ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކަށް ރެސިޑެންސީ ރައިޓްސް ދިނުމާ ދެކޮޅު ހައްދަވައި، އެ ތަނަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް ހާއްސަ ކުރަންޖެހޭ ތަނެއް ކަމަށް ކުރީގެ ރައީސް އަބްދުއްﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ސަރުކާރުން ނިންމަމުންދާ ބައެއް ނިންމެވުންތަކަށް ފާޑުވިދާޅުވަމުންނެވެ.

ޕީއެންއެފް އިން މިރޭ ބޭއްވި ޖަލްސާގައި ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި މަޝްރޫއެއްކަން ޔާމީން ފާހަގަކުރެއްވި އެވެ.

ޔާމީން ވިދާޅުވީ ރަސްމާލެ ތަރައްގީކުރުމުގެ މައިގަނޑު މަގުސަދަކީ އެ ތަން ބޭރުގެ ފަރާތްތަކަށް ވިއްކާލުން ނުވަތަ ފޮރިން އިންވެސްޓްމަންޓްތަކަށް އެކަނި ހާއްސަކުރުން ނޫން ކަމަށެވެ. އެއީ މާލެ ސަރަހައްދުގައި އުޅޭ ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރޭވި އާ ޝަހަރެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެ މަޝްރޫއުގެ މައިގަނޑު ބޭނުމަކީ 2030 ވަނަ އަހަރު އަންނައިރު 18 އަހަރުން މަތީގެ ހަމަ ކޮންމެ ދިވެހި ކުއްޖަކަށް ބޯހިޔާވަހިކަން ހޯދައިދިނުން ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެ ތަނުން ވިޔަފާރީގެ މުއާމަލާތްތަކާއި، ބޭންކުތަކާއި، ކޮންމެވެސް ވަރަކަށް ފޮރިން އިންވެސްޓްމަންޓްތައް އައުމަކީ އަޅުގަނޑު ޕްލޭންކުރިގޮތް،" ޔާމީން ވިދާޅުވި އެވެ.

ނަމަވެސް، ރިއަލް އެސްޓޭޓް މެދުވެރިކޮށް ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް ރެސިޑެންސީ ރައިޓްސް ނުވަތަ އާބާދުވުމުގެ ހައްގު ދިނުމުގެ އެއްވެސް ވިސްނުމެއް އެމަނިކުފާނުގެ ޕްލޭނުގައި ނޯންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ގާނޫނަށް ބަދަލު ގެނެސްގެން ބޭރު މީހުންނަށް އެފަދަ ފުރުސަތުތަކެއް ދިނުމަކީ ރުހޭ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވެރިކަމުގައި ގާނޫނަށް ގެނައި ހަމައެކަނި ބަދަލަކީ 99 އަހަރަށް ބިން ދޫކުރުން ކަމަށް ޔާމީން ވިދާޅުވި އެވެ. އޭގެ ބޭނުމަކީ ސްޕެޝަލް އެކޮނޮމިކް ޒޯންގެ ދަށުން ބޮޑެތި އިގުތިސާދީ މަޝްރޫއުތައް ރާއްޖެއަށް ގެނައުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.