ފޭސްބުކްގައި ރައްޓެއްސަކު ލިޔުނީ މިއަދަކު ނަޖާޝީއެއް ނެތް ކަމަށެވެ. ކުރު އެހެނަސް މާނައިން ފުރިގެންވާ ވާހަކައެކެވެ. ނަޖާޝީގެ ނަން މުސްލިމް ދުނިޔޭގައި މަޝްހޫރުވެފައި ވަނީ އިސްލާމްދީނުގެ އެންމެ ޅަފަތުގައި މައްކާގައި ދީނަށް އުޅެވެން ނެތިގެން އަމާންކަމާއެކު ދީނަށް އުޅުމަށްޓަކައި މައްކާއިން ހަބުޝް ކަރަޔަށް ހިޖުރަކުރި މުސްލިމުނަށް ހިމާޔަތް ދެއްވި ބޭފުޅެއްގެ ގޮތުގަ އެވެ. ނަޖާޝީގެ ވާހަކަ ކުއްލިޔަކަށް ފެންމަތި މިވީ އިއްޔެ ނޫހެއްގައި ރާއްޖޭގެ އިމިގެރޭޝަނާ ހަވާލާދީ ލިޔުނު ރިޕޯޓަކާ ގުޅިގެންނެވެ. އެ ރިޕޯޓުގައިވާގޮތުން އިސްލާމްދީން ގަބޫލުކުރުމުގެ ނަތީޖާއެއްގެ ގޮތުން އަމިއްލަ ވަޒަނުގައި ސަލާމަތްކަމާއެކު އުޅުމަށް ނުރައްކާވުމުގެ ސަބަބުން ރާއްޖެއަށް ހިޖުރަކޮށް ދިރިއުޅޭތާ 12 އަހަރު ވެފައިވާ ފްރާންސްގެ އާއިލާއެއް ރާއްޖެއިން ބޭރުކޮށްލަން ނިންމާފައިވާ ވާހަކަ އެވެ.

ރާއްޖޭގެ ތާރީޚަށް ބަލާއިރު ބޭރުން މީހުން ހިޖުރަކުރުމަކީ އާންމު ކަމެކެވެ. ހުރާ ދޮން މަރުދުރަކީ ހުރާގައި ވަޒަންވެރިވި ބޭރު މީހެކެވެ. އޭނާގެ ދަރިކޮޅަކީ ހުރަވީ އާއިލާ އެވެ. އަތިރީގޭ ޚާންދާން ނިސްބަތް ވަނީ އެ ދަރިކޮޅަށެވެ. އެނޫނަސް މަޝްހޫރު ކިތަންމެ ދިވެހި އާއިލާއެއްގެ ފެށުން ބޭރުގެ ގައުމުތަކާ ގުޅެ އެވެ. އެހެންކަމުން ދިވެހިންނަކީ ގަދީމީ ޒާމާނުއްސުރެ ބޭރު މީހުންނަށް މަރުހަބާ ކިޔާ މެހްމާންދާރީ އަދާކުރާ ބައެއްކަން އެނގެ އެވެ.

ރާއްޖޭގެ ރަށެއްގައި ދިރިއުޅޭތާ 12 އަހަރުވެފައިވާ ފްރާންސްގެ އާއިލާއާ ބެހޭ ގޮތުން ނޫހުގައިވާ މައުލޫމާތަށް ބަލާއިރު އެ އާއިލާ ފްރާންސް ދޫކޮށްލަން ޖެހުނީ އިސްލާމް ދީން ގަބޫލުކޮށް އެދީނަށް ވަނުމުން ކުރިމަތިވި ހާލަތެއްގެ ސަބަބުންނެވެ. އަމިއްލަ ގައުމުގައި އެމީހުންނަށް އިސްލާމް ދީނަށް އުޅެވެން ނެތިގެންނެވެ. އަނބުރާ ގޮސްފިނަމަ ފުރާނައަށް ގެއްލުންވާނެ ކަމަށް އެމީހުން ބުނެ އެވެ. މިފަދަ ހާލަތަކީ ބައިނަލްއަގުވާމީ ރެފިއުޖީންނާ ބެހޭ ހުރިހާ މުއާހަދާއެއްގެ ދަށުން ވެސް ހިމާޔަތް ދޭން ޖެހޭ ފަދަ ހާލަތެކެވެ. އެހެން ނަމަވެސް ރާއްޖެއަކީ މިފަދަ އެއްވެސް މުއާހަދާއެއްގައި ސޮއިކޮށްފައިވާ ގައުމެއް ނޫންކަމުން އެފަދަ މުއާހަދާއަކަށް ތަބައަވާން ރާއްޖެއަކަށް މަޖުބޫރެއް ނޫނެވެ. އެހިސާބުން އުފެދޭ ސުވާލަކީ އެފަދަ ބަޔަކު ގަދަކަމުން ފޮނުވާލުމަށް ދިވެހިން ރުހޭ ހެއްޔެވެ؟

މި މައްސަލާގައި ރާއްޖޭގެ އާބާދީގެ ބޮޑު ބައެއްގެ ޚިޔާލު ތަފާތެވެ. ދީނީ އިލްމުވެރިއެއްކަމުގައިވާ ޝޭއިޚް މުހައްމަދު ޝާފިއު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ "ކާފިރު ގައުމުތަކުން މުސްލިމު ގައުމުތަކަށް ހިޖުރަކުރުމަކީ ގިޔާމަތާ ޖެހެންދެން ހުޅުވިފައިވާ ދޮރެއް" ކަމަށެވެ. އަދި ހަމަ އެފަދައިން މުސްލިމުންނަކީ އަޚުންކަމުގައި ވެސް އެ ޕޯސްޓުގައި ޝެއިޚް ލިއުއްވާފައިވެ އެވެ. ދީނީ ގޮތުން ގިނަ ބަޔަކު އެގޮތަށް ވަކާލާތު ކުރަމުން ދާއިރު އާންމުންގެ ވެސް ބޮޑު ބައެއްގެ ޚިޔާލުހުރީ ދީނަށްޓަކާ ހިމާޔަތަށް އެދިގެން އައި ބަޔަކު އަނބުރާ ނުރައްކަލުގެ ތެރެއަށް ފޮނުވާލުމާ ދެކޮޅަށެވެ. އެހެން ނަމަވެސް މިކަމާ ދެކޮޅު ބަޔަކު ވެސް އެބައުޅެ އެވެ.

ފްރާންސްގެ އާއިލާ ރާއްޖެއިން ފޮނުވާލަން ޖެހޭނެ ކަމަށް ބުނާ މީހުންގެ ހުއްޖަތަކީ ގާނޫނު އެންމެންނަށް އެއްގޮތަކަށް ހިނގަން ޖެހޭނެ ކަމަށެވެ. އެމީހުން ދައްކަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅޭ ބަންގްލަދޭޝް މީހުން ފޮނުވާލެވޭ ކަމަށްވާނަމަ ފްރާސްގެ އާއިލާ ވެސް ފޮނުވާލެވެން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ހަގީގަތުގައި ބަންގްލަދޭޝް ނުވަތަ އެހެންވެސް އަވަށްޓެރި ގައުމުތަކުން ރާއްޖޭގައި ގަވާއިދުންނާއި ގަވާއިދާ ޚިލާފަށް އުޅޭ މީހުނާ ފްރާންސްގެ އާއިލާ ތަފާތެވެ.

ދުނިޔޭގެ އެއްތަނުން އަނެއް ތަނަށް މީހުން ހިޖުރަކުރާ ތަފާތު ސަބަބުތަކެއް ހުރެ އެވެ. މީގެ ތެރެއިން އެންމެ މައިގަނޑު ދެހާލަތަކީ ރައްކާތެރިކަމާ ހިމާޔަތަށް އެދިގެން ކުރާ ހިޖުރައާއި ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ ބޭނުމުގައި ކުރާ ހިޖުރަ އެވެ. މި ދެ ވައްތަރުން ކުރެ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބޭރު މީހުން ފެތެނީ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އައިސް އުޅޭ މީހުންގެ ގިންތިއަށެވެ. އެ ބާވަތުގެ މީހުންނަކީ އިގުތިސާދީ މަންފާއަށްޓަކައި ހިޖުރަ ކުރާ މީހުންނެވެ. ދުނިޔޭގެ އެއްވެސް ގައުމެއްގައި މިފަދަ މީހުންނަށް މަރުހަބާ ކިއުމެއް ނޯވެ އެވެ. ބައިނަލް އަގުވާމީ ގާނޫނުތަކުން ވެސް އެމީހުނަށް ހިމާޔަތް ދޭން ޖެހޭ ކަމަށް ބަޔާނެއް ނުކުރެ އެވެ.

ރާއްޖޭގައި ވިސާނެތި އުޅޭ އެހެން ހުރިހާ މީހުންނާ ޚިލާފަށް ފްރާންސްގެ އާއިލާއަކީ އިގްތިސާދީ މަނަފާއެއް ހޯދުމުގެ ނިޔަތެއް ނެތި ހަމައެކަނި އުފަން ގައުމުގައި އިސްލާމް ދީނަށް އުޅެވެން ނެތިގެން ސަލާމަތްކަން ހޯދުމަށްޓަކައި ރާއްޖޭގައި ދިރި އުޅެމުން ގެންދާ ބައެކެވެ. ބައިނަލް އަގުވާމީގާނޫނުތައް ބާރުއަޅަނީ މިފަދަ މީހުނަށް ހިމާޔަތް ދިނުމަށެވެ.

ނޫހުގައިވާ ރިޕޯޓުތަކަށާއި މީހުން ދައްކާފައި ހުރި ވާހަކަތަކަށް ބަލާއިރު ފާއިތުވި 12 އަހަރުގެ ތެރޭގައި މި އާއިލާގެ ފަރާތުން އެމީހުން އުޅޭ ރަށުގެ އާބާދީއަށް ދިމާވި އެއްވެސް އުނދަގުލެއް ތުރާލެއްނެތެވެ. އޭގެ ބަދަލުގައި އެމީހުން އަންނަނީ ރަށުގެ އިޖުތިމާއީ ވެށްޓަށް ހޭނި ރަށުގެ ރައްޔިތުން ކުރާ މަސައްކަތުގައި ބައިވެރިވެ އަމިއްލައަށް ފުދިގެން ދިރިއުޅެމުންނެވެ.

ލިބޭ މައުލޫމާތުތަކަށް ބަލާއިރު ރާއްޖެއިން އާމްދަނީ ހޯދައިގެން އަމިއްލަ ގައުމަށް ޑޮލަރު ފޮނުވުން ފަދަ ކަމެއް އެމީހުން ނުކުރެ އެވެ. ބަރާބަރަށް ނަމާދުކޮށް ރޯދަ ހިފާ އިސްލާމްދީނަށް އުޅެނީ ބަޔަކަށް އުނދަގުލެއް ނުކޮށެވެ. އެހެންކަމުން އިސްލާމް ދީނަށްޓަކައި ރާއްޖެއަށް ހިޖުރަކުރި އެ އާއިލާ ބިކަކޮށް ހާލުގައި ޖައްސާލުމަށް ދޫކޮށްކުމަކީ ކުރަން ހެޔޮވާވަރުގެ ކަމަކަށް ނުވާނެ އެވެ. ދިވެހިން އިންސާނީ ހަގުތަކަށާއި އިސްލާމްދީނަށް ހުރި ލޯތްބާއި ކުރާ އިހުތިރާމަށް މި އާއިލާ ވެގެންދާނީ ކުރިމަތިވާ އިމްތިހާނަކަށެވެ.