މޯލްޑިވިއަންއަށް ގެންނަ ފުރަތަމަ ވައިޑް- ބޮޑީ މަތިންދާބޯޓު ދައްކާލަން އެއާ ޝޯއެއް ބާއްވަން ހަމަޖައްސަވައިފި އެވެ.
ގައުމީ އެއާލައިން އިން އަލަށް ގެންނަ އެއާބަސް އޭ-330 މަރުކާގެ މި ބޯޓަކީ 264 މީހުންގެ ޖާގައިގެ މަތިންދާބޯޓެކެވެ. އަދި މިއީ މިހާތަނަށް ރާއްޖޭގެ ގައުމީ އެއާލައިނަށް ގެންނަ އެންމެ ބޮޑު މަތިންދާބޯޓެވެ.
މޯލްޑިވިއަންއިން ބުނީ މަތިންދާބޯޓު ދައްކާލުމަށް ބާއްވާ އެއާ ޝޯ އޮންނާނީ އަންނަ ޖެނުއަރީ 6 ވަނަ ދުވަހު ކަމަށެވެ. އަދި މި އެއާ ޝޯ މާލޭގެ އުސްފަސްގަނޑު ސަރަޙައްދާއި ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ހިމެނޭ ސަރަޙައްދުގައި ކުރިއަށްދާނެ ކަމަށް މޯލްޑިވިއަންއިން ބުނެ އެވެ. މޯލްޑިވިއަންއިން ބުނީ އެއާ ޝޯ ކުރިއަށްދާނީ ހޯމަ ދުވަހު ހަވީރު 5:00 އިން 5:30 އަށެވެ.
މޯލްޑިވިއަންގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ވައިޑް ބޮޑީ އެއާކްރާފްޓެއް ގެނައުމަކީ ސަރުކާރުގެ މުހިންމު ވައުދެކެވެ. އެގޮތުން މޯލްޑިވިއަންއަށް ގެންނަ އޭ-330 ބޯޓު މިވަގުތު އޮތީ ސިންގަޕޫރުގަ އެވެ.
ބޯޓުގެ ޚިދުމަތް ފެށުމަށް މޯލްޑިވިއަންއިން އަންނަނީ ފުރިހަމައަށް ތައްޔާރުވަމުންނެވެ. ވައިޑް ބޮޑީގެ އޮޕަރޭޝަންތައް އެންމެ ފުރަތަމަ ވެސް ފެށުމަށް ހަމަޖެހިފައި ވަނީ ޗައިނާގެ ތިން މަންޒިލަކަށް ކަމަށް މޯލްޑިވިއަންއިން ބުނެ އެވެ. ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ މުހިންމު އެއް މާކެޓެވެ. އެއަށްފަހު ޔޫރަޕަށް ވެސް ދަތުރުތައް ފެށުމަކީ މޯލްޑިވިއަންގެ އަމާޒެކެވެ.
މި ބޯޓާއެކު އިތުރު 60،000 ފަސިންޖަރުން ކޮންމެ އަހަރަކު ރާއްޖެ ގެނެވޭނެ ކަމަށް މޯލްޑިވިއަން އިން ބުނެ އެވެ.
މި ބޯޓުގައި ތިން ކެޓަގަރީއެއްގައި ފަސިންޖަރުންނަށް ޚިދުމަތް ދޭނެ އެވެ. އެއީ އިކޮނޮމީ ކްލާސް، ބިޒްނަސް ކްލާސްގެ އިތުރުން ޕްރިމިއަމް ކްލާސް އެވެ. މޯލްޑިވިއަންގެ ފްލީޓްގައި މިވަގުތު 20އަށް ވުރެ ގިނަ މަތިންދާބޯޓު ދަނީ ބޭނުންކުރަމުންނެވެ.