ރައްޔިތުންގެ މަޖިލީހުގެ ވިިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ހެކިވެރިއެއްގެ ގޮތުގައި ސޮއިކޮށްފައިވާ ވަގު ފޯމެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ނިންމައިފި އެވެ.
ވިލިނގިލި ދާއިރާގެ ކުރީގެ މެމްބަރު ސައުދު ހުސައިން އެކްސްގައި ވިދާޅުވީ ގއ. ވިލިނގިލި، ކޯޒީގެ، އާސިފް އަހްމަދަކީ އެމްޑީޕީގެ ދަފްތަރުގައިވާ މީހެއް ކަމަށެވެ. ނަމަވެސް އާސިފްގެ ނަމުގައި އޭނާގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ވަގު ފޯމެއް ފުރައި ޕީއެންސީގެ ތައްގަނޑު ޖަހައި އެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް ސައުދު ވިދާޅުވި އެވެ.
ސައުދު ވަނީ އެކްސްގައި އެ ފޯމް ވެސް ހިއްސާކުރައްވާފަ އެވެ. އެ ފޯމްގައި ހެކީންގެ ގޮތުގައި މުހައްމަދު އިސްމާއީލާއި ޕީއެންސީގެ އެކްޓިވިސްޓް އިބްރާހީމް ރައްޒާން ސޮއިކޮށްފައިވެ އެވެ. އެ ދެ މީހުން ސޮއިކޮށްފައި ވަނީ އެ ދެ މީހުންގެ ހާޒިރުގައި އާސިފް ޕީއެންސީއަށް ސޮއިކުރި ކަމަށެވެ.
އެ ފޯމުގައި އެ ފޯމަށް ޒިންމާވާ ބޭފުޅެއްގެގޮތުގައި ޕީއެންސީގެ ރަޖިސްޓްރާ އަދި ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަފޫ ހާމިދު ސޮއިކޮށްފައިވެ އެވެ.
މިކަމާ ގުޅިގެން ސައުދު ވިދާޅުވީ އާސިފްގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީން ވައްކަންކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާނެ ކަމަށެވެ.
ވަގަށް މީހުން ޕީއެންސީއަށް ވައްދަނީ ޑީއެންއާރްގައި ހުރި ދިވެހި ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެނެވެ. އެގޮތުން ޑީއެންއާރްގެ ވެރިޔަކަށްހުރި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު އަލީ ހެކިވެރިޔަކަށް ސޮއިކޮށްފައިވާ ވަގު ފޯމްތަކެއް ވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުންގެ އިތުރުން ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސައިން ޒިޔާދު ވެސް ވަގަށް ޕީއެންސީއަށް ވައްދާފައިވާކަން މިއަދު ވަނީ ފަޅާއަރައިފަ އެވެ. އެކަމާ ގުޅިގެން އެމްޑީޕީން ވަނީ އިލެކްޝަންސް ކޮމިޝަނަށް ގޮސް އިހްތިޖާޖުކޮށްފަ އެވެ.