ލ. ގަމުގައި އާދީއްތަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު އަންހެން މީހާ މިއަދު ހެނދުނު މަރުވެއްޖެ އެވެ.

ގަން، ވެލަނބުލިގެ، ފާތިމަތު މަނިކެ 55 މަރުވީ އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު އެވެ.

ގަން ރީޖަނަލް ހޮސްޕިޓަލުން ބުނީ އެކްސިޑެންޓުގައި ފާތިމަތު މަނިކެގެ ބޮލަށް ވަނީ ބޮޑެތި އަނިޔާތަކެއްވެ، ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށެވެ.

ފާތިމަތު މަނިކެގެ ޖަނާޒާ ބޭއްވިފައި ވަނީ މިއަދުގެ ހުކުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.

މި މަހުގެ 14 ވީ އާދީއްތަ ދުވަހު ހިނގި އެ އެކްސިޑެންޓުގައި ތިން މީހަކަށް އެކިވަރުގެ އަނިޔާވެފައިވެ އެވެ. އެއީ، 55 އަހަރުގެ ފާތިމަތު މަނިކެއަށާއި، 28 އަހަރުގެ ދިވެހި އަންހެނަކަށް އަދި 32 އަހަރުގެ ބިދޭސީ އަކަށެވެ.

އިއްޔެ ހެނދުނު އައްޑޫ ހިތަދޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ވެސް ވަނީ މަރުވެފަ އެވެ.