ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައި ފިޔަވަޅުތަކަށް އިތުރަށް ވަރުގަދަ ނުކުރިޔަސް ފިޔަވަޅުތަކަށް ލުއި ދެވޭކަށް މިވަގުތު ނެތް ކަމަށް ޓެކްނިކަލް އެޑްވައިވައިޒަރީ ގްރޫޕް (ޓެގް) އިން ބުނެފި އެވެ.
ޓެގް އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަހުމަދު ޝަހީދު ވިދާޅުވީ އަދިވެސް މުޖްތަމައުގައި ބަލި އޮތީ ކަންބޮޑުވާން ޖެހޭ ހާލަތެއްގައި ކަމަށެވެ. މިގޮތުން، މިދިޔަ ހަފްތާގެ ޓްރެންޑްތައް ހިއްސާކުރައްވަމުން ޝަހީދު ވިދާޅުވީ މިވަގުތު ފިޔަވަޅުތައް ވަރުގަދަ ނުކުރަން އެޓީމުން ނިންމާފައި ވިޔަސް އަދި ފިޔަވަޅުތަކަށް ލުއި ދެވެން ނެތް ކަމަށެވެ.
ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އާންމުކޮށް 100 އިން މަތީގައި އުޅޭތާ މަހަކަށް ވުރެ ގިނަ ދުވަސްވަނީ ވެފަ އެވެ. މިއާއެކު ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް އެއްފަހަރާ އެއްވެ އުޅޭ މީހުންގެ އަދަދު ވެސް ވަނީ މަދުކޮށްފަ އެވެ. އަދި ކެފޭތަކާއި ރެސްޓޯރެންޓްތަކުން ހިދުމަތްދެވޭ ގަޑިތަކަށް ވަނީ ބަދަލު ގެނެސްފަ އެވެ. މީގެ އިތުރުން ޕާކުތަކާއި މައިޒާންތައް ފަދަ މީހުން އެއްވެ އުޅޭ ތަނަތަން ވެސް ވަނީ ބަންދުކޮށްފަ އެވެ.
މި ފިޔަވަޅުތަކާއެކު ފެބްރުއަރީ މަހު ޕޮޒިޓިވްވި މީހުންނާ އަޅާބަލާއިރު މިހާރު ޕޮޒިޓިވްވާ މީހުންގެ ނިސްބަތް ދަށްވާން ފަށާފައިވާ ކަމަށް ޑރ. ޝަހީދު ވަނީ ވިދާޅުވެފަ އެވެ.
"މާޗު މަހުގެ ފުރަތަމަ ހަފްތާއާއި ދެވަނަ ހަފްތާގަ ވެސް، ހަފްތާއެއްގެ މައްޗަށް ފައްސިވާ މީހުންގެ އަދަދު ދަށަށްދާ ކަމަށް ގްރާފުން އެބަ ދައްކާ،" އޭނާ ވިދާޅުވި އެވެ.
ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު ވެސް ދަށްވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، އެޑްމިޓްކުރާ މީހުންގެ އަދަދު ދަށްވާން ފެށީ ކްރައިޓީރިއާއަށް ގެނެވުނު ބަދަލާއެކުގައި ކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދު ހިތްހަމަ ޖެހޭވަރަށް ދަށްނުވާ ކަމަށެވެ.
އެކްޓިވް ސަވައިލެންސްގެ ތެރެއިން ފާއިތުވެދިޔަ ފެބްރުއަރީ މަހަކީ ޕޮޒިޓިވްވާ މީހުންގެ އަދަދު ނިސްބަތުން އެންމެ މައްޗަށް ދިޔަ މަހެވެ. އެއަށްފަހު އެއަދަދު މަޑުމަޑުން ދަށްވާން ފެށިނަމަވެސް، އަނެއްކާ ވެސް މިދިޔަ ހަފްތާގައި މިއަދަދު ވަނީ މަތިވެފައި ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮންމެ ހަފްތާއެއްގަ ވެސް ޓްރެންޑްސް ދިރާސާކުރަނީ އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގެ މަގުސަދުގައި ކަމަށެވެ. އެހެންނަމަވެސް ލުއި ދެވޭނީ ބަލި ކޮންޓްރޯލްވާ ނިސްބަތުންކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ
ލުއިދެވޭކަށް ނުއޮންނާނެ. އެއީ ލުއި ދީފިނަމަ ވައްކަން ނުކުރެވޭނެތީއެވެ. ސާބަހޭ ގުޅިގެން ތިކުރާ ވައްކަމަށް.