އެމެރިކާގެ މުހިންމު އިދާރާތަކެއްގެ ޓެކްނޮލޮޖީ ނިޒާމަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، އެ ގައުމުގެ އެގްރިކަލްޗާ ޑިޕާޓްމަންޓް (ޔޫއެސްޑީއޭ) އަދި ތަހުގީގީ އިދާރާ އެފްބީއައިގެ ސިސްޓަމްތަކަށް ހެކަރުން ވަދެގަނެފައިވާ ކަމަށް އެމެރިކާގެ މީޑިއާތަކުން ހުކުރު ދުވަހު ރިޕޯޓްކޮށްފި އެވެ.
މި ހާދިސާތަކުގެ ތަފްސީލު އެންމެ ފުރަތަމަ ހާމަކޮށްފައިވަނީ އެންބީސީ ނިއުސް އަދި ސީއެންއެން އިންނެވެ. ނަމަވެސް، މި ދެ ހަމަލާއަކީ އެއް ބަޔަކު ދިން، ގުޅިފައިވާ ހަމަލާތަކެއް ކަމެއް އަދި މިކަމުގެ ފަހަތުގައިވަނީ ކޮން ބައެއް ކަމެއް އަދި ސާފުވެފައެއް ނުވެ އެވެ.
ފާއިތުވި ހަފުތާތަކުގައި އެމެރިކާގެ ޓެކްނޮލޮޖީ ނިޒާމަށް ދިމާވި ބޮޑެތި މައްސަލަތަކުގެ ސަބަބުން ދަތުރުފަތުރާއި، މުވާސަލާތީ ހިދުމަތްތަކުގެ އިތުރުން އޮންލައިން ވިޔަފާރިތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް އެޅިފަ އެވެ. އަދި ނޭޝަނަލް ސެކިއުރިޓީ އެޖެންސީ (އެންއެސްއޭ) ގެ އެންމެ ސިއްރު ނެޓްވޯކަކަށް ވެސް މިކަމުގެ އަސަރު ވަނީ ކޮށްފަ އެވެ. މި ހާލަތާ ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކަންބޮޑުނުވެ ހަމަޖެހިގެން ތިބުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފަ އެވެ. އަދި އޮފިޝަލުން ވިދާޅުވާ ގޮތުގައި މި މައްސަލަތަކަކީ ޖިނާއީ އަމަލަކާ ގުޅުންހުރި ކަންކަމެއް ނޫނެވެ.
އެންބީސީ އިން ޔޫއެސްޑީއޭގެ ކުރީގެ ދެ އޮފިޝަލަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ދަނޑުވެރިންނަށް ފައިސާ ދެއްކުމަށް ބޭނުންކުރާ ނިޒާމަކަށް ސައިބާ ހަމަލާއެއް އަމާޒުވެފައިވާކަން އެ އިދާރާއިން ވަނީ މުވައްޒަފުންނަށް އަންގާފަ އެވެ. ކުރީގެ އޮފިޝަލުން ކަންބޮޑުވުން ފާޅުކުރި ގޮތުގައި، ހެކަރުން މި ފައިސާ ދައްކާ ނިޒާމު ބޭނުންކޮށްގެން ނާޒުކު އަދި މުހިންމު މައުލޫމާތުތަކަށް ވާސިލުވުމުގެ ފުރުސަތު އެބައޮތެވެ. އަދި އެ އިދާރާއަކީ ނުރައްކާތެރި ބަޔޮލޮޖިކަލް ކަންކަމާ ގުޅޭ ދިރާސާތައް ކުރާ ތަނަކަށް ވުމުން، ދުޝްމަނުންގެ އަތްދަށަށް އެ މައުލޫމާތު ގޮސްފިނަމަ، އެމެރިކާއާ ދެކޮޅަށް އެކަން ބޭނުންކޮށްފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް އޮފިޝަލަކު ވިދާޅުވި އެވެ.
ސީއެންއެން އިން ރިޕޯޓްކުރި ގޮތުގައި، މިއީ ފާއިތުވި ސެޕްޓެމްބަރު މަހަށް ފަހު އެފްބީއައިގެ ސިސްޓަމްތައް ހެކްކުރި ދެވަނަ ފަހަރެވެ. މިފަހަރު ހެކަރުން ވަދެގަނެފައިވަނީ މުޅި ގައުމުގެ ކުށުގެ ރެކޯޑުތައް ބަލަހައްޓާ "ނޭޝަނަލް ކްރައިމް އިންފޮމޭޝަން ސެންޓަރު" (އެންސީއައިސީ) ގެ ސިސްޓަމަށެވެ. މިއީ ފެޑެރަލް، ސްޓޭޓް އަދި ލޯކަލް ފުލުހުން ކޯޓު އަމުރުތަކާއި، ކުށުގެ ވެށީގެ މައުލޫމާތު ބަލައި، ބެކްގްރައުންޑް ޗެކް ހެދުމަށް ބޭނުންކުރާ މައިގަނޑު ޑޭޓާބޭސް އެވެ. މިކަމުގެ ސަބަބުން ފުލުހުން ބަރޯސާވާ މައުލޫމާތުގެ ސައްހަކަން ގެއްލި، އޮފިސަރުންނާއި އާންމުންގެ ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަމަށް ކުރީގެ އޮފިޝަލުން ބުނެ އެވެ.
މައިކްރޯސޮފްޓް އައުޓްލުކް އާއި އެފްއޭއޭ އަށް ދިމާވި ޓެކްނިކަލް މައްސަލަތަކާ ހިލާފަށް، މި ދެ އިދާރާއަށް ދިމާވެފައިވަނީ ސީދާ ހެކަރުންގެ ހަމަލާތަކެއް ކަމަށް ވަނީ ބެލެވިފަ އެވެ.
މީގެ ކުރިން ސެޕްޓެމްބަރު މަހު ވެސް "ޝައިނީ ހަންޓާސް" ނަމަކަށް ކިޔާ ހެކަރުންގެ ގުރޫޕަކުން ވަނީ އެފްބީއައިގެ ވަޒީފާތަކާ ބެހޭ ވެބްސައިޓަކުން މުވައްޒަފުންގެ ޒާތީ މައުލޫމާތު ވަގަށް ނަގާފަ އެވެ.
ސައިކަލެއް ކޮންޓްރޯލްނުވެ ފިހާރައެއްގެ ބިއްލޫރިގަނޑަށް އަރައިފި
ވަށަފަރުގައި ފިންލިޓް ފެސްޓް ކުޑަކުދިންގެ ހަވީރު ބާއްވައިފި
ދިރިއުޅުމުގެ އާއްމު އާދަތައް މޫނު މަތިން ފެންނަ ގޮތް!