ދުނިޔޭގައި ސިނާއީ އެތައް ހާދިސާތަކެއް ހިނގާފައިވާއިރު އެފަދަ ހާދިސާއަކުން މަގުބޫލު ފަތުރުވެރިންގެ މަންޒިލެއް އުފެދުމަކީ ވަރަށް ނާދިރު ކަމެކެވެ.

އެހެން ނަމަވެސް ތުރްކަމަނިސްތާނުގެ "ދަރްވާޒާ ގޭސް ކްރޭޓާ"އަކީ އެފަދަ އެއް މިސާލެވެ. އެއީ ސިނާއީ ހާދިސާއަކުން އުފެދުނު މިހާރު އެގައުމުގެ އެންމެ މަގުބޫލު ފަތުރުވެރިންގެ މަންޒިލެވެ.

މީގެ 50އެއްހާ އަހަރު ކުރިން 1970 ވަނަ އަހަރު ގުދުރަތީ ގޭސް ހޯދަން ބިންގަނޑު ކޮނުމުގެ ތެރޭގައި އުފެދުނު އެ އަލިފާނުގެ ވަޅުގަނޑު އަދި އަދަށް ދާންދެން ވެސް އެއްވެސް ބަދަލެއް ނައިސް އަނދައަނދާ އެބަ އޮތެވެ.

ދަރްވާޒާ ގޭސް ކްރޭޓާ

ތުރުކަމަނިސްތާނުގެ އެންމެ ހޫނުގަދަ ކަރަކުމް ސަހަރާގެ މެދުން އުފެދިފައިވާ އެ ވަޅުގަނޑަކީ 70 މީޓަރު ފުޅާ އަދި 30 މީޓަރު ފުން ވަޅުގަނޑެކެވެ.

އަހަރުތަކުގެ ތެރޭގައި ވަޅުގަނޑުގެ އަލިފާންގަނޑުގެ ބާރު ކުޑަވެފައިވީ ނަމަވެސް އެއްވެސް އިރެއްގައި އަލިފާންގަނޑު އެއްކޮށް ނިވިފައިނުވާ ކަމަށް އެގައުމުގެ ސައިންސްވެރިން ބުނެ އެވެ.

"ނަރަކައިގެ ދޮރު"ގެ ނަމުން ވަނަން ދެވިފައިވާ މި ވަޅުގަނޑު މިހާރު ވެފައި ވަނީ އެގައުމަށް ޒިޔާރަތްކުރާ ހަމަ ކޮންމެ ފަތުރުވެރިޔަކު ވެސް ބަލާނުލާ އެގައުމު ދޫކޮށް ދާން ބޭނުންނުވާ ތަނަކަށެވެ.

ކަރަކުމް ސަހަރާގެ ކޭމްޕް

އެތަނަށް ޒިއާރަތް ކޮށްފައިވާ ފަތުރުވެރިން ބުނާ ގޮތުގައި އެތަނަކީ ސައިންސްގެ ހާދިސާއަކުން އުފެދުނު ތަނަކަށް ވީނަމަވެސް އެތަނުގައި ރޫހާނީ ބާރެއް އެކުލެވިގެންވާ ތަނެއް ކަމަށެވެ.

މަގުބޫލު ފަތުރުވެރިންގެ މަންޒިލަކަށް ވުމުގެ އިތުރުން ވެސް މި ވަޅުގަނޑަކީ ސައިންސްވެރިންގެ ދިރާސާތަކުގައި ވެސް ބޭނުން ކުރެވޭ ތަނެކެވެ. އެގޮތުން އެ މާހައުލުގައި ދިރޭ ތަކެއްޗަށް އުޅެވޭތޯ ބަލަން ނެޝަނަލް ޖިއޮގްރަފިކްއިން ދިރާސާއެއް ވެސް ކޮށްފައިވެ އެވެ.

ދަރްވާޒާ ގޭސް ކްރޭޓާ

ދަރްވާޒާ ގޭސް ކްރޭޓާއަކީ ތުރުކަމަނިސްތާނުގެ ތާރީހުގެ މުހިއްމު ހިއްސާއަކަށްވީ ނަމަވެސް އެކި ސަބަބުތަކަށްޓަކައި އެ ވަޅުގަނޑު ބައްދަން އެގައުމުގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެހެން ކަމުން ކުރިއަށް އޮތް އަހަރުތަކުގައި "ދަރްވާޒާ ގޭސް ކްރޭޓާ" ތާރީހުގެ ތެރެއަށް ވަދެ އަންނަން އޮތް ޖީލުތަކަށް ފެނުމުގެ ފުރުސަތު ކުޑަ ކަމަށް ސައިންސްވެރިން ބުނެ އެވެ.