ދުނިޔޭގެ ދަތުރުފަތުރަށް މުހިންމު މަގެއް ކަމަށްވާ ޕެނަމާ ކެނަލަކީ އިންޖިނިއަރިންގެ ރޮނގުން ބެލި ކަމަށް ވިޔަސް ސްޓްރެޓެޖިކް ގޮތުން ބެލިކަމުގައި ވިޔަސް މުހިންމު ތަނެކެވެ. އެމެރިކާގެ ވެރިކަމަށް ޑޮނަލްޑް ޓްރަމްޕް ދެވަނަ ފަހަރަށް އައްޔަންވުމާއެކު ރޭ އެމަނިކުފާނު ވަނީ ޕެނަމާ ކެނަލް އަނބުރާ އެމެރިކާގެ ކޮންޓްރޯލުގެ ދަށަށް ގެންނަވާނެ ކަމަށް ވައުދެވެވަޑައިގެންފަ އެވެ. އެ ވާހަކައަކައަކީ އެމަނިކުފާނު ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގެ އެންމެ މުހިންމު އެއް ވާހަކަފުޅެވެ. މި ލިޔުމުގައި ބަލާލާނީ ޕެނަމާ ކެނަލުގެ ތާރީޚާއި އެތަނުގެ ސްޓްރެޓެޖިކް މުހިންމުކަމުގެ އިތުރުން އެމެރިކާއިން އެތަން ހިފުމުގައި ހުރި ގޮންޖެހުންތަކުގެ މައްޗަށެވެ.
ތާރީޚީ ގޮތުން ޕެނަމާ ކެނަލް
އެޓްލާންޓިކް ކަނޑާއި ޕެސިފިކް ކަނޑުގުޅުވައި ދިނުމަށްޓަކައި ނެރެއް ނުވަތަ ކެނަލެއް ކޮނުމުގެ ޚިޔާލަކީ އެންމެ ފުރަތަމަ އެމެރިކާގައި ވަޒަންވެރިވި ޔޫރަޕްގެ މީހުންގެ ޚިޔާލެކެވެ. އެ ޚިޔާލަށް އަމަލީ ސިފަ ގެނައުމަށް ފުރަތަމަ މަސައްކަތް ކުރީ ފަރަންސޭސިންނެވެ. އެއީ 1880 ވަނަ އަހަރު އެވެ. ސުއޭޒް ކެނަލް ކޮނުމުގެ ތަޖުރިބާއާއެކު ފަރަންސޭސިން ފެށި މަސައްކަތް ވީ ވަރަށް ގޮން ޖެހުން ބޮޑު ކަމަކަށެވެ. އިންޖިނިއަރިންގެ ގޮންޖެހުންތަކާއި އެހިސާބުގެ ބަލިމަޑުކަމަށް ކެތް ނުވެގެން ފަރަންސޭސިން އެ މަޝްރޫއު ދޫކޮށްލި އެވެ. އެއަށްފަހު އެކަމާ ކުރިމަތިލީ އެމެރިކާއިންނެވެ. ޕެނަމާއާއެކު ވި އެއްބަސްވުމެއްގެ ދަށުން 1904 ވަނަ އަހަރު ފެށި މަޝްރޫއު ނިންމާލެވުނީ 1914 ވަނަ އަހަރު އެވެ. އެއާއެކު އެމެރިކާގެ އިރުމައްޗާއި ހުޅަނގު ބިތުގެ މެދުގައި ކުރެވޭ ދަތުރުގެ ދިގުމިން ވަރަށް ބޮޑަށް ކުރުވެގެން ދިޔަ އެވެ. ކެނަލް ހެދުމަށްފަހު 1999 ވަނަ އަހަރާ ހަމަޔަށް އެތަން އޮތީ އެމެރިކާގެ ކޮންޓްރޯލުގެ ދަށުގަ އެވެ. ކެނަލް ޕެނަމާއަށް ހަވާލުކުރުމަށް 1977 ވަނަ އަހަރު ދެގައުމުގެ ދެމެދުގައި ވި އެއްބަސްވުމާ އެއްގޮތަށް 1999 ވަނަ އަހަރު ޕެނަމާ އިން އެ ކެނަލާ ހަވާލުވުމަށް ފަހު މިއަދާހަމަޔަށް ވެސް ކެނަލް ބަލަހައްޓަމުން އަންނަނީ ޕެނަމާއިންނެވެ.
މިއަދުގެ ހާލަތު
ޕެނަމާއަށް ކެނަލް ލިބުމަށްފަހު އެ ކެނަލްގެ ތަރައްގީއަށް ވަރަށް ގިނަ ކަންތައްތަކެއް ވަނީ ކޮށްފަ އެވެ. ކެނަލް ބޮޑުކުރުމާއި ޓްރާންސިޓް ބޯޓުފަހަރަށް މަޑު ކުރެޥޭ ގޮތަށް ތަރައްގީކުރުން ފަދަ އެތައް ކަމެއް ޕެނަމާއިން ވަނީ ކޮށްފަ އެވެ. މިއަދު ޕެނަމާ ކެނަލަކީ ދުނިޔޭގެ އިގްތިސާދުގައި ދައުރުވާ މުދަލުގެ ބޮޑު ބައެއް، އެ ކެނަލް ހުރަސްކޮށް ދަތުރުކުރާ މުހިންމު މަގެކެވެ.
ޕެނަމާ ކެނަލުގެ ސްޓްރެޓެޖިކް މުހިންމުކަމާއި އިގުތިސާދީ ފައިދާގެ ސަބަބުން ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ލޯ އަންނަނީ ފަހަކަށް އައިސް އެ ކެނަލަށް އަމާޒުވަމުންނެވެ. ޚާއްސަކޮށް ޗައިނާއިން ކޮށްފައިވާ އިންވެސްޓްމެންޓުތަކުގެ ސަބަބުން އެގައުމުގެ ނުފޫޒު ކެނަލަށް ފޯރާފައިވާކަމުގެ ކަންބޮޑުވުން ބައެއް ގައުމުތަކުން އަންނަނީ ފާޅު ކުރަމުންނެވެ. އެއީ އެމެރިކާގެ ލޯ، ޕެނަމާ ކެނަލަށް ދެވަނަ ފަހަރަށް އަމާޒުވި ސަބަބު ކަމަށް ވެސް ބެލެވެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ޕެނަމާ ކެނަލަކީ އެމެރިކާއިން ޕެނަމާ އާ ހަވާލު ކޮށްފައިވާ ތަނެއް ކަމަށެވެ. އެހެން ނަމަވެސް މިހާރު އެތަން އޮތީ ޗައިނާގެ އަތް ދަށުގައި ކަމުގައި ވެސް ޓްރަމްޕް ވިދާޅުވި އެވެ.
ޕެނަމާ ކެނަލް ހޯދުމަށް އެމެރިކާއަށް އޮތް ގޮންޖެހުން
ޕެނަމާ ކެނަލް އަނބުރާ ހޯދުމަކީ ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ވައުދެކެވެ. އެހެން ނަމަވެސް އެތަން ހޯދާނީ ކިހިނެއް ކަމަށް އޭނާ ވިދާޅެއް ނުވެ އެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ޓްރަމްޕް ފުރަތަމަ މަސައްކަތް ކުރައްވާނީ ގާނޫނީ ގޮތުން ޗެލެންޖް ކުރައްވައިގެން އެތަން ހޯއްދެވުމަށެވެ. އެކަމުގައި ޓްރަމްގެ ޕޮއިންޓަކީ ޕެނަމާއަށް ކެނަލް ހަވާލުކުރުމުގެ އެއްބަސްވުމާ ޕެނަމާއިން ޚިލާފުވެފައިވާ ކަމަށް ވަކާލާތުކުރެއްވުމެވެ. އެހެން ނަމަވެސް އެއީ އެހާ ފަސޭހައިން ހާސިލުކުރެވޭނެ ކަމެއް ކަމަށް ނުބެލެވެ އެވެ.
ޓްރަމްޕްގެ ވާހަކަފުޅާ ގުޅިގެން ޕެނަމާގެ ވެރިން އަންނަނީ ޕެނަމާގެ ރައްޔިތުންނަށް އެކަމާ ކަންބޮޑުނުވުމަށާއި ޕެނަމާ ކެނަލް އޮންނާނީ ޕެނަމާ މީހުންގެ ބެލުމުގެ ދަށުގައި ކަމަށް ބުނަމުންނެވެ.
ކެނަލް ހޯދުމަށް ޓްރަމްޕަށް ދެން އޮތީ ބާރުގެ ބޭނުންކުރުން ނުވަތަ އިގުތިސާދީ ފިއްތުންތައް ކުރިމަތިކުރުމެވެ. މީގެ ތެރެއިން ޓްރަމްޕް ޚިޔާރު ކުރައްވާނީ ކޮން މަގެއް ކަމެއް އަދި ނޭނގެ އެވެ. އެކަމާ ބެހޭ މާބޮޑު ތަފުސީލެއް އަދި ހާމައެއް ނުވެ އެވެ.
ބައިނަލްއަގުވާމީ ޚިޔާލު
ޓްރަމްޕްގެ ވާހަކަފުޅާ ގުޅިގެން ގިނަ ބައެއްގެ މެދުގައި ވަނީ ޚިޔާލު ތަފާތުވެފަ އެވެ. އެމެރިކާގެ ބައެއް ސިޔާސީ ފަރާތްތަކުން ވެސް އެ ޚިޔާލާ ދެކޮޅު ހަދާއިރު ޓްރަމްގެ ސަޕޯޓަރުން ވަނީ އެ ޚިޔާލަށް ތާއީދުކޮށްފަ އެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވެސް ވަނީ ޓްރަމްޕުގެ ޚިޔާލަށް ކަންބޮޑުވާކަން ފާހަގަކޮށްފަ އެވެ. ޚާއްސަކޮށް ޗައިނާއިން ވަނީ ބޭރު ގައުމުތަކުގެ އިންވެސްޓްމަންޓާއި ބައިނަލްއަގުވާމީ ދަތުރުފަތުރަށް ހުރަސް އެޅޭ ކަމެއް އެމެރިކާއިން ނުކުރާނެ ކަމަށް އުންމީދުކުރާ ކަމަށް ހާމަކޮށްފަ އެވެ.
ނިންމާލުން
ޓްރަމްޕް ދެވަނަ ދައުރަކަށް އެމެރިކާގެ ރައީސް ކަމަށް ވަޑައިގެން ޕެނަމާ ކެނަލް އަނބުރާ އެމެރިކާގެ ބާރުގެ ދަށަށް ގެންދަވާނެ ކަމަށް ވިދާޅުވުމުން އެ ހިސާބުގެ ގައުމުތަކުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. ދުނިޔޭގެ ކަނޑު ދަތުރުފަތުރުގެ މުހިންމު ދޮރާށްޓެއް ކަމަށް ބެލެވޭ ޕެނަމާ ކެނަލް އަނބުރާ އެމެރިކާގެ ބާރުގެ ދަށަށް ގެންދާނީ ކޮން ގޮތަކަށް ކަން އަދި ނޭނގުނު ކަމަށް ވިޔަސް އެފަދަ ހަރަކާތެއް ވެގެންދާނީ ބޮޑު ހަމަނުޖެހުމަކަށް ކަމަށް ބެލެވެ އެވެ.