މާލެއަސް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ގޭގެއަށް ފެންވަދެ ބޮޑެތި އެހީތެރިކަން ބޭނުންވާ 35 ގެއެއް އެބަހުރި ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
އެންޑީއެމްއޭ އިން ބުނީ މާލޭގައި ފެންބޮޑުވެގެން އެކި ގޮތްގޮތުން އެހީތެރިކަން ބޭނުންވެގެން 400 ކޯލް މިއަދު ލިބުނު ކަމަށެވެ. އަދި އޭގެތެރެއިން 35 ގެއަކީ ބޮޑެތި އެހީތެރިކަން ބޭނުންވާ ގެތައް ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
ރެޕިޑް އެސެސްމަންޓް ހެދުމަށްފަހު ބޮޑަށް އެހީތެރިކަން ބޭނުންވާ 35 ގޭގެ މީހުންނަށް އެހީ ވުމާއި އެހެންތަންތަނަށް ބަދަލު ކުރަން ޖެހޭ މީހުން ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
ފެންބޮޑުވުމާ ގުޅިގެން މާލޭގައި ވެލިބަސްތާ ޖަހަންޖެހޭ ތަންތަނުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލާއި ފުލުހުންނާއި ސިފައިން ގުޅިގެން އަންނަނީ ކުރަމުންނެވެ.
މިރެއިން ފެށިގެން މާދަމާ ހަވީރު 4:00 އަށް ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ނެރެފަ އެވެ.
މާލޭގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާތީ ފުލުހުން ވެސް ވަނީ މަގުމަތީގެ ރައްކާތެރިކަމުގެ އެލާޓެއް ނެރެފަ އެވެ.
ފުލުހުން ނެރުނު އެލާޓްގައި ވަނީ ބޯކޮށް ވާރޭވެހި މާލޭގެ ބައެއް ގެތަކަށް ފެންވަނުމުގެ ހާދިސާތައް ހިނގަމުންދާތީ، މަގުތަކުން ފެން ހިނދި އާންމު ހާލަތަށް މަގުތައް އަންނަންދެން ބަރު އުޅަނދު މަގުތަކުގައި ނުދުއްވުމަށާއި ހަތަރު ފުރޮޅުލީ އުޅަނދު ޒަރޫރީ ބޭނުންތަކުގައި ނޫނީ ނުދުއްވުމަށް އިލްތިމާސްކޮށްފަ އެވެ.
މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާތީ ގޯސްޓްގާޑާއި މެޓް އޮފީހުގެ ލަފާގެ ދަށުން ނޫނީ ކަނޑުދަތުރު ނުކުރަން އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.