ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކޮށް ގއ. އާއި ގދ. އަށް އޮރެންޖު އެލާޓް ނެރެފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު އެ ދެ އަތޮޅަށް އޮރެންޖް އެލާޓް ނެރެފައިވަނީ މެންދުރު 12:50 އިން 3:00 އާއި ދެމެދުގެ ވަގުތަށެވެ.

އެ އެލާޓުގައި އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކޮށްފައިވެ އެވެ.

މިއީ ގއ. އަދި ގދ. އަތޮޅަށް އެއް ގަޑިއިރުގެ ތެރޭގައި މޫސުމީ އެލާޓް މަތިކުރި ތިންވަނަ ފަހަރެވެ.

އެންމެ ފުރަތަމަ 12:05ގައި ވައިޓް އެލާޓް ނެރުމަށްފަހު، 12:22ގައި ޔެލޯ އެލާޓް ނެރުނެވެ. ދެންމެ ނެރެފައިވަނީ އޮރެންޖު އެލާޓެވެ.

ހުވަދޫ އަތޮޅަށް މޫސުން ގޯސްވެފައިވާއިރު، ރައީސް މުހައްމަދު މުއިއްޒު މިވަގުތު ގެންދަވަނީ އެ ދެ އަތޮޅުގެ ރަށްތަކަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ.

މި މަހުގެ 3 ވަނަ ދުވަހުވެސް މެޓުން ވަނީ ރާއްޖެއަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ އޮރެންޖް އެލާޓް ނެރެފަ އެވެ. އެދުވަހު މެދުރާއްޖެ ތެރެއަށް މޫސުން ގޯސްވެ، ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް އޮރެންޖް އެލާޓް ނެރެފައިވެ އެވެ.

ޖެނުއަރީ 3 ގައި މާލެއަށް ރިކޯޑް އަދަދަކަށް ވާރޭވެހި ވަރަށް ބޮޑަށް ފެންބޮޑުވެ އިމާރާތްތަކަށް ފެންވަދެ 2 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުންވެފައިވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީން ހާމަކޮށްފައިވެ އެވެ.