ބްރެޒިލް، ސައުދީއަރަބިއާ އަދި މޮރޮކޯއަށް އެސްޓްރާޒެނެކާ ވެކްސިން ފޯރުކޮށްދިނުން ލަސްވެދާނެ ކަމަށް އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން ބުނެފި އެވެ.
އަމިއްލަ ގައުމުގައި އޮތް ވެކްސިންގެ ޑިމާންޑާ ގުޅިގެން ފޯރުކޮށްދިނުން ލަސްވެދާނެ ކަމަށް ކަމާ ބެހޭ އިންޑިއާގެ ފަރާތަކުން ބުނެފައިވެ އެވެ.
ދުނިޔޭގެ އެންމެ ގިނަ ވެކްސިން އުފައްދާ އިންޑިއާއިން ހަދާ ވެކްސިންތައް، އެ ގައުމަށް ވުރެ އިތުރަށް އެހެން ގައުމުތަކަށް ފޯރުކޮށްދިނުމާ ގުޅިގެން ވަނީ ފާޑުކިއުންތަކާ ކުރިމަތިލާން ޖެހިފަ އެވެ.
އިންޑިއާއިން މިވަގުތު ދަނީ ވައިރަހުގެ ދެވަނަ ރާޅަކާ ކުރިމަތިލަމުންނެވެ. މިހާތަނަށް އެ ގައުމުގައި ޖުމްލަ 11.6 މިލިއަން މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.
އިންޑިއާއިން ވަނީ އިނގިރޭސިވިލާތުން އޯޑަރު ލިބިފައިވާ ދިހަ މިލިއަން ވެކްސިން ޑޯޒްގެ ދެބައިކުޅަ އެއްބައި ސަޕްލައިކޮށްފަ އެވެ.
ބްރެޒިލް އަށް ވަނީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން ހަތަރު މިލިއަން ޑޯޒް ފޯރުކޮށްދީފަ އެވެ. އަދި ސައުދީއަރަބިޔާއަށް ތިން މިލިއަން ޑޯޒް އާއި މޮރޮކޯ އަށް ހަތް މިލިއަން ޑޯޒް ފޯރުކޮށްދީފައިވާ ކަމަށް އިންޑިއާއިން ބުންޏެވެ. މި ތިން ގައުމުން ވެސް ވަނީ 20 މިލިއަން ޑޯޒް އޯޑަރު ކޮށްފަ އެވެ.
ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ވަނީ އެސްޓްރާޒެނެކާ، ގޭޓްސް ފައުންޑޭޝަން އަދި ގާވީ އެލައެންސްއާ ގުޅިގެން ދުނިޔޭގެ ފަގީރު ގައުމުތަކަށް ވެކްސިން ފޯރު ކޮށްދިނުމަށް ބިލިއަން ޑޯޒް އުފެއްދުމަށް ނިންމައިފަ އެވެ.
ނަން ހާމަކުރަން ބޭނުން ނުވާ ފަރާތަކުން ބުނި ގޮތުގައި ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ އިން މަސައްކަތް ކުރަނީ އޭޕްރިލް ނުވަތަ މޭ މަހުގެ ނިޔަލަށް މަހަކު 100 މިލިއަން ޑޯޒް އުފެއްދޭތޯ އެވެ. އެކަމަކު މިހާރު މަހަކު އުފެއްދެނީ 60 މިލިއަން އާ 70 މިލިއަނާ ދެމެދު އަދަދަކަށް ޑޯޒް އެވެ.
ސިރަމް އިންސްޓިޓިއުޓުން ވެކްސިން ފޯރުކޮށްދިނުމަށް ފުރަތަމަ ހަމަޖެހިފައި އޮތީ ހަމަ އެކަނި މެދު އަދި ދަށް އާމްދަނީ ގައުމު ތަކަށެވެ. މީގެ ތެރޭގައި ގިނައިން ހިމެނެނީ އޭޝިއާ އަދި އެފްރިކާ ސަރަހައްދުގެ ގައުމުތަކެވެ. ނަމަވެސް އެސްޓަރާޒެނެކާއިން އެހެން ގައުމުތަކަށް ވެސް ވެކްސިން ފޯރުކޮށް ދިނުމަށް އަންގާފައިވެ އެވެ.
އިންޑިއާއިން މިހާތަނަށް 8 މިލިއަން ޑޯޒް ހަދިޔާކޮށް އަދި 52 މިލިއަނެއްހާ ޑޯޒް 75 ގައުމަކަށް ވިއްކާފައިވެ އެވެ. މިހާތަނަށް އިންޑިއާގައި 44 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ ވެކްސިންޖަހާފަ އެވެ.