އެއާޕޯޓްތައް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން އެންމެ އަވަހަށް ނިމޭނީ ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ކަމަށް އެ ކުންފުނީގެ ސީއީއޯ އަހްމަދު ސައުދީ ވިދާޅުވެއްޖެ އެވެ.
ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމާއެކު މަގޫދޫ އެއާޕޯޓްގެ މަސައްކަތް ހުއްޓާލުމަށްފަހު އެރަށުން 15 މިނެޓުން ދެވޭ ފ. ނިލަންދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ސަރުކާރުން އިއުލާންކުރި އެވެ. އަދި ނިލަންދޫ އެއާޕޯޓް އަޅަން ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކުރި އެވެ.
ނިލަންދޫގައި އެއާޕޯޓް އަޅަނީ މިދިޔަ ސަރުކާރުން ދެ ރިސޯޓް ތަރައްގީކުރަން ނިންމާފައިވާ އެރަށުގެ ރީތި ގޮނޑުދޮށް ހިއްކައިގެންނެވެ. ބިން ހިއްކުމުގެ މަސައްކަތް އަދިވެސް ނުނިމެ އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތްއިރު، މަގޫދޫ އެއާޕޯޓްގެ 60 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ އެވެ.
ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދޭ އަހާށޭ ބުނާނަން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސައުދީ ވިދާޅުވީ މިހާރު މަސައްކަތް މަޑުޖެހިފައި އޮތަސް މި ދައުރުގެ ތެރޭގައި މަގޫދޫ އެއާޕޯޓްގެ މަސައްކަތް ނިމޭނެ ކަމަށެވެ.
ދެން އެންމެ އަވަހަށް ހުޅުވާނީ މަގޫދޫ އެއާޕޯޓް ކަމުގެ ޔަގީންކަން ސައުދީ ދެއްވި އެވެ.
އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން މަކުނޫދޫ އެއާޕޯޓުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަލިފުށީ އެއާޕޯޓުގެ ރަންވޭ ބޮޑު ކުރަންޖެހޭތީ އިތުރަށް ބިން ހިއްކަންޖެހޭ ކަމަށް ވިދާޅުވި އެވެ.
"ފ. މަގޫދޫއާއި، ފ. ނިލަންދޫ އެއާޕޯޓުގެ މަސައްކަތް އަންނަނީކުރަމުން. އަދި ގުރައިދޫ އެއާޕޯޓުގެ އެމްޓީސީސީއާ ހަވާލުކުރި ބައި މިހާރު ވަނީ ނިމިފައި. އެ މަސައްކަތް މިހާރު އެމްއޭސީއެލްއާއިވަނީ ހަވާލުކޮށްފައި. މިހާރު މަސައްކަތް ކުރިއަށްދާ ގޮތުން އެންމެ އަވަހަށް ނިމޭނީ މަގޫދޫ އެެއާޕޯޓުގެ މަސައްކަތް" ސައުދީ ވިދާޅުވި އެވެ.
މަގޫދޫ އެއާޕޯޓްގައި ތަރައްގީކުރަނީ 1500 މީޓަރުގެ ރަންވޭއެކެވެ. އެއީ ދައުލަތުގެ ބަޖެޓުން 231 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ހުޅުމާލޭގައި އީގަލް ހިލްސް އިން އަޅާ ފްލެޓްތަކުގެ ކުރެހުން!
އާމިރުގެ ތަފާތު ފެނިލުމަކާއެކު ސަޕޯޓަރުންގެ ތައުރީފު އޮހެނީ!
