ރައީސް މުހައްމަދު މުއިއްޒަކީ ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަނެއް ނޫން ކަމަށާއި އެމަނިކުފާނަކީ އެ ނިޒާމުގެ އެންމެ ބޮޑު ދުޝްމަނު ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވަނީ ރައީސް މުއިއްޒު ކުރިން ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު މާލެ ސިޓީ ކައުންސިލާމެދު ކަންކަން ކުރެއްވި ގޮތުން އެކަން ވަރަށް ސާފުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނު މާލޭގެ މޭޔަރުކަމުގައި ހުންނެވި އިރު ބޭނުންފުޅުވީ ހުރިހާ ބާރުތަކެއް ކައުންސިލަށް ނެގުމަށް ކަމަށްވެސް ފައްޔާޒު ފާހަގަކުރެއްވި އެވެ.

ވެރިކަމަށް ވަޑައިގަތުމަށްފަހު ފަހަރަކު ބާރެއް އަތުލައްވަމުން ގޮސް، މިއަދު ސަރުކާރުން ވަނީ ވެރިކަން ކުރާ ރަށުގައި ހުރި ހުރިހާ ބިމެއްގެ ބާރު އަތުލާފައި ކަމަށް ފައްޔާޒު ވިދާޅުވި އެވެ. މާލޭގެ ކަންކަން ނިންމުމަށް މާލޭގެ ރައްޔިތުން ވޯޓުދީގެން އިންތިހާބުކޮށްފައިވާ ކައުންސިލެއް އޮއްވައި، ސަރުކާރުން ގޮތް ކިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން ވެރިކަން ކުރާ ޕީއެންސީން ބޭނުންވަނީ ރައްޔިތުން އަޅުވެތިކޮށް ސަލާންޖެހުވުމަށް ކަމަށް ފައްޔާޒު ތުހުމަތު ކުރެއްވި އެވެ. ރާއްޖޭގެ ތަރައްގީ ސީދާ ގުޅިފައިވަނީ ކައުންސިލްތަކަށް ބާރުތައް ދޫކޮށްލުމާ ކަމަށާއި، އެކަން ކުރާނީ އެމްޑީޕީން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މާލޭގެ އާޓިފިޝަލް ބީޗާއި ކާނިވާ ސަރަހައްދާއި ސަލްޓަންޕާކާއި ރަސްފަންނު ހިމެނޭހެން ޖުމްލަ 14 ބިމެއް ސަރުކާރުގެ ބެލުމުގެ ދަަށަށް މިއަދުން ފެށިގެން ގެނެސްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ.