ތިމާވެއްޓަށް ހާއްސަ ޝައުގެއް ހުންނާތީ މީހުން މޮޔައޭ ކިޔައި، ދިމާކުރި އިންޑޮނޭޝިއާގެ މީހަކު، 24 އަހަރުގެ މަސައްކަތުން ފަރުބަދަތައް ފެހިކޮށްލައިފި އެވެ.

އުމުރުން 69 އަހަރުގެ މި މީހާ ވަނީ އޭނާ ދިރިއުޅޭ ޖާވާގެ ސަރަހައްދުގެ ފަރުބަދަތަކުގައި ގަސް އިންދުމުގެ މަސައްކަތް ކޮށްފަ އެވެ. މީގެ ކުރިން އެ ސަރަހައްދުން ބިން ހޯދުމުގެ ބޭނުމުގައި ގަސްތަކުގައި އަލިފާން ރޯކޮށް އަންދާލުމުން އެތާ ކައިރި ކޯރުތަކުން ގާތްގަނޑަކަށް ފެން ހުސްވި އެވެ. އަދި ދަނޑުގޮވާން ކުރަން އުނދަގޫ ވެގެން ދިޔަ އެވެ.

"އަހަރެން ހިތަށް އެރީ އަހަރެން މިތާ ނިކަ ގަސް ނީންދައިފި ނަމަ މި މުޅި ސަރަހައްދުން ފެން ހުސްވެގެން ހިނގައިދާނެ އޭ،" ސަޑިމަން ބުންޏެވެ.

"އަހަރެންގެ ތަޖުރިބާއިން ބުނަންޏާ ނިކަ ގަހާއި ވައްތީނި ގަހަކީ ވަރަށް ގިނައިން ފެން ރައްކާ ކުރެވޭ ގަސްތައް."

އެ ސަރަހައްދުގެ 250 ހެކްޓަރުގެ ބިމުގެ ސަރަހައްދެއްގައި ސަޑިމަން އިންދި 11،000 އެއްހާ ނިކަ އަދި ފިކުސް ގަހުގެ މޫތައް އެތައް މޭލަށް ފެތުރިގެން ގޮސްފައިވާ އިރު މިއީ ބިމުއަޑީގައި ހުންނަ ފެން ހިފަހައްޓާ، ރަށް ގިރުމުން ރައްކާތެރިކޮށްދޭ ކަމެކެވެ.

އޭނާގެ މަސައްކަތުން މިހާރު އެ ސަރަހައްދުގެ ގެތަކަށް ފެންހޮޅިތަކުން ސާފު ފެން ލިބެ އެވެ.

ކަން މިހެން އޮތް ކަމަށް ވިޔަސް، އެންމެ ފުރަތަމަ މި މަސައްކަތް ފަށައިގަތް އިރު އެކަން ބަލައިގަތީ މަދު ބައެކެވެ.

"އަހަރެން ބެންޔަން ގަހުގެ އޮށްތައް ހިފައިގެން އައުމުން މީހުން ހިތްހަމަ ނުޖެހުނު. އެ މީހުން ގަބޫލުކުރާ ގޮތުގައި މި ވައްތަރު ގަހުގައި ރޫހާނީ އެއްޗެހި އުޅޭ،" ސަޑިމަން ބުންޏެވެ.

"މީގެ ކުރިން މީހުން ހީކުރީ އޭނާ އަކީ މޮޔައެއް ކަމަށް. އެކަމަކު މިހާރު އޭނާ ކުރި މަސައްކަތުގެ ނަތީޖާ އެބަ ފެނޭ،" އެ އަވަށުގައި ދިރިއުޅޭ ވާޓޯ ނަމަކަށް ކިޔާ މީހަކު ބުންޏެވެ. "މިހާރު އޭނާގެ މަސައްކަތުން އެތަށް އަވަށެއްގެ މީހުންނަށް ސާފު ބޯފެން އެބަ ލިބޭ."

ސަޑިމަން މިކުރާ މަސައްކަތަށް ބޭނުންވާ ފަންޑު ހަމަޖައްސަން އޭނާގެ ނާސަރީގައި ސައްކޭލާއި ކަރަންފޫ ފަދަ ތަކެތި ހައްދާ، އެތަކެތި ވިއްކަ އެވެ.

އެންމެ ފުރަތަމަ އޭނާ ގަސް އިންދި ސަރައްހައްދުގައި މީގެ ކުރިން ވާރޭ ނުވެހޭތީ، ދަނޑު ގޮވާން ވެސް ކުރެވެނީ އަހަރަކު އެއްފަހަރު އެވެ. އެހެން ނަމަވެސް މިހާރު ފެނުގެ ދަތިކަން ކުރިމަތި ނުވާތީ އަހަރަކު ދެފަހަރު ނުވަތަ ތިން ފަހަރު ވެސް އެ ސަރަހައްދުގައި ދަނޑުގޮވާން ކުރެވެ އެވެެ.

"އަހަރެންގެ އުންމީދަކީ މިތަނުގައި ދިރިއުޅޭ މީހުން އުފަލުގައި އުޅުން. އަދި މީގެ ފަހުން ދެން ދުވަހަކު ވެސް ޖަންގަލީ ރޯކޮށް އަންދާލުން ފަދަ ކަމެއް ނުކުރުން." ސަޑިމޭން ބުންޏެވެ.