށް ހުރި، މ. އަހްމަދީއާބާދު، އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް އެ މައްސަލާގައި ދައުވާ ކުރުމަށް ވަނީ ފޮނުވާފަ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ 1439 ވަނަ އަހަރުގެ ރަމަޟާންމަހުގެ ކުރިން ޒިކުރާ މިސްކިތް ބޭނުންކުރެވޭ ވަރަށް އެ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް އަވަހަށް ފެށުމަށްޓަކައި އާންމުކޮށް ބީލަމަށް ހުޅުވާނުލައި ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގެ ހުއްދައަށް އެދި ދެފަހަރެއްގެ މަތިން ރައީސް އޮފީހަށް އިސްލާމިކް މިނިސްޓްރީން ސިޓީ ފޮނުވާފައިވާ ކަމަށެވެ.

އެހެންނަމަވެސް އެ ހުއްދަ ނުލިބެނީސް، ތިން ޕްރޮޕޯސަލްއެއްގެ މައުލޫމާތު ހިމަނައި އެ ތިން ފަރާތުގެ ޕްރޮޕޯސަލްގެ ތެރެއިން ސަރުކާރަށް އެންމެ ލުއި ގޮތް ހުށަހަޅާފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަނުން ކަމަށް ބަޔާންކޮށް، އެ ޕްރޮޕޯސަލްތަކުގެ މައުލޫމާތު ރައީސް އޮފީހަށް ފޮނުވާފައިވަނީ އެ ޕްރޮސެސްއަކީ ކޮމްޕެޓިޓިވް ޕްރޮސެސްއެއްކަން ދައްކަންކަމަށް ތަހުގީގަށް ގަބޫލުކުރެވޭ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އެ ޕްރޮޕޯސަލް ރައީސް އޮފީހަށް ފޮނުވީ ޑރ. ޒިޔާދު ސޮއިކުރައްވާފައިވާ ސިޓީއަކާ އެކުއެވެ. ނަމަވެސް އެ ޕްރޮޕޯސަލްތަކަކީ ކިހިނެތް، ކޮންގޮތަކަށް ހޯދާފައިވާ ޕްރޮޕޯސަލްތަކެއްކަން އެ މިނިސްޓްރީގެ ރެކޯޑްތަކުން އެނގެން ނެތް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެ ކޮމިޝަނުން ބުނިގޮތުގައި އިސްލާމިކް މިނިސްޓްރީން އެކަމުގައި އަމަލުކޮށްފައި ވަނީ އާންމުކޮށް އެ މިނިސްޓްރީން އަމަލުކުރާ އުސޫލާ ޚިލާފަށެވެ. އަދި އަދި އިސްލާމިކް މިނިސްޓްރީއިން އެފަދަ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވާ އެއްވެސް މުވައްޒަފަކު އެ ޕްރޮޕޯސަލްތައް ހޯދުމުގައި ބައިވެރިވެފައިނުވާކަން ތަހުގީގަށް އެގިފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުންޏެވެ.

ތަހުގީގަށް ލިބިފައިވާ ކިތާބީ ހެކިތަކުންނާއި، ޝަފަހީ ހެކިތަކަށް ބަލާއިރު، އެސްޖޭ ކޮންސްޓްރަކްޝަނާ އެމަސައްކަތް ހަވާލުކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަން އެނގެން އޮންނަ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.