ކެލޮރީ މަދުކުރުމަށާއި ފިޓްނަސް ރޫޓިން ދެމެހެއްޓުމަށް މަސައްކަތްކޮށް، ބޭނުންވާ ބަރުދަނަށް ވާސިލުވެ ވުނުތާ މާ ގިނަ ދުވަހެއް ނުވަނީސް އަނެއްކާވެސް ބަރުދަން އިތުރުވާން ފެށުމަކީ ގިނަ ބަޔަކަށް ދިމާވާ މައްސަލައެކެވެ.

ނިއު ދިއްލީގެ މެކްސް ސުޕަ ސްޕެޝަލިޓީ ހޮސްޕިޓަލްގެ ރޮބޮޓިކް އެންޑް ލެޕްރޮސްކޮޕިކް ސާޖަރީގެ ޕްރިންސިޕަލް ޑިރެކްޓަރު ޑރ. އާޝިޝް ގޯތަމް ވިދާޅުވާ ގޮތުގައި، މިކަމުގެ މައިގަނޑު އެއް ސަބަބަކީ ބަރުދަން ލުއިކުރުމަށް ގެންގުޅޭ ގޮތެވެ.

މާ ބޮޑަށް ކެލޮރީ މަދު ކުރުމާއި، ކެއުން މެދުކަނޑާލުމާއި، އާއްމުކޮށް ކައި އުޅޭ ކާނާ އެއްކޮށް ދޫކޮށްލުމަކީ އަވަސް ނަތީޖާއެއް ފެނުނު ނަމަވެސް، ދިގު މުއްދަތަކަށް ދެމެހެއްޓޭނެ ގޮތްތަކެއް ނޫނެވެ.

ބަރުދަން ލުއިކުރުމަށްފަހު ބަނޑުހައިވުން އިތުރުވަނީ ކީއްވެ؟

ބަރުދަން ލުއިކުރުމަށްފަހު ކާހިތްވާ މިންވަރަށް ބަދަލު އާދެ އެވެ. ޑރ. ގޯތަމް ވިދާޅުވި ގޮތުގައި، ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ބަނޑުހައިވުން އިތުރުވެއެވެ.

އެގޮތުން ލެޕްޓިން ހޯމޯން ދަށްވެ، ބަނޑުހައިވުމާ ގުޅުންހުރި ގްރެލިން ހޯމޯން މަތިވުމުގެ ސަބަބުން، ކުރިއަށްވުރެ ބޮޑަށް ބަނޑުހައިވާ ކަމުގެ އިޙުސާސް ކުރެވެ އެވެ.

އެއާއެކު އެކަށީގެންވާ މިންވަރަށް ޕްރޮޓީން ނުލިބޭނަމަ، މާ ބޮޑަށް ކެލޮރީ މަދުކުރުމުގެ ސަބަބުން ހަށިގަނޑުގެ މަސްތައް މަދުވެ އެވެ. މީގެ ސަބަބުން ހަށިގަނޑުން ހަކަތަ ހޭދަކުރާ މިންވަރަށް ވެސް އަސަރުކުރެ އެވެ.

ބަރުދަން ދެމެހެއްޓުމަށް އެހީތެރިވެދޭނެ 4 އާދައެއް!

ބޭނުންވާ ބަރުދަނަށް ވާސިލުވުމުން، ޑައިޓް ނިމުނީ ކަމަށް ދެކި ކުރީގެ ކެއުމުގެ އާދަތަކަށް އެނބުރި ދިއުމަކީ ޢާންމުކޮށް ހެދޭ ގޯހެކެވެ. ބަރުދަން ދެމެހެއްޓުމަށް ޑޮކްޓަރު ހިއްސާ ކުރައްވާ 4 އާދައަކީ:

  1. ބަނޑުފުރޭ ފަދަ ކެއުމެއް ހިމެނުން: ކާ މިންވަރަށް ސަމާލުކަން ދީ، އެކަށީގެންވާ މިންވަރަށް ޕްރޮޓީން، ތަރުކާރީ، މޭވާ އަދި ފައިބަރު ގިނަ ކާނާ ކާށެވެ. ގަވާއިދުން އެއް ގަޑިތަކެއްގައި ކެއުމުން ރޫޓިން ދެމެހެއްޓުމަށް ފަސޭހަވާނެ އެވެ.
  2. ޖިސްމާނީ ހަރަކާތްތައް: ހިނގުމާއި އެހެނިހެން އޭރޮބިކް ކަސްރަތުތަކުގެ އިތުރުން، މަސްތައް ދެމެހެއްޓުމަށްޓަކައި ހަފްތާއަކު ދެ ނުވަތަ ތިން ފަހަރު ސްޓްރެންތު ޓްރެއިނިންގް ކަސްރަތު ކުރާށެވެ.
  3. ބަދަލުތައް ފާހަގަ ކުރުން: ހަފްތާއަކު އެއްފަހަރު ބަރުދަން ބަލާށެވެ. ބަރުދަން މަތިވަމުން ދާނަމަ، ކާ މިންވަރާއި ޙަރަކާތްތެރިކަމުގެ މިންވަރު އަލުން މުރާޖައާ ކުރާށެވެ.
  4. ހާއްސަ ދުވަސްތަކަށްފަހު އާދައިގެ ރޫޓިންއަށް ރުޖޫއަވުން: ހަފްލާއަކަށްފަހު ނުވަތަ ޗުއްޓީއަކަށްފަހު، ދެން ޖެހިގެން އަންނަ ކެއުމުން ފެށިގެން އާމު ކެއުމުގެ އާދަތަކަށް ރުޖޫއަ ވާށެވެ. ހާއްސަ ދުވަސްތަކުގައި މާ ގިނައިން ކެވުމުން، އެކަން ފޫބެއްދުމަށް ރޯދައަށް ހުރުން ފަދަ ކަންކަމުން ދުރުހެލިވާށެވެ.

ޑރ. ގޯތަމް ވިދާޅުވި ގޮތުގައި، ބަރުދަން މެނޭޖް ކުރުމުގައި ކޮންމެ މީހެއްގެ ސިއްހީ ޙާލަތާއި، ބަރުދަން އިތުރުވުމުގެ މުއްދަތާއި، އެހެނިހެން ބަލިތަކަށް ރިއާޔަތް ކުރަން ޖެހެއެވެ.

ނޯޓު: މިއީ މަޢުލޫމާތު ފޯރު ކޮށްދިނުމުގެ މަޤުޞަދުގައި ގެނެސްދޭ ލިޔުމެކެވެ. ޞިއްޙީ ކަމަކާ ގުޅޭގޮތުން ވަކި ޚާއްޞަ ލަފައެއް ހޯދުމަށް އަބަދުވެސް ޑޮކްޓަރެއްގެ އިރުޝާދު ހޯއްދަވާށެވެ.