އެއީ 1974 ވަނަ އަހަރުގެ ދުވަހެކެވެ. ދިވެހި ސަރުކާރުގެ ވިޔަފާރި ރެޕްރެޒެންޓެޓިވްއެއްގެ ގޮތުގައި ކޮޅުނބުގައި ހުންނަވާ ކޮލިގޭ އަލީ އުމަރު މަނިކު މާލެއިން ކޮޅުނބަށް ދަތުރު ކުރެއްވި އެވެ. އެ ދަތުރުގައި އަލިމަނިކު ގެންދެވި 7،000 އެމެރިކާ ޑޮލަރު ހަނދުމަފުޅު ނެތިގެން ޑިކްލެއާ ނުކުރެއްވުނެވެ. އެއީ ލަންކާގެ އެ ދުވަސްވަރުގެ ގާނޫނުތައް އޮތް ގޮތުން ބޮޑުވެގެންވާ ކުށެކެވެ. ލަންކާއަށް ވަގަށް ޑޮލަރު އެތެރެ ކޮށްފިނަމަ ލިބޭ އަދަބު ބޮޑެވެ. އަޅާ ފިޔަވަޅު ހަރުކަށްޓެވެ. އަލިމަނިކަށް ޑޮލަރު ޑިކްލެއާ ނުކުރެވޭކަން ހަނދުމަފުޅުވެ ވަޑައިގެންނެވީ އެއާޕޯޓް ކްލެއަރެންސް ނިމި ގެއަށް ވަޑައިގެންނެވި މަގުމަތީގަ އެވެ. ހަނދުމަފުޅުވުމާއެކު އަނބުރާލައްވައި އެއާޕޯޓަށް ވަޑައިގެން އެ ވާހަކަ ކަމާ ބެހޭ ފަރާތަށް ހުށަހަޅުއްވައި ހަނދުހުމަފުޅު ނެތި 7000 ޑޮލަރު ޑިކްލެއާ ނުކުރައްވައި ނިކުމެވުނު ވާހަކަ ވިދާޅުވުމާއެކު ދެން ކުރިމަތިވީ އަލި މަނިކު ބިރުފުޅުން ރޫރޫ އަޅައިގެން ދިޔަ ހާދިސާތަކަކާ އެވެ.

އެއާޕޯޓުގެ ކަސްޓަމަށް އަލި މަނިކު ހާޒިރުވެ ވަޑައިގެން، ކަން ހިނގިގޮތް ކިޔައި ދެއްވުމުން އެތަނުން ބަޔާނެއް ނެގުމަށްފަހު ބުނިކަމުގައި ވަނީ މައްސަލައިގައި އެ މީހުންނަށް ކުރެވޭނެ ކަމެއް ނެތް ކަމަށާއި ޖެހިގެން އަންނަ ދުވަހު ކަސްޓަމްސްގެ މައި އޮފީހަށް ހާޒިރުވުމަށެވެ.

"އަޅުގަނޑުގެ ދުވަހު ފޮތު" ގައި އަލި މަނިކު ލިއުއްވާފައިވާ ގޮތުގައި ކަސްޓަމުގެ މައި އޮފީހަށް ހާޒިރު ވެވަޑައިގެން އެތަނުގެ ވެރިޔާގެ އަރިހުގައި ކަން ހިނގިގޮތް ތަފުސީލުކޮށް ވިދާޅުވެދެއްވުމުން ކޮޅުނބަށް ވަގަށް ބޭރު ފައިސާ އެތެރެކުރި ކަމަށް ރިޕޯޓެއް ތައްޔާރުކޮށް އެފަދަ މައްސަލަތައް ބެލުމަށް އެދުވަސްވަރު ގާއިމުކޮށްފައި ހުރި ސީއައިޑީގެ ޔުނިޓާ އޭނާ ހަވާލުކުރި އެވެ. އެ ޔުނިޓަކީ އެތަނުގެ ހަރުކަށިކަމާއި އަނިޔާވެރި ކަމަށް ނަން މަޝްހޫރު ޔުނިޓެކެވެ.

ސީއައިޑީ އާ އަލިމަނިކު ހަވާލުކުރުމާއެކު އަލިމަނިކާއެކު ކަސްޓަމްސް އަށް ހާޒިރުވި ވަކީލަށާއި އެޖެންޓަށް އޭނާ އާ ވާހަކަ ދެއްކުން މަނާވި އެވެ. އެ މީހުން ވަގުތުން އަލި މަނިކު ގެންދިޔައީ އޭނާގެ ގެއަށެވެ. ގެއަށް ގެންގޮސް ގޭގެ ހުރިހާ ތަނެއް ބަލައި ފާސްކޮށް ގޭގައި ހުރި އަމިއްލަ ސިޓީތައް ފަދަ ހުރިހާ ލިޔެ ކިއުމަކާއި ޕާސްޕޯޓު ފަދަ ތަކެތި ގެންދިޔައީ އެވެ. އެއަށްފަހު އަލި މަނިކު މަސައްކަތް ކުރައްވާ އޮފީސް ކަމަށްވާ އެމްއެންޓީސީގެ އޮފީހަށް ގެންގޮސް އެތަން ބަލައި ފާސްކޮށް ލިޔެކިޔުންތައް ނެގި އެވެ.

ބިރުވެރިކަމަށް ނަން މަޝަހޫރު ވެފައި އޮތް ސީއައިޑީގެ އޮފިސަރުން އަލި މަނިކުގެ އޮފީސް ބަލައި ފާސްކުރަމުން ދަނިކޮށް އެމީހުންގެ ވެރިމީހާގެ ފޯނު ކޯލެއް އަ އެވެ. އަލި މަނިކު އޭނާގެ ދުވަހު ފޮތުގައި ބަޔާން ކުރައްވައިފައިވާ ގޮތުގައި އެފޯނު ކޯލުގައި ދެކެވުނު ވާހަކަތައް އޭނާއަށް އިވިވަޑައިގެންނެވި އެވެ.

އެ މީހުން ބުނީ ފާސްކުރި އެއްވެސްތަނަކުން އެއްޗެއް ނުފެނުނު ކަމަށެވެ. ފޯނު ކޯލަށްފަހު އަލި މަނިކު ގެންދިޔައީ ސީއައިޑީގެ ބިރުވެރިކަމަށް ނަން މަޝްހޫރު ހަތަރުވަނަ ފަންގިފިލާ އަށެވެ. އެތަނުގެ ބިރުވެރިކަން ގުޅިފައި އޮންނަނީ އެތާނގައި ތަހުގީގު ހިނގާ ގޮތުގެ މައްޗަށެވެ. އެތަނުން އަލި މަނިކާ ބައްދަލުކުރީ އެތަނުގެ ވެރިޔާ އެވެ.

ރައީސް ނާސިރު: ގައުމީ ހައިސިއްޔަތާއި ގަދަރު ހިފެހެއްޓެވި

އޭނާ ވިދާޅުވީ އަލިމަނިކު ދޫކޮށްލަން އޭނާއަށް އަމުރު އަތުވެއްޖެ ކަމަށެވެ. އެހެންކަމުން އެމީހުން އަތުލި ހުރިހާ އެއްޗެއްގެ އިންވެންޓްރީއެއް ލިޔެ އޭގައި ސޮއިކޮށް އަލިމަނިކާ ހަވާލު ކުރެވުނެވެ. އަލި މަނިކަށް އެންގީ ރައީސް ނާސިރާ އެކު ސިންގަޕޫރަށް ވަޑައިގެންނެވުމަށްފަހު އެނބުރި ވަޑައިގެން އެ ޑިޕާޓްމަންޓަށް ހާޒިރުވެ ތަހުގީގަށް އެއްބާރުލުން ދިނުމަށެވެ. އަލި މަނިކު އެ އެންގުމުގައި ސޮއިކުރައްވާފައި ނިކުމެވަޑައިގެންނެވި އެވެ.

އަލިމަނިކު ލަންކާގެ ކަސްޓަމްސްގެ ދަށުގައި އޮތް ސީއައިޑީގެ ބެލުމުގެ ދަށުގައި ހައްޔަރުވި ދުވަހު އޭރުގެ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް ނާސިރު ލަންކާ އަށް ޒިޔާރަތް ކުރެއްވި އެވެ. އެމަނިކުފާނު ލަންކާ އަށް ވަޑައިގެންނެވީ ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅެއްގައި މަޑުކޮށްލެއްވުމަށެވެ. އެދަތުރުފުޅުގައި ކޮލި އަލިމަނިކު އަރިހުގައި ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.

ރައީސް ނާސިރު ކޮޅުނބަށް ވަޑައިގެންނެވުމާ އެކު ކޮޅުނބުގައި އެވަގުތު ހުންނެވި ދިވެހި ސަފީރު ހުސެއިން އަލި ދީދީ އަލިމަނިކަށް ދިމާވެގެން އުޅޭ މައްސަލަ ވިދާޅުވެދެއްވި އެވެ. ސީއައިޑީގެ ތަހުގީގަށް ބަންދުކޮށްފައި ހުރި އަލި މަނިކު ދޫކޮށްލީ ރައީސް ނާސިރު ލަންކާގެ ވެރިންނަށް ގުޅުއްވައި އެކަމަށް އެދިވަޑައިގެންނެވުމުންނެވެ.

އަލި މަނިކު ވިދާޅުވި ގޮތުގައި ސީއައިޑީ އިން ދޫކޮށްލުމާ އެކު އޭނާ ވަޑައިގެންނެވީ ދިވެހި ހައި ކޮމިޝަނަށެވެ. އެވަގުތު އެތަނުގައި ރައީސް ނާސިރު ހުންނެވި އެވެ. ކަން ހިނގި ގޮތް އެނގިވަޑައިގެންނެވުމާއި އެވަގުތު ނާސިރު ފެނިވަޑައިގެންނެވުމުން ކީރިތި ނުކުރެއްވުނީ ކިރިޔާ ކަމުގައި އަލިމަނިކު ވިދާޅުވި އެވެ.

ލަންކާގައި ރައީސް ނާސިރު ހުންނެވި ހޮޓަލުގައި އެމަނިކުފާނާ ބައްދަލު ކުރުމަށް އަލި މަނިކަށް އަމުރު އަ އެވެ. އެ ބައްދަލުވުމަށް ޕާސްޕޯޓު ގެންދިއުމަށް ވެސް އެންގެވި އެވެ. އެ އެންގެވުމާ އެއްގޮތަށް ޕާސްޕޯޓު ހިއްޕަވައިގެން ގޮސް އަލި މަނިކު ނާސިރާ ބައްދަލު ކުރެއްވި އެވެ. ނާސިރު އަލި މަނިކުގެ ޕާސްޕޯޓަށް އިޝާރާތް ކުރައްވައި ތިޔައީ ކޮން އެއްޗެއްތޯ ސުވާލު ކުރެއްވި އެވެ. ޖަވާބުގައި އެއީ ޕާސްޕޯޓޭ އަލި މަނިކު ދެންނެވި އެވެ. ނާސިރު ވިދާޅުވި އެވެ. އެއީ ހަމަ އެކަނި ޕާސްޕޯޓެއް ނޫނެވެ. އެއީ ޑިޕްލޮމެޓިކް ޕާސްޕޯޓެކެވެ.

"ޑިޕްލޮމެޓެއްގެ ގޮތުގައި ސްރީލަންކާއަށް ވަނުމުގެ ހުއްދަ ދިނުމަށްފަހު، ސްރީލަންކާގެ ކަސްޓަމްސްއަކަށް ވެސް، ސީއައިޑީއަކަށް ވެސް ކަލޭގެ ގަޔަކު އަތެއް ނުލެވޭނެ،" ނާސިރު އަލި މަނިކާ މުޚާތަބުކޮށް ވިދާޅުވި އެވެ. ނާސިރު ދެން ވިދާޅުވީ ސްރީލަންކާގެ ސަރުކާރާ އަލިމަނިކު ހަވާލު ނުކުރައްވާނެ ކަމަށެވެ.

އަލި މަނިކު އޭނާގެ ދުވަހު ފޮތުގައި ވިދާޅުވެފައިވާ ގޮތުގައި ލަންކާއާއި ރާއްޖެއާ މައްސަލަ ޖެހުމުގެ ބިރުވެރިކަން ރައީސް ނާސިރަށް ވިސްނައި ދެވޭތޯ އޭނާ މަސައްކަތް ކުރެއްވި އެވެ. އޭރަކީ ރާއްޖެއަށް ބޭނުންވާ ހުރިހާ މުހުތާދެއް ލަންކާ މެދުވެރިވެގެން ފުއްދައިގެން އުޅުނު ޒަމާނެވެ. ރާއްޖެއަށް ބޭރު ފައިސާއެއް ލިބޭ ހަމައެކަނި ވަސީލަތް ކަމަށްވާ ދިވެހި ކަނޑުމަސް އޭރު ލަންކާ އިން ގަންނަނީ އެމީހުން ދޫކުރާ ފާޑެއްގެ ކޯޓާއެއްގެ ދަށުންނެވެ. އެމީހުން ބޭނުންވެއްޖެ ނަމަ ރާއްޖެއަށް ކޮންމެ ފަދަ ގޮތަކަށް ވެސް އެދުވަސްވަރު ދަތިކޮށްލެވިދާނެ އެވެ.

ޖަވާބުގައި ނާސިރު ވިދާޅުވީ "ދިވެހި ރާއްޖެއަކީ ކިތަންމެ ކުޑަ އަދި ނިކަމެތި ގައުމެއް ކަމަށްވީ ނަމަވެސް އަހަރެމެންނަކީ އަމިއްލަ މިނިވަންކަމަކާއި އިސްތިގުލާލެއް އޮތް ގައުމެކެވެ. އަހަރެމެންގެ އެއްވެސް ރައްޔިތަކަށް މިގޮތަށް ކަންތައް ވުމަކީ އަހަރެން ގަބޫލު ކުރާނެ ކަމެއް ނޫން. އަހަރެމެންގެ ގައުމީ ސިޔާދަތާއި ދަރަޖަ އަހަރެމެން ހިފަހައްޓަން ޖެހޭނެ" ކަމަށެވެ.

އެއަށްފަހު ނާސިރުގެ އެންގެވުމަށް ދިވެހި ސަރުކާރުގެ ދެމިނިސްޓަރުން ކަމަށްވާ އަބްދުއްސައްތާރު މޫސާ ދީދީއާއި އަހުމަދު ހިލްމީ ދީދީ ލަންކާއަށް ގެންދެވި އެވެ. ޖެހިގެން އުޅޭ މައްސަލަ އެބޭފުޅުންނަށް އޮޅުންފިލުވައި ދެއްވުމަށްފަހު އަލި މަނިކު ލަންކާ ސަރުކާރާ ހަވާލު ނުކުރަން ރައީސް ނާސިރު ނިންމެވިކަން އެގައުމުގެ ވެރިންނަށް ދެންނެވުމަށް އެންގެވި އެވެ.

ދިވެހި ރާއްޖެ ލަންކާގެ މައްޗަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންދަވައި ރާއްޖޭގެ މަހަށް އެހެން މާކެޓެއް ހޯއްދަވައި ރާއްޖޭގެ ޝިޕިން ލައިންގެ އޮފީސް ލަންކާއިން ސިންގަޕޫރަށް ބަދަލުކުރުމުގެ މަސައްކަތް ރައީސް ނާސިރު ފެށްޓެވީ އެ ހިސާބުންނެވެ. އަބްދުއްސައްތާރު މޫސާދީދީ އާއި އަހުމަދު ހިލްމީ ދީދީގެ މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން އަލިމަނިކުގެ ކަންތައް ހަމަޖެހުނެވެ. އޭގެ ދުވަސްކޮޅެއް ފަހުން ލަންކާގެ ބޮޑު ވަޒީރު މިސިޒް ސްރީމާވޯ ބަންޑާރަނަޔަކަ ރާއްޖެ ވަޑާއިގެންނެވި އެވެ. އެކަމަނާގެ ޝަރަފުގައި ބޭއްވި ރިސެޕްޝަނުގައި އަލި މަނިކު ބައިވެރިވެ ވަޑަގެންނެވި އެވެ. ލަންކާއިން އަލިމަނިކަށް އެއްވެސް ނުރައްކަލަކާ ކުރިމަތިނުވާނެކަމުގެ ޔަގީންކަން އެ ރިސެޕްޝަނުގައި އަލިމަނިކަށް ލަންކާގެ އެންމެ އިސް ވެރިން ޔަގީންކޮށް އެރުވި އެވެ. އަހަރެމެންގެ ގައުމީ ހައިސިއްޔްތާއި ދަރަޖަ އަހަރެމެން ހިފަހައްޓަން ޖެހޭނެ ކަން ރައީސް ނާސިރު އެވަނީ އަމަލީ ގޮތުން ދައްކަވާފަ އެވެ.