އޭނާ އެންމެ ކުރާހިތްވާ ކަމަކީ ވިޔަފާރި ކުރުން. އެ ދާއިރާއަށް ދެވޭނެ މަގު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރި. ގިނަ ދިރާސާތަކެއް ކުރި. އަދި ގިނަ ވިޔަފާރިތަކެއް ފެށި. ރަނގަޅު ޕްލޭނަކާއެކު އަދި ހިތްވަރާ އެކީ މަސައްކަތް ކޮށްފިނަމަ ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަބަދުވެސް އޮވޭ. އަދި ވިޔަފާރީގެ ދާއިރާއަށް ނިކުންނަ މީހުނަށް ވެސް އޭނާ ދޭ ނަސޭހަތަކީ އެއީ. ގިނަ ތަޖުރިބާތަކަކަށްފަހު މިއަދު އޭނާއަކީ ކާމިޔާބު ވިޔަފާރިވެރިއެއް.

ކާމިޔާބު މީހަކަށްވުމަށް ކުރާ ދަތުރުގައި އެހެން މީހުންގެ ޚިޔާލާއި މަޝްވަރާއަކީ ކިހާ މުހިންމު އެއްޗެއް ހެއްޔެވެ؟ ކޮންމެ ކޮންމެ މީހަކާ ތިމާގެ ރޭވުންތަކާއި ދެކޭ ހުވަފެން ހިއްސާކުރުމަކީ އެންމެ އެދެވޭ ނަތީޖާ ނެރުމަށް އެންމެ ރަނގަޅު ގޮތްހެއްޔެވެ؟.

ވިޔަފާރީގެ ވާދަވެރި މާހައުލަށް ނިކުންނައިރު އަމިއްލަ ޕްލޭންތައް އެހެން މީހުންނާ ހިއްސާކުރުމުގައި ފަރުވާތެރިވުމަކީ ކިހާ މުހިންމު ކަމެއްކަން ކ. ހުރާއަށް އުފަން އެރަށު ނައިޓްސްޓާ އަދި އެރަށުގެ ކުޅަދާނަ ވިޔަފާރިވެރިޔާ މުހައްމަދު ނާފިޒު (ނާފިޒު) އެ ވަނީ ދައްކައިދީފަ އެވެ.

ވަރަށް ހަގު އުމުރެއްގައި ވިޔަފާރީގެ ތެރެއަށް ނިކުމެ ކުރެވުނު ދިގުތަޖުރިބާ އޭނާ "ހުރިހާ" އާ ހިއްސާކޮށްލީ މިދާއިރާއަށް ނިކުންނަން ބޭނުންވާ އެތައް ޒުވާނުންނަކަށް އަގު ހުރި ފިލާވަޅެއް ދިނުމުގެ ގޮތުންނެވެ.

މާލެއިން އެޅުނު ފުރަތަމަ ބިންގާ: ތަރައްގީ ވެފައިވާ މާހައުލަކުން ލިބުނީ ގިނަގުނަ ފިލާވަޅުތަކެއް

ނާފިޒު އަބަދުވެސް އެންމެ ކުރާހިތްވާ ކަމަކީ ވިޔަފާރިކުރުމެވެ. ހުރާ ސްކޫލުގައި ތައުލީމް ހާސިލްކުރަން ފެށި ނާފިޒު އިތުރަށް ތައުލީމް ހާސިލްކުރުމަށް މާލެ އަންނަން މެދުވެރިވުމަކީ އޭނާގެ ނަސީބެވެ. ރީތި ނަލަ ހުރާގެ ހިތްގައިމު މަޑުމައިތިރި މާހައުލުން ކާރުބާރު ބޮޑު އަދި ހަލަބޮލި މާލެއަށް ފައި ބީއްސާލުމާއެކު އޭނާއަށް އެތައް ކަމަކަށް ލޯހުޅުވުނެވެ. ވިސްނުން ތަރައްގީވި އެވެ. މީހުން ދިރިއުޅެން ކުރާ ތަފާތު މަސައްކަތް ކައިރިން ފެނި ތަޖުރިބާ ކުރަން ލިބުނެވެ. ވިޔަފާރިވެރިން ކުރިއަރުވަން ބާއްވާ ތަފާތު ކޯސްތައް ހެދުމުގެ ފުރުސަތުތައް ފަހިވި އެވެ. އަދި ކޮންމެ ކަމެއް ވެސް ކުރެވިދާނެ ކަމުގެ ޔަގީންކަމާއި ވިސްނުން ލިބުނެވެ.

ނާފިޒް: ދަރުބާރު ރެސްޓޯރެންޓް ހުޅުވުމުގެ ރަސްމިޔާތުގެ ތެރެއިން

"އަޅުގަނޑު ކިޔަވަން މާލެ ގެނައީ ހ. ނެރިން، ޔޫސުފް އަޒީމް ނުވަތަ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޔޫއްޓެ. އެއީ 1999 ގައި. ޔޫސުފް އަޒީމް އަކީ އަޅުގަނޑުގެ ބައްޕައެއް ކަހަލަ ބޭފުޅެއް. އެއީ ވަރަށް އޯގާތެރި ރަނގަޅު ބޭފުޅެއް. މާލޭގައި އަޅުގަނޑު ދިރިއުޅުނީ ވަރަށް އަރާމުގައި، ވަރަށް މިނިވަންކޮށް. އަދި އެކި ކަހަލަ މަސައްކަތް ތަޖުރިބާ ކުރުމަށް ވެސް ގިނަ ފުރުސަތުތަކެއް އަޅުގަނޑަށް ފަހިވެގެން ދިޔަ. އޭގެ ތެރޭގައި ވަޑާން ކުރަން ވެސް ދަސްވި، ޓެކްސީ ވެސް ކުރިން ޔޫއްޓެ އަޅުގަނޑަށް ހޯދައިދެއްވި ކާރެއްގައި،" ވިޔަފާރިވެރިންގެ މަސައްކަތް ގާތުންބެލުމަށް ޝައުގުވެރިވި ނާފިޒު ކިޔައިދިނެވެ.

"ނޯވެއާ" ސެލޫން: ވިޔަފާރީގެ ފުރަތަމަ ތަޖުރިބާ

ކިޔަވައި ނިމުމަށްފަހު އޭނާ ފޯސީޒަން ރިސޯޓުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނެވެ. ރިސޯޓުގައި މަސައްކަތް ކުރަމުން އޭނާގެ އުމުރުން އެންމެ 24 އަހަރުގައި ފުރަތަމަ ވިޔަފާރި ފެށީ ހުރާގައި ހުޅުވި ނޯވެއާ ކިޔާ ސެލޫނު ހުޅުވި ހިސާބުންނެވެ. އެއީ އޭނާ އާއި ޔޫއްޓެ ހިސާވެގެން ހުޅުވި ތަނެކެވެ. ރަށުގައި އޭރު ބޯކޮށާ އެހެން މީހުން އުޅޭތީ އެވިޔަފާރި ކުރިއަށް ނުދާނެކަމަށް ވަރަށް ގިނަ މީހުން ބުންޏެވެ. ނަމަވެސް މީހުން ދައްކާ ވާހަކައަށް ބީރު ކަންފަތެއް ދިނުމަށްފަހު އެމަސައްކަތް ކުރިއަށް ގެންދިޔަ އެވެ. ފަހުން ރަށުގެ ރައްޔިތުންގެ ބޮޑު ތަރުހީބެއް ނާފިޒްގެ އެމަސައްކަތައް ލިބުނުކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެތަނުގައި ގެންގުޅުނު އިންޑިއާ ބޯކޮށާމީހާ ރަށަށް ދިއުމުން އެ ވިޔަފާރި ހުއްޓާލަން ޖެހުނެވެ. އެހެންނަމަވެސް ގިނަ ދުވަސް ނުވެ ލޯކަލް ފިހާރައެއް އޭނާ ހުޅުވި އެވެ. ރިސޯޓުގައި މަސައްކަތް ކުރަމުން ރަށުގައި އެކި ވިޔަފާރި ކުރަން އޭނާ ވަރަށް މަސައްކަތް ކުރި އެވެ.

"ލޯކަލް ފިހާރަ ހިންގީ ތަނެއް ކުއްޔަށް ނަގައިގެން މުއައްޒަފުން ވެސް ލައިގެން. ރިސޯޓުގައި ފަޒީފާ އަދާކުރަމުން ފިހާރަ ހިންގަން ބުރަވެގެން ހުއްޓާލައިފައި ދެން ހުޅުވީ ޖޫގޯ ވިއްކާ ފިހާރައެއް. އެއީ މިރަށުގައި އެންމެ ފުރަތަމަ ހުޅުވި ޖޫގޯ ފިހާރަ. އެތަންވެސް ދުވަސަކޮޅަކު ހިންގުނީ،" ނާފިޒު ކިޔައިދިނެވެ.

ސީޝައިންގެ ކުރީގެ ޓީމާއެކު ނާފިޒް ފޮޓޯއަކަށް ހުއްޓިލައިގެން: ކޮލިޓީ ޚިދުމަތެއް ދިނުމަކީ ވަރަށް މުހިންމުކަމެއް

މޯލްޑިވްސް ސީޝައިން ގެސްޓްހައުސް: ފަސްއެބުރި ބެލުމެއް ނެތި ގެސްޓްހައުސް ވިޔަފާރި ތެރެއަށް

ކާމިޔާބާއި ނާކާމިޔާބީއަކީ ދުނިޔޭގެ އާދަކަން އޭނާ ގަބޫލުކުރެ އެވެ. އަދި ކޮންމެ ކަމަކީ ވެސް ތަޖުރިބާއެއްކަމުގަ އާއި އެކަމުން އޭނާއަށް ގިނަގުނަ ފިލާވަޅުތައް ދިޔައީ ލިބެމުންނެވެ. ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ގެސްޓް ހައުސް ވިޔަފާރިތައް ފެށިގެން އައި ދުވަސްވަރު ނާފިޒް ވެސް އެ ވިޔަފާރި ތަޖުރިބާކޮށްލަން ބޭނުންވި އެވެ. އެކަމަށް އޭނާގެ ހުރިހާ ވަގުތެއް ދިނުމަށް ރިސޯޓްގެ ވަޒީފާއިން ވަކިވި އެވެ.

"އޭރު އަޅުގަނޑު ހުރީ ކުޑަހުރާ ރިސޯޓުގެ ވަރަށް ރަނގަޅު ވަޒީފާއެއްގައި. ރަނގަޅު މުސާރައެއް ލިބޭ. މަސައްކަތް ކޮށްނިމުމުން އަނބިދަރިން ކައިރިއަށް ރަށަށް އާދެވޭ. އެހެންނަމަވެސް ވިޔަފާރި ކުރުމަށް އޮންނަ ޝައުގުވެރި ކަމެއްގެ ސަބަބުން އަޅުގަނޑުގެ ހުރިހާ ވަގުތެއް އެކަމަށް ހުސްކޮށްގެން ނޫނީ ވިޔަފާރިއެއް ކާމިޔާބު ނުވާނެކަން ކުރިންލިބުނު ތަޖުރިބާގެ އަލީގައި ވިސްނުނު. އެހެންވެ ވަޒީފާ ދޫކޮށްލާފައި ރަށަށް ބަދަލުވީ. އަދި ގެސްޓްހައުސްގެ މަސައްކަތާއިގެން ކުރިއަށް ދިޔައީ،" ނާފިޒް ކިޔައިދިނެވެ.

ނާފިޒްގެ ދަރުބާރު ރެސްޓޯރަންޓް: އޭނާ އަށް ކޮންމެކަމެއްވެސް ކުރެވިދާނެ ކަމުގެ ފުރިހަމަ ޔަގީން ކަން އޮވޭ

ރަނގަޅު މުސާރާ ލިބޭ ވަޒީފާއިން ވަކިވުމުން ބައެއް މީހުން އެކަމާ ނުރުހުނުކަން އޭނާ ފާހަގަކުރި އެވެ. ނަމަވެސް އޭނާގެ ގާބިލް ކަމާމެދު އޭނާ ޝައްކެއް ނުކުރެ އެވެ. މާގިނަ މީހުންނާ އޭނާގެ ޕްލޭންތައް ހިއްސާކުރުމަކީ ކުރިއަށް ދިއުމުގައި ފަހަތަށް އެޅޭނެ ފިޔަވަޅެއްކަމުގައި އޭނާ އަބަދުވެސް ގަބޫލުކުރެ އެވެ. ކަމެއް ކުރުމުގެ ޕްލޭން އަބަދުވެސް ބަހައްޓަނީ ހިތުގަ އެވެ. އެކަން ކާމިޔާބު ވަންދެނެވެ. ވީމާ މަންމައާއި ބައްޕަގެ ރުހުން ހޯދުމަށްފަހު އޭނާ ތިން ކޮޓަރީގެ ގެސްޓްހައުސް ހުޅުވީ އޭނާގެ އަމިއްލަ ބިމުގަ އެވެ. އެ ގެސްޓް ހައުސް ވިޔަފާރިން އޭނާއަށް ވަރަށް ފައިދާވި ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުގެ "މޯލްޑިވްސް ސީޝައިން ގެސްޓްހައުސް " ހުޅުއްވައިދެއްވީ އޭރުގެ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު. ވަރަށް އުފާވި ދުވަހެއް އެއީ. އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުންނާއި އަދި ދިވެހިންނާއި ބޭރު ސްޓާފުންގެ ޓީމަކުން އެތަން ހިންގީ. ގެސްޓްހައުސް ވިޔަފާރި ވެގެން ދިޔައީ އަޅުގަނޑު ދެމިލަން ލިބުނު ވަރަށް ރަނގަޅު ވިޔަފާރިއަކަށް. އެތަނަށް އަންނަ ގެސްޓުންގެ އެކްސްކާޝަންސް (ކުދި ދަތުރު)ތަކަށް ޑިންގީ އެއްވެސް ފަހުން ހޯދިން،" ނާފިޒު ކިޔައިދިނެވެ.

ސީޝައިން އެކްސްކާޝަން ދަތުރެއްގައި: ގެސްޓްހައުސް ވިޔަފާރީގައި ގެސްޓުންގެ ކުދި ދަތުރުތަކަށް ބޭނުންކުރާ ޑިންގީ

ސީޝައިން ލޯންޗް ސާވިސް: 99 ޕަސެންޓް ދިވެހިން ދޭ ވަރަށް ކޮލިޓީ ޚިދުމަތެއް

ގެސްޓްހައުސް ވިޔަފާރި ވަރަށް ވައިގައި ހިފާފައި ހުއްޓައި، 2016 ގައި ނާފިޒް އާއި އޭނާގެ ކޮއްކޮ ހިއްސާވެގެން ރަށަށް ފެރީގެ ޚިދުމަތެއް ދިނުމުގެ ވިސްނުމުގައި ސްޕީޑްބޯޓެއް ބަނެވެ. ނަމަވެސް ބަނދެވުނު ބޯޓު ކުޑަކަމުން ފެރީއަކަށް ކަމުނުދިއުމުން އަމިއްލަ ދަތުރުތަކަށް ބޭނުން ކުރި އެވެ. އެއަށްފަހު އެއަށް ވުރެ ބޮޑު ދެވަނަ ލޯންޗެއް ބަނެވެ. ފެރީ ދަތުރުތައް ފެށުނީ އެ ސްޕީޑް ބޯޓުންނެވެ.

ފުރަތަމަ ދަތުރުތައް ފެށުމާއެކު ހިނގި ކުޑަ ވާދަވެރިކަމެއްގެ ތެރޭން "ހިޑްން ޑިސްކާއުންޓް ކާޑެއް" އޭނާ ތައާރަފްކޮށް އެއައި ލޮޅުން ކޮންޓްރޯލް ކުރި އެވެ. އެ ޑިސްކައުންޓް ކާޑަކީ ލޯންޗްގެ ޚިދުމަތް ހޯދި މީހުންނަށް އޭރު ވަރަށް ކަމުދިޔަ އެއްޗަކަށްވި އެވެ.

ނާފިޒު ބުނިގޮތުގައި މީގެ އަށް އަހަރު ކުރިން ފެށި މިފެރީގެ ޚިދުމަތުގެ އަގު ވަނީ އެ ރޭޓުގައި އަދިވެސް ހިފަހައްޓާލާފަ އެވެ.

ސީޝައިން ކުންފުނީގެ ސްޕީޑް ބޯޓެއް:ސީޝައިން ކުންފުންޏަކީ މިއަދު ހުރާގެ އެންމެ ގިނަ ދިވެހިން ވަޒީފާއަދާ ކުރާ ކުންފުނި

"ދިވެހިރާއްޖޭގެ ޕެޓްރޯލްގެ އަގު މައްޗަށް އަރައިގެންގޮއްސި އެތައް ފަހަރަކު. ޕެޓްރޯލުގެ އަގު އަސްލު ހަގީގަތުގައި މާބޮޑު ތަނެއް ތިރިއެއް ވެސް ނުވޭ. ޕެޓްރޯލުގެ އަގު އަރައިގެން ދިޔައިރުގައި ދިވެހި ރާއްޖޭގަ ފެރީކުރާ 98 ޕަސެންޓް މީހުންނަކީ ފެރީގެ ޓިކެޓް އަގުބޮޑު ކުރި މީހުން. ބޯޓު ދަތުރުތައް ފެށިއިރުގައި ނާލެއް ނުނަގަން، އަދިވެސް ނާލެއް ނުނަގަން،" ނާފިޒް ކިޔައިދިނެވެ.

ސްޕީޑްބޯޓު ވިޔަފާރީގައި ކުރަންޖެހޭ މަސައްކަތާއި ހޭދަކުރަން ޖެހޭ ވަގުތުގެ ސަބަބުން އޭނާގެ ގެސްޓްހައުސް ވިޔަފާރި ހުއްޓާލަން ޖެހުނެވެ. ނަމަވެސް އެކަމަކީ ކޮންމެވެސް ދުވަހަކުން މުޅިން އާ ގޮތަކަށް އާ ކޮންސެޕްޓްއަކާއެކު އަދި ފަށަން ވިސްނުމުގައި އޮތް ކަމެއް ކަމަށް ނާފިޒް ބުންޏެވެ.

ސީޝައިން ލޯންޗެއް: މިލޯންޗްތަކަކީ ޖާގަބޮޑު އަރާމު ގޮނޑިތަކެއް ހިމެނޭ ލޯންޗް ތަކެއް

ނާފިޒް އުންމީދު ކުރިގޮތަށް ސީޝައިން ކުންފުންޏަކީ މިއަދު ހުރާގެ އެންމެ ގިނަ ދިވެހިން ވަޒީފާއަދާ ކުރާ ކުންފުންޏެވެ.

ސީޝައިން ލޯންޗްތަކުގެ ކޮލިޓީ އެންމެ ރަނގަޅަށް އެނގޭނީ އެއިން ޚިދުމަތް ލިބިގަންނަ މީހުނަށެވެ. ކޮންމެ ދުވަހަކު ވެސް ޝެޑިއުލް ދަތުރުތައް ބަރާބަރަށް ގަޑިއަށް އޮންނަ، ބާރު ސްޕީޑެއްގައި ދުއްވާ މިލޯންޗްތަކަކީ ޖާގަބޮޑު އަރާމު ގޮނޑިތަކެއް ހިމެނޭ ލޯންޗްތަކެކެވެ.

"މީވަރަށް ރަނގަޅު އެހެން ނަމަވެސް ވަރަށް ރިސްކީ ވިޔަފާރިއެއް. ސްޕީޑް ލޯންޗެއްގެ އާކޮޅުގައި އޭތީގެ ކޮންޑިޝަން ރަނގަޅަށް އޮއްވައި ހިތްހަމަ ޖެހިގެން ވިޔަފާރިއެއް ކުރެވިދާނެ. ނަމަވެސް ފަހުން އޭތި ބާވެ އިންޖީނުގެ ވަރު ފައިބައި އިންޖީނު އޯވަ ހޯލްއަށްދާ ހިސާބުން ދެން މީގެ ޓްރަބަލް ޝޫޓުތައް އަންނަން ފައްޓަނީ. ކަނޑުގައި ދުއްވާ އުޅަނދެއްވީމަ ހަގީގަތުގައިވެސް ވަރަށް ރިސްކީ،" އެންމެ ވިޔަފާރިއަކަށް ބަރޯސާ ވެވެން ނެތްކަން ހާމަކުރަމުން ނާފިޒު ބުނެލި އެވެ.

މަސްކެއްކުމާއި ރިހާކުރު ކެއްކުމަކީ ވެސް އޭނާ ފެށި ވިޔަފާރިއެކެވެ. އެކަމަށްޓަކައި ވަރަށް ބޮޑު ޚަރަދެއް ކޮށްގެން ވަރަށް ފެންވަރު ރަނގަޅު ރިހާކުރު ފެކްޓްރީއެއް އޭނާ ހެދި އެވެ.

ނާފިޒް ބުނިގޮތުގައި އެތަނަކީ ހުރާގައި މިހާތަނަށް އިމާރާތް ކުރެވުނު އެންމެ ފެންވަރު ރަނގަޅު ރިހާކުރު ފެކްޓްރީ އެވެ. ނަމަވެސް އެ މަސައްކަތަކީ ވަރަށް ގިނަ މުވައްޒަފުން ބޭނުންވާ މަސައްކަތެއް ކަމަށް ވަތީ އެކަން ކުރިއަށް ނުގެންދެވިގެން ހުއްޓާލަން ޖެހުނީ އެވެ.

މަސް އަވީލާފައި:ހުރާގައި މިހާތަނަށް އިމާރާތް ކުރެވުނު އެންމެ ފެންވަރު ރަނގަޅު ރިހާކުރު ފެކްޓްރީ ހިންގީ ނާފިޒް

ދަރުބާރު: ހުރާގެ އެންމެ ފެންވަރު ރަނގަޅު ރެސްޓޯރަންޓް

ދިވެހިރާއްޖޭގެ ހާލަތަށް ރިޢާޔަތްކޮށް ހަމައެކަނި ސްޕީޑް ބޯޓް ވިޔަފާރިން ހިތްހަމަޖައްސާލައިގެން ހުންނާކަށް އޭނާ ބޭނުމެއް ނުވި އެވެ. އޭނާއަށް ފެނުނު ގޮތުގައި ރެސްޓޯރަންޓް ވިޔަފާރިއަކީ ވެސް އޭނާ ފަދަ، މުވައްޒަފުން ގެންގުޅުމުގެ ތަޖުރިބާ ހުރި މީހަކަށް ކުރެވިދާނެ ކަމެކެވެ. އެ މަސައްކަތް ވެސް އޭނާ ފެށި އެވެ.

ހުރާގެ ތޮށިގަނޑުމަތިން ފައިބައިގެން ރަށުތެރެއަށް އަރައިގެން އަންނައިރު، ބަނދަރު މަތީގައި އިމާރާތް ކޮށްފައިވާ "ދަރުބާރު" ރެސްޓޯރަންޓަކީ، ނާފިޒް ހިންގަމުން އަންނަ ވަރަށް ފެންވަރު ރަނގަޅު އަދި ނާފިޒް ދެކޭގޮތުގައި ފެންވަރާއި ގެންގުޅޭ އާލާތްތަކަށް ބެލިނަމަވެސް "ނަންބަރު ވަން" (އެއްވަނަ) އެވެ. އެ ރެސްޓޯރަންޓް ހިންގަން ހަވާލުކޮށްފައި ވަނީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އަބްދުﷲ ހަސީބްއާ އެވެ.

"އެއީ އިންޓަނޭޝަނަލް ސާޓިފައިޑް ޝެފެއް. އެބޭފުޅާގެ ބެލުމުގެ ދަށުން ރެސްޓޯރަންޓްގެ ކަންކަން ދާނީ ވަރަށް އޯގަނައިޒްޑްކޮށް. މިތާނގައި އޮތް ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް،" ނާފިޒު ބުންޏެވެ.

ދަރުބާރު ރެސްޓޯރަންޓް: ހުރާގައި ހުރި އެންމެ ފެންވަރު ރަނގަޅު ރެސްޓޯރަންޓް

ވިޔަފާރީގައި މިހާތަނަށް އައިއިރު ނާފިޒް ވަނީ ގިނަ ތަޖުރިބާތަކެއް ކޮށްފަ އެވެ. އޭގެ ތެރޭގައި ފޮނި ތަޖުރިބާތަކާއި އަދި ހިތި ތަޖުރިބަތައް ވެސް ހިމެނެ އެވެ. ނަމަވެސް ކޮންމެ ހާލަތެއް މެދުވެރިވި ނަމަވެސް ޕޮޒިޓިވްކޮށް ވިސްނުމަކީ މިއަދު އޭނާ ބޭނުންވާ ގޮތެވެ.

ވިޔަފާރީގެ ތެރެއަށް ވަންނަން ބޭނުންވާ އޭނާ ފަދަ އެހެން ފަރާތްތަކަށް ދޭ ނަސޭހަތަކީ ވަރަށް ރަނގަޅު ޕްލޭނަކާއެކު ވިޔަފާރި ފެށުމެވެ. ޚިޔާލެއް ހޯދުމަށް ވެސް ކަމާބެހޭ ތަޖުރިބާ ހުރި އިތުބާރު ކުރެވޭ މީހުން ކައިރީގައި އެހުމެވެ. އަދި ހިތްވަރު ހުރުމެވެ. މީގެ އިތުރުން ސަރުކާރުން ހެދިފައި ހުރި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި އެއާ އެއްގޮތަށް ކުރިއަށް ދިއުމެވެ.

ނާފިޒް މި ހިސާބަށް އައުމުގައި ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިފައިވާކަން ފާހަގަކޮށް އެފަރާތްތަކަށް ވަރަށް ބޮޑަށް އޭނާ ޝުކުރު އަދާކުރެ އެވެ. ހާއްސަކޮށް އޭނާގެ އަންހެނުންނާއި، މަންމަ، ބައްޕަ އަދި އެއްބަނޑު އެއްބަފާ ކޮއްކޮ އޭނާ ފާހަގަ ކުރި އެވެ.

"ލޯންޗް ވިޔަފާރި ކޮޅައް ޖަހައިދިނުމުގައި ރެއެއް ދުވާލެއް ނުބަލައި އަޅުގަނޑުގެ ކޮއްކޮ އަބްދުﷲ އިމްތިޔާޒް ކުރި ބުރަ މަސައްކަތް ވަރަށް ފާހަގަ ކޮށްލަން. ދެން ގެސްޓްހައުސް ވިޔަފާރި ފެށީއްސުރެ މިއަދާ ހަމައަށްވެސް އަޅުގަނޑާއެކު ހުރި އެންމެ ވަފާތެރި އެއް ސްޓާފް، ހުސެން ޝިމާއު (ސިމަރޫ) ފާހަގަ ކޮށްލަން،" އޭނާ ބުންޏެވެ.