ހިތްވަރުގެ ބަސްތަކަކީ ބޮޑެތިވަމުން އަންނަ ކުދިންނަށް ވަރަށް މުހިންމު އެއްޗެއް. އޭނާގެ މަންމަ ދިން ހިތްވަރުގެ ބަސްތަކާއެކު އޭނާ ބޮޑުވަމުން އައީ މީހުން ކުރާ މަސައްކަތް ދަސްކުރަމުން. އެއްވެސް ކޯހަކަށް ނުގޮސް ފެހުމާއި، ކޭކުއެޅުމާއި އަދި މާ ހެދުމުގެ މަސައްކަތް ވަރަށް ފަރިތަކޮށް ކުރޭ. މާ ފެނުމުން އުފާވާ ޝަރުމާގެ ގިނަ ވަގުތު ހޭދަކުރަނީ ތަފާތު މެޓީރިއަލްސް ބޭނުންކޮށްގެން މާ ހެދުމުގައި. މާ ހަދަން ބޭނުންކުރާ މެޓީރިއަލްސް ގެންނަނީ ރާއްޖޭން ބޭރުން. އޭނާގެ މަސައްކަތުގައި ފިރިމީހާގެ އެހީތެރިކަން ވަރަށްބޮޑަށް ލިބޭ.

ބޮޑެތި މީހުން ވަކިން ޚާއްސަކޮށް ގާތް މީހުންދޭ ހިތްވަރުގެ ބަސްތަކަކީ ބޮޑެތިވަމުން އަންނަ ކުދިންނަށް ވަރަށް މުހިންމު އެއްޗެކެވެ. ކުޑަކުދިންނަށް ބޮޑު ބަދަލެއް ގެނެސްދޭކަން ތ. ގުރައިދޫއަށް އުފަން އެރަށު ފުނަމާ ޝަރުމާ އަލިމަނިކު (ޝަރުމާ) ގެ ދިރިއުޅުމަށް ބަލައިލުމުން އެކަން ވަރަށް ރަނގަޅަށް ސާފުވެ އެވެ.

ޝަރުމާ ބުނާގޮތުގައި ކުޑައިރު އޭނާގެ މަންމަ އެކި މަސައްކަތް ކުރުމަށް ވަރަށް ބޮޑަށް ހިތްވަރުދެ އެވެ. އެނގޭކަމެއް ކުރަންވާނެ ކަމަށާއި އަދި ކޭކުގެ މަސައްކަތް ވެސް ކުރުމަށް އަބަދުވެސް އޭނާގެ މަންމަ ވަރަށް ބޮޑަށް ހިތްވަރު ދެ އެވެ.

ޝަރުމާ ކޭކުގައި އައިސިން ޖަހަނީ: ހިތްވަރު ދިނުމަކީ ފައިދާ ހުރިކަމެއް

އެވިސްނުމާއެކު އޭނާ ބޮޑުވަމުން ދިޔައިރު ބޮޑެތިމީހުންކުރާ މަސައްކަތް ގާތުން ބަލާ ދަސްކުރެ އެވެ. އެގޮތުން އޭނާ ދަސްކުރި އެއްކަމަކީ އާއިލާގެ ތެރޭގައި އުޅޭ ފަހާ މީހުންގެ ކައިރިން ފެހުމުގެ މަސައްކަތެވެ. ސްކޫލް ނިމުނުއިރު ޝަރްމާއަށް ހުރީ އަމިއްލަށް ހެދުން ކަނޑައި ފަހަން ވެސް ދަސްވެފަ އެވެ.

އޭގެ އިތުރުން އޭނާ ވަނީ ތަފާތު ވައްތަރުގެ ކޭކު ވެސް އަޅަން ދަސްކޮށްފަ އެވެ.

"އެންމެ ގިނައިން އަޅަނީ ކަށިކެޔޮ ކޭކާއި ކަނަމަދު ކޭކު. އެ ދެ ވައްތަރުގެ ކޭކު މިރަށުގައި ވަރަށް ވިކޭ. ކައިރި ރައްރަށަށާއި މާލެއަށް ވެސް އެދެ ވައްތަރުގެ ކޭކު ފޮނުވަން،" ޝަރުމާ ބުންޏެވެ.

މަލަށް ޚާއްސަ ލޯތްބެއް: މާފެނުމުން ތަފާތު އިހްސާސްތަކެއް ކުރުވާ

ޝަރުމާގެ ޝައުގުވެރިކަން ހުރި ތިންވަނަ މަސައްކަތަކީ މަލެވެ. އަބަދުވެސް މާފެނުމުން އުފާވެރިކަމުގެ އިހްސާސެއް ލިބޭކަމަށް އޭނާ ބުންޏެވެ. މާހަދަން ދަސްކުރުމަށްޓަކައި އޭނާ ގިނަގުނަ މަސައްކަތްތަކެއް ވެސް ކުރި އެވެ. ޔޫޓިއުބުންނާއި ފޭސްބުކްއިން މާ ހަދާ ތަފާތު ވީޑިއޯތައް ބަލައި އެގޮތަށް މާހެދޭތޯ އުޅެ އެވެ. މާ ހަދަން ދަސްވުމުން އެންމެފުރަތަމަ އޭނާ ހެދީ ސަން ފްލާވާއެކެވެ.

"އެއްވެސް ކޯހެއް ނަހަދަން. ކުއްޖެއް ކައިރިން އަހައިގެން ދަސްކުރީ. އެކުއްޖާ މާ ހަދާތަން ބަލައިގެން އެންމެ ފުރަތަމަ މަލެއް ހެދީ،" ޝަރުމާ ބުންޏެވެ.

އޭ4 ގަނޑު ބޭނުން ކޮށްގެން ހަދާފައިވާ މާ އަދި ބޮލުގައި އަޅާ ބޭންޑެއް

އޭނާ މާހަދަނީ ތަފާތު މެޓީރިއަލްސް ބޭނުންކޮށްގެނެވެ. އޭގެ ތެރޭގައި އޭ 4 ކަރުދާހާއި، ފައިޕް ކްލީނާ އާއި ފޯމް ގަނޑެވެ. ސްޓޮކިންސް އާއި ޕެލެޓް ގަނޑު ވެސް ބޭނުންކޮށްގެން އެކި ވައްތަރުގެ ރީތި މާތައް ހަދާލުމަކީ ޝަރުމާއަށް މިއަދު އެއްވެސް ކަމެއް ނޫނެވެ.

"ބައެއްފަހަރު ސްކޫލް އިވެންޓްތަކަށް މިސާލަކަށް މަދަހަ މުބާރާތާއި، ޕޭރަންޓްސް ޑޭ، އަދި ޓީޗާސް ޑޭ ފަދަ ދުވަސް ދުވަހަށް މާހަދަން. ޖީބުގައި ހަރުކުރާ މާކޮޅު ވެސް ހަދައިދެން،" އޭނާ ބުންޏެވެ.

ޖީބުގައި ހަރުކުރާ މާކޮޅުތަކެއް: މިއީ ކުރަން ވަރަށް ރަނގަޅު މަސައްކަތެއް

މާހަދަން ބޭނުންކުރާ ތަކެތި އޭނާ އާންމުކޮށް ގެންނަނީ ރާއްޖޭން ބޭރުންނެވެ. އެއްވެސްގޮތެއް ނެތިގެން ނޫނިއްޔާ ރާއްޖެއިން އެތަކެތި އޭނަ ނުގަނެ އެވެ.

"އާންމުކޮށް ގެންނަނީ އިންޑިއާއިންނާއި ލަންކާއިން. އެއްފަހަރަކު 22 ޕައިޕް ކްލީނާ މާހަދަން އޯޑަރެއް ލިބުމުން. އަޅުގަނޑު އަތުގައި ހުރި އެއްޗެހި މަދުވެގެން މާލޭގެ ވަރަށް ގިނަ ތަންތަނަށް މީހުން ފޮނުވައިގެން ބެލިން. އެތަންތަނުން ވެސް ހަމައަކަށް ނުލިބުނު. އޭރު އިނީ 3 ދުވަސް މަސައްކަތް ނިންމަން، ފަހުން ދެން ލިބުނު،" ޝަރުމާ ބުންޏެވެ.

ޕައިޕް ކްލީނާ ބޭނުން ކޮށްގެން ހަދާފައިވާ މާތަކެއް

މަސައްކަތް ކުރާހިތްވަންޏާ ވަގުތު ހޯދޭނެ

ޝަރުމާއަކީ ވަރަށް ގިނަ މަސައްކަތް ކުރާ މީހެކެވެ. ކުދިންނާއި ގޭތެރޭގެ ކަންކަން ބަލަހައްޓަމުން އޭނާ ކޭކުއެޅުމާއި ހެދުން ފެހުމަށް ޝައުގުވެރިވާތީ އެމަސައްކަތް ކުރުމަށް ވަގުތު ހުސްކުރެ އެވެ. އޭގެ އިތުރިން މަލުގެ މަސައްކަތް ކުރާއިރު ލިބިފައިވާ އޯޑަރު ގިނަނަމަ، ރޭގަނޑު ވަރަށް ދަންވަންދެން އޭނާ މާހަދަން ހޭލާ ހުންނަން ޖެހޭ ފަހަރުވެސް އާދެ އެވެ.

ޝަރުމާ ބުނިގޮތުގައި މަލުގެ މަސައްކަތް ލިބޭ ދުވަސްވަރު ރަނގަޅު ފައިދާއެއް ލިބެ އެވެ. ވީމާ މިމަސައްކަތީ ކޮންމެ މީހަކުވެސް ކުރަން ހަމަ ވަރަށް ރަނގަޅު ކަމެއްކަމަށް އޭނާ ބުންޏެވެ. އޭނާ ކައިރިއަށް މާހަދަން ދަސްކުރަން ބޭނުންނަމަ ދަސްކޮށްދޭން ވެސް ހުރީ ތައްޔާރަށެވެ.

ޝަރުމާ ސްކޫލް ނިމުނު އިރު އަމިއްލައަށް ހެދުން ކަނޑައިގެން ފަހަން އިނގޭ

އޭނާގެ މަސައްކަތުގައި ހިފަހައްޓާލަނީ ގިނަ ފަރާތްތަކެއްގެ އެހީގެ ސަބަބުންނެވެ. އެންމެ ބޮޑު އެހީތެރިކަމެއް ވެދެނީ އޭނާގެ ފިރިމީހާކަން ވަރަށް އުފަލާއެކު ފާހަގަކުރި އެވެ.