ރޭ މެންދަމުން ފެށިގެން މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭ ވެހި މާލޭގެ ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެއްޖެ އެވެ.

އާންމުކޮށް ފެން ބޮޑުވާ މާފަންނު ސަރަހައްދުގައި މިއަދުވެސް ވަރަށް ބޮޑަށް ފެން ބޮޑުވެ، ބައެއް ގެތަކާއި ފިހާރަތަކަށް ވަނީ ފެންވަދެފަ އެވެ.

އެމްއެންޑީއެފުން ބުނީ ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވެގެން، ފެން ހިންދުމަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން، މާލޭގެ 7 ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން މަސައްކަތްކުރަމުންދާ ކަމަށެވެ.

މިގޮތުން ފެން ހިންދުމުގެ މަސައްކަތް ކުރުމަށް ފަންޕް ބަހައްޓާފައި ވަނީ:

- ވެސްޓްޕާކް 4 ޕަމްޕް

- އައިޖީއެމްއެޗް ސަރަހައްދު 3 ޕަމްޕް

ـ މާފަންނު ފެރީ ޓާމިނަލް 3 ޕަމްޕް

ـ ސަލްމާން މިސްކިތް ސަރަހައްދު 1 ޕަމްޕް

- ބޮޑު ވަޅު 4 ޕަމްޕް

- ކުޑަކުދިންގެ ބަގީޗާ 1 ޕަމްޕް

- ބިހުގެ 1 ޕަމްޕް

އެމްއެންޑީއެފުން ބުނީ މިއަދުގެ 06:00 އާއި ހަމައަށް 6753 ޓަން ގެ ފެން ހިއްކިފައިވާ ކަމަށެވެ.

މީގެއިތުރުން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިފައިން އަންނަނީ މާލޭގެ ދެ ސަރަހައްދެއްގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ. މިހާތަނަށް 46 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި އަހަރުގެ 3 ވަނަ ދުވަހު ކުރި ވިއްސާރައިގައިވެސް މާލޭގައި ފެން ބޮޑުވެ މީހުން ދިރިއުޅޭ ގެތަކަށް 2.2 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާކަމަށް ސެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނެފައިވެ އެވެ.