މޯލްޑިވިއަން އިން އަލަށް ގެނައި ވައިޑް-ބޮޑީ މަތިންދާބޯޓުގެ ދަތުރުތައް އިއްޔެ ޗައިނާއަށް ފަށައިފި އެވެ.

އެންމެ ފުރަތަމަ ދަތުރު ފަށާފައި ވަނީ ޗައިނާގެ ޗެންޑޫއަށެވެ.

މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެ ގެނައީ މިމަހުގެ ހަވަނަ ދުވަހު އެވެ. އެ ބޯޓު ޗެންޑޫއަށް ކުރި ފުރަތަމަ ދަތުރުގައި 52 ފަސިންޖަރުން ދަތުރުކުރި އެވެ. އޭގެ ތެރެއިން 32 މީހުންނަކީ ޓޫރިސްޓުން ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.

މޯލްޑިވިއަންގެ ދަތުރުތައް ޗައިނާއަށް ފެށުމާއެކު އެ އެއާލައިނުން ވަނީ ޓިކެޓް އަގުހެޔޮ ފެއާއެއް ވެސް ފަށައިފަ އެވެ.

މޯލްޑިވިއަނުން ޗައިނާގެ ޗެންޑޫއަށް ކުރި ފުރަތަމަ ދަތުރުގައި ދިޔަ ފަސިންޖަރުންނަށް ވެލާނާ އެއާޕޯޓުން ޗެކިންކޮށްދެނީ. ފޮޓޯ: މޯލްޑިވިއަން

މޯލްޑިވިއަން ހޮލިޑޭސްގެ ޖެނެރަލް މެނޭޖަރު ރިޒަވޭޝަން އެންޑް ޓިކެޓިން އައިމިނަތު ސަމީހާ ވިދާޅުވީ މިވަގުތު މޯލްޑިވިއަންގެ ޓިކެޓުން ކުރިއަށްގެންދާ ފެއާއިން މާކެޓްގައި ޗައިނާގެ ޓިކެޓް ހުރި އަގާއި އާޅަބަލާއިރު 30 އާއި 50 އިންސައްތައާ ދެމެދު އަގު ހެޔޮވާނެ ކަމަށެވެ.

މޯލްޑިވިއުން މިވަގުތު ޗެންޑޫއަށް ކުރާނީ ހަފްތާއަކު ތިން ދަތުުރެވެ. އެއީ ކޮންމެ ހަފުތާއެއްގެ ހޯމަ ބުދަ ހުކުރު ދުވަހު އެވެ.

"ގާތްގަނޑަކަށް މާކެޓްގައި އުޅޭ ރޭޓްތަކަށް ބަލާއިރު ވަރަށް އަގު ދަށްކޮށް އަޅުގަނޑުމެން މިހާރު މިފަށަނީ ދަތުރުތައް. ބޭނުންނަމަ އެއް މަންޒިލަށް ގޮއްސަ އަނެއް މަންޒިލުން ރިޓާން ވެސް ކުރެވޭގޮތައް އޮންނާނީ،" އޭނާ ވިދާޅުވި އެވެ.

މޯލްޑިވިއަންގެ ކާގޯ ސާވިސްގެ ސީނިއާ މެނޭޖަ ސިވާ ހަލީމް ވިދާޅުވީ މި ދަތުރުތަކާއެކު ޗައިނާއިން ރާއްޖެއަށް ކާގޯ ގެނައުމަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށެވެ. އަދި މިއީ ސީދާ ދަތުރުތަކަށް ވުމާއެކު މޭވާއާއި ތަރުކާރީގެ ބާވަތްތައް ވެސް ތާޒާކަމާއެކު ގެނައުމުގެ މަގު ފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މޯލްޑިވިއަންގެ ބޯޓު ޗައިނާގެ ޗެންޑޫ އެއާޕޯޓުގައި. ފޮޓޯ: މޯލްޑިވިއަން

"މި ދަތުރުތަކުގެ ސަބަބުން ހަމަ ގައިމުވެސް ރާއްޖޭގެ ވިޔަފާރިވެރިންނަށް ޗައިނާއިން ރާއްޖެއަށް ކާގޯ ގެނައުމަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ. އެއީ ޑައިރެކްޓް ފްލައިޓްތަކެއް އަޅުގަނޑުމެން މި ފަށަނީ ޗައިނާގެ ތިން ސިޓީއަކަށް،" ސިވާ ވިދާޅުވި އެވެ.

މި ބޯޓުގައި ޗެންޑޫއަށް ފުރަން ގޮސްހުރި އެ ގައުމުގެ މީހަކު ބުނީ މޯލްޑިވިއަންއިން މި ފެށި ސީދާ ދަތުރުތަކާއެކު އެއް ދުވަހުގެ ދަތުރެއް ހަ ގަޑިއިރަށް ކުޑަވެފައިވާ ކަމަށެވެ. މިއީ އެމީހުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއްކަން އޭނާ ފާހަގަކުރި އެވެ.

އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި އިތުރު ވައިޑް- ބޮޑީ މަތިންދާބޯޓެއް ރާއްޖެ ގެނެސް ޔޫރަޕަށް ދަތުރު ފެށުމަށް މޯލްޑިވިއަނުން އަންނަނީ ތައްޔާރުވަމުންނެވެ.