މާލެއަށް މިއަދު ހެނދުނުން ފެށިގެން މެދުނުކެނޑި ވެހުނު ވާރޭގައި، އެއް ގަޑިއިރު ތެރޭގައި ރެކޯޑް އަދަދަކަށް ވާރޭ ވެހިފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނެފި އެވެ.
މެޓުން ބުނީ ފާއިތުވި 24 ގަޑިއިރު ތެރޭގައި މާލެއަށް 160 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. މިގޮތުން އެންމެ ބޯކޮށް ވެހިފައިވަނީ މިއަދު ހަވީރު ކަމަށާއި އެގަޑީގައި 60 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް މެޓުން ބުނެ އެވެ.
ގަޑިއިރެއްގެ ތެރޭގައި 60 މިލިމީޓަރަކީ ރެކޯޑު އަދަދެކެވެ. މާލެއަށް މިހާތަނަށް ރެކޯޑު އަދަދަކަށް ވެހިފައި ވަނީ ގާތްގަނޑަކަށް 200 މިލިލީޓަރުގެ ވާރެ އެވެ.
މާލޭގައި ފެން ބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފުން ދަނީ 6 ސަރަހައްދެއްގައި 16 ޕަންޕް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިރޭގެ 11:35 އާ ހަމައަށް 17،536 ޓަނުގެ ފެން ހިއްކާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
ބޯވާރެއާއެކު މުޅި މާލެ ވަނީ ފެން ބޮޑުވެފަ އެވެ. އެގޮތުން މާލޭގެ ވަރަށް ގިނަ ގެތަކާއި އޮފީސްތަކާއި ފިހާރަތަކަށް ވަނީ ފެން ވަދެފަ އެވެ. ގޭގެއިން މީހުން ބާލިދީތަކުގައި ފެން ހިންދާ މަންޒަރު ފެނިފައިވެ އެވެ. ވިއްސާރައިގެ ސަބަބުން މާލޭގައި ހިނގާބިނގާވެ އުޅުމާއި ދަތުރުފަތުރު ކުރުމަށް ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ.
ބައެއް ސަރަހައްދުތަކުގައި ކަކުލަށްވުރެ މައްޗަށް ފެންބޮޑުވެފައި ހުއްޓެވެ. ފެން ބޮޑުވެ އިމާރާތްތަކަށް ފެން ވަންނަމުން ދާތީ ފުލުހުން ވަނީ ހަތަރު ފުރޮޅުލީ ތަކެތި ކޮންމެހެން ދުއްވަން ޖެހިގެން ނޫނީ ނުދުއްވުމަށް އިލްތިމާސްކޮށްފަ އެވެ.
ބޯކޮށް ވާރޭވެހި މޫސުން ގޯސްވެ ސިނަމާލެ ފްލެޓް ސަރަހައްދުގައި ހުރި ބޮޑު ދެ ގަހެއް ވެއްޓިފައިވެ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތު ލިބިފައެއް ނުވެ އެވެ.
ވެލާނާ އެއާޕޯޓްގައިވެސް ފެން ބޮޑުވެ ފަތުރުވެރިންނަށް ދަތިތަކާއި ކުރިމަތިވެފައިވެ އެވެ. މީގެ އިތުރުން ވައި ބާރުވުމުގެ ސަބަބުން ބައެއް ފުލައިޓްތަކަށް އެއާޕޯޓްގައި ނުޖެއްސި އެތައް އިރަކު މަޑުކުރަން ޖެހިފައިވެ އެވެ.
ސިފައިންގެ އިތުރުން ފުލުހުންނާއި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ވަނީ ފެންބޮޑުވި ސަރަހައްދުތަކުގައި ހިމެނޭ އިމާރާތްތަކުގެ ކައިރީގައި ވެލިބަސްތާ ޖެހުމުގައި ހަރަކާތްތެރިވެފަ އެވެ.
އެހީތެރިކަން ބޭނުންވާ 35 ގެއެއްގެ މީހުނަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން އެހީވަނީ:
ފެން ބޮޑުވުމާއި ގުޅިގެން ވެލިބަސްދާ ޖެހުމަށާއި އެކި ގޮތްގޮތުން އެހީތެރިކަން ބޭނުންވެގެން 400 އަށްވުރެ ގިނަ ކޯލް ލިބިފައިވާކަމަށް އެންޑީއެމްއޭ އިން ބުނެ އެވެ. ރެޕިޑް އެސެސްމަންޓް ހެދުމަށްފަހު ބޮޑަށް އެހީތެރިކަން ބޭނުންވާ 35 ގެއެއްގެ މީހުންނަށް އެހީ ވުމާއި އެހެންތަންތަނަށް ބަދަލު ކުރަން ޖެހޭ މީހުން ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ މި ހަފުތާ ބަންދަށް ވެސް ދިގުދެމިގެންދާނެ ކަމަށާއި މޫސުން ރަނގަޅުވާން ފަށާނީ ހޮނިހިރު ދުވަހަށް ފަހު ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.