މަޝްހޫރު ރިއަލިޓީ ޓީވީ ތަރި އަދި ޒުވާން މިލިއަނަރު ކައިލީ ޖެނާ، އޭނާގެ މޭކްއަޕް އާޓިސްޓުގެ ސާޖަރީއަކަށް ފައިސާ ހަދިޔާކުރުމަށް ފޭނުންގެ ކިބައިން އެދުމުން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ކައިލީގެ މޭކްއަޕް އާޓިސްޓް، ސެމުއެލް ރައުޑާ އަށް ވަނީ މި މަހުގެ ކުރީކޮޅު ހިނދާދިޔަ ކާރު އެކްސިޑެންޓެއްގައި ވަރަށް ބޮޑަށް އަނިޔާވެފަ އެވެ.

އެކަމާ ގުޅިގެން ކުރަން ޖެހިފައިވާ ސާޖަރީއަށް ބޭނުންވާ ފައިސާ ހޯދުމަށް ގޯ ފަންޑް މީގެ ޕޭޖެއް ހަދާފައިވާ އިރު އޭގައި ލިޔެފައިވަނީ "މި ފަންޑަށް ލިބޭ ފައިސާއިން އޭނާގެ ސާޖަރީގެ ހަރަދުތަކާއި ކުރިއަށް ހުރި ހަރަދުތައް ވެސް ހަމަޖެއްސޭނެ،" ކަމަށެވެ.

ބުރާސްފަތި ދުވަހު ކައިލީގެ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއާއެކު ފޭނުންގެ ކިބައިން އެދުނީ ރައުޑާއަށް ހެޔޮ ދުއާކުރުމަށާއި އޭނާ އާއި އޭނާގެ އާއިލާއަށް މާލީ ގޮތުން އެހީވުމަށެވެ.

ރައުޑާގެ ނަމުގައި ހަދާފައިވާ ގޯ ފަންޑް މީގެ ޕޭޖަށް މިހާތަނަށް 92،418 ޑޮލަރު ވަނީ ލިބިފަ އެވެ. އަދި ކައިލީޖެނާ ނަމަކަށް ކިޔާ އެކައުންޓަކުން އެ ފަންޑަށް 5000 ޑޮލަރު ހަދިޔާ ކުރިކަމަށް ފެންނަން އޮތެވެ.

ކައިލީގެ އަކީ ކޮސްމެޓިކްސްގެ ދާއިރާގައި މަޝްހޫރު ވިޔަފާރިވެރިއަކަށް ވެފައި، މިލްކިއްޔާތުގައި 700 މިލިއަން ޑޮލަރު ހުރި މީހަކަށްވީ އިރު، އޭނާގެ މޭކްއަޕް އާޓިސްޓްގެ ސާޖަރީއަށް ފައިސާ އެއްކުރަން އެހެން މީހުން ގާތު އެދުމުން ވަރަށް ގިނަ ބަަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.

ފާޑުކިޔާ މީހުންގެ ތެރެއިން ބައެއް މީހުން ދަނީ ރައުޑާގެ ސާޖަރީއަށް ކައިލީ ފަންޑު ނުކުރަނީ ކީއްވެތޯ ސުވާލުކޮށްފަ އެވެ.

"ކައިލީގެ ރަހުމަތްތެރިޔާގެ ސާޖަރީއަށް ވުރެ އަގު ބޮޑު ދަބަސް ކައިލީ އަތުގައި ހުރޭ. އެވަރުންވެސް ނިކަމެތި މީހުން ކައިރީ މިބުނަނީ އެ ސާޖަރީއަށް ފައިސާ ހަދިޔާ ކުރަން. މިކަން ހަޖަމެއް ނުވި،" މީހަކު ކުރި ޓުވީޓެއްގައި ވެ އެވެ.

މިކަމާ ގުޅިގެން މީޑިއާތަކުން ކައިލީގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެެވެ.