ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި "ސްކުއިޑް ގޭމް"ގެ ދެވަނަ ސީޒަން މިދިޔަ ހަފްތާގައި ވަނީ ނެޓްފްލިކްސްގައި ރިލީޒް ކުރެވިފަ އެވެ.
ސްކުއިޑް ގޭމްގެ ސީޒަން 2 ރިލީޒް ކޮށްގެން ދުވަސްތަކެއް ވެފައިވާއިރު އެ ސީޒަންއާ ބެހޭގޮތުން އާއްމުންގެ ނިންމުން މިވަނީ ފެންމަތިވެފަ އެވެ. އެ ސީޒަން ބެލި ގިނަ މީހުން ބުނާ ގޮތުގައި މި ސީޒަންއަކީ އެއްވެސް އޮއްޓަރެއް ނެތް "ވަގުތު ބޭކާރު ކުރުވި" ސީޒަން އެކެވެ.
"ސްކުއިޑް ގޭމް"ގެ ފުރަތަމަ ސީޒަނަށް މުޅި ދުނިޔެއިން ވެސް ބޮޑު ތަރުހީބެއް ލިބުނުއިރު އެ ސީރީޒްގެ ދެވަނަ ސީޒަންއަކީ ވެސް އެހާ ޝައުގުވެރި ސީޒަންއަކަށް ވާނެ ކަމަށް ގިނަ މީހުން އުއްމީދުކުރި އެވެ. އެހެން ނަމަވެސް އެއާ ޚިލާފަށް ދެވަނަ ސީޒަން ވެގެންދިޔައީ ފުރަތަމަ ސީޒަނާ އަޅާބަލާއިރު ފެންވަރު ދަށް ސީޒަނެއް ކަމަށް އެ ސީޒަން ބެލި މީހުން ބުނެ އެވެ.
ސްކުއިޑް ގޭމްގެ ދެވަނަ ސީޒަނާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ހިޔާލު ފާޅު ކުރަމުން އަންނައިރު ބުނެވެން އޮތީ އެ ސީޒަނަށް ބެލުންތެރިން ދީފައިވަނީ "ޒީރޯ ރިޕޯޓެއް" ކަމުގަ އެވެ.