މަސްތުވާތަކެތީގެ މައްސަލައެއްގައި ޝާމިލުވާ ބައެއްގެ މައްޗަށް ފުރަތަމަ ފަހަރަށް ރާއްޖޭގައި މަނީ ލޯންޑްރިންގެ ދައުވާކޮށްފި އެވެ.

ކްރިމިނަލް ކޯޓަށް މިދިޔަ މަހުގެ 18 ވަނަ ދުވަހު ހުށަހެޅުނު މަސްތުވާތަކެތީގެ މައްސަލައެއްގައި، ފައިސާ ދައުރުވެފައިވާ ގޮތް ބަލައިގެން ދައުވާކޮށްފައިވާ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ އެހެން ކަންކަމަށް ބޭނުންކުރާ ނަމަ، މަނީ ލޯންޑްރިންގެ ދައުވާ ކުރުމަށް ގާނޫނު ތަންދެ އެވެ. އަދި ޕީޖީ އޮފީހުގެ ސިޔާސަތަކީވެސް މައްސަލަ އެ މަގުން ކުރިއަށް ގެންދިއުން ކަމަށް ޕީޖީ ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ މަސްތުވާތަކެތި ވިއްކުމުގައި އުޅޭ ނެޓްވޯކްތައް، ފުލުހުންގެ ބުރަ މަސައްކަތުން މިހާރު ރޫޅާލެވިފައިވާ ކަމަށެވެ. އަދި މިކަމުގައި ދެން އޮތް މަރުހަލާއަކީ މިކަމުގައި ހަރަކާތްތެރިވާ އަސްލު "ވިޔަފާރިވެރިން" ފަހަތުން ދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި މިއާއެކު، މަސްތުވާތަކެރީގައި "އަތްނުލާ" އޭގެ އިސްތިއުމާލު ނުކުރާ މީހުންނަށް ސަލާމަތްވެވޭނެ ކަމަށް ހީވެފައި އޮންނަ ހީވުމަށް ނިމުމެއް އަންނާނެ އެވެ. އަދި އޭގައި އަތް ނުލިޔަސް، އެއިން ލިބޭ ފައިސާގެ ބޭނުންކުރާ ނަމަ އެ މައްސަލަ ތަހުގީގު ކުރެވި އެ މީހުންގެ މައްޗަށް ދައުވާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ މައްސަލަތަކާ ބެހޭގޮތުން ޕީޖީ ޝަމީމް ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ، ހައްލުކުރަން އެންމެ ދަތި އަދި އެހެން މައްސަލަތައް އެއާ ގުޅިފައިވާ މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށެވެ.

އޭނާ ވިދާޅުވީ ޖަލުގެ އާބާދީގެ ބޮޑު އިންސައަތައެއް ހިއްސާކުރަނީ "ޓާމިނޭޝަން" ހުކުމުގައި ތިބި މީހުން ކަމަށެވެ. އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުން އެއާދަ ހިފެހެއްޓުމަށް ކުދި ކުދި ވައްކަންކުރުން ފަދަ ކުށްތަކަށް އަރައިގަތުމުން، އެ މައްސަލަ ކޯޓަށް ހުށަހެޅި، ކޯޓުތަކުގެ މައްސަލަތައް ލަސްވެގެންދާ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

މީގެ އިތުރުން ޕީޖީ ވިދާޅުވީ، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކުރާ މަސައްކަތުގެ މައިގަނޑު އަމާޒަކީ މަސްތުވަތަކެތީގެ ވިޔަފާރިން ފައިދާކުރާ މީހުންގެ ފަހަތުން ދިއުން ކަމަށެވެ.