ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިހާނުތައް އޮންލައިންކޮށް ހެދުމުގެ ފުރުސަތު މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ދިނުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އިއްޔެ ނިންމި ނިންމުމަށް، އެ ކައުންސިލްގެ ކުރީގެ ރައީސް އަދި ގާނޫނީ ވަކީލު މައުމޫން ހަމީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓްތަކެއްގައި މައުމޫން ހަމީދު ވިދާޅުވީ، މިނިވަންކަމާއެކު ގާނޫނީ ދާއިރާ ރެގިއުލޭޓްކުރާ މުއައްސަސާއެއްގެ މިންގަނޑުތައް ދަށްކުރުމަށް އެންގުމުގެ އެއްވެސް ބާރެއް ޖުޑީޝަރީ ކޮމިޓީއަކަށް ލިބިގެން ނުވާ ކަމަށެވެ. އަދި ކޮމިޓީގެ މި ނިންމުމަކީ ގާނޫނީ ފަންނުގެ މިނިވަންކަމަށް އަރައިގަތުމެއްގެ ގޮތުގައި ސިފަކުރައްވައި، މިންގަނޑުތައް ދަށްކުރުމުގެ ސަބަބުން ގާނޫނީ ތައުލީމާ މެދު އާންމުންގެ މެދުގައި އޮންނަ އިތުބާރު ގެއްލިގެންދާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ.
"މިންގަނޑުތައް ދަށްކުރުމަށް ބާ ކައުންސިލަށް ޖުޑީޝަރީ ކޮމިޓީން އެންގުމަކީ ހަމައެކަނި ގާނޫނީ ފަންނުގެ މިނިވަންކަމަށް އަރައިގަތުމެއް ނޫން، އެއީ ގާނޫނީ ތައުލީމުގެ މަތީ މިންގަނޑުތަކަކަށް އުންމީދުކުރުމުގެ ހައްގު ލިބިގެންވާ އާންމު ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް،" މައުމޫން ލިޔުއްވާފައިވެ އެވެ.
އޭގެ ފަހުން ކުރެއްވި އެހެން ޕޯސްޓެއްގައި އޭނާ ފާހަގަކުރެއްވި ގޮތުގައި، ބާ ކައުންސިލަކީ ގާނޫނަކުން އުފައްދާފައިވާ، އަމިއްލައަށް ރެގިއުލޭޓްކުރާ މިނިވަން މުއައްސަސާއެކެވެ. އެހެންކަމުން، ގާނޫނީ ތައުލީމާއި ގާނޫނީ ފަންނަށް ވަނުމުގެ މިންގަނޑުތަކަށް ބަދަލު ގެނައުމަށް އެ ކައުންސިލަށް އެންގުމުގެ ގާނޫނީ ބާރެއް ޖުޑީޝަރީ ކޮމިޓީއަށް ލިބިގެން ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މައްސަލަ ފެންމަތިވެފައި ވަނީ، އިމްތިހާނުތަކަށް ހާޒިރުވެގެން އިމްތިހާނު ހަދަންޖެހޭ ގޮތަށް ބާ ކައުންސިލުން ގަވާއިދަށް ގެނައި އައު ބަދަލުން، މިހާރު ކިޔަވަމުންދާ ދަރިވަރުން އިސްތިސްނާ ކުރުމަށް ލަފާދިނުމަށް ޖުޑީޝަރީ ކޮމިޓީން އިއްޔެ އިއްތިފާގުން ނިންމުމާ ގުޅިގެންނެވެ. ކޮމިޓީން ނިންމާފައި ވަނީ މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދުމުގެ ފުރުސަތު ދިނުމަށާއި، އައު އުސޫލަށް އަމަލުކުރަން ފަށާނީ ކުރިއަށް އޮތް ބެޗްތަކުގެ ދަރިވަރުންނަށް އެކަނި ކަމަށް ކަނޑައެޅުމަށް ބާ ކައުންސިލަށް ލަފާދިނުމަށެވެ.
ކޮމިޓީން މިގޮތަށް ލަފާދީފައި ވަނީ ގާނޫނީ ދާއިރާއިން ކިޔަވަމުންދާ ދަރިވަރުންތަކެއް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެންނެވެ. އެ ދަރިވަރުން ވަކާލާތުކުރި ގޮތުގައި، ހާޒިރުވެގެން އިމްތިހާނު ހަދަންޖެހޭ ގޮތަށް އުސޫލު ބަދަލުކުރީ، އޮންލައިންކޮށް ކިޔެވުމާއި އިމްތިހާނުތައް ފުރިހަމަކުރެވޭނެ ކަމުގެ އުންމީދުގައި އެ ދަރިވަރުން ކޯސްތަކުގައި ބައިވެރިވި ފަހުންނެވެ. ނަމަވެސް ބާ ކައުންސިލުން ހާޒިރުވެގެން އިމްތިހާނު ހަދަންޖެހޭ ގޮތަށް ނިންމާފައި ވަނީ، އޮންލައިން އިމްތިހާނުތަކުގައި މަކަރުހެދުމާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރާ ކަމަށް ބުނެ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ފާޅުކުރި ކަންބޮޑުވުންތަކަކާ ގުޅިގެންނެވެ.
ގާނޫނީ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ މައުމޫން ހަމީދަކީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ބާ ކައުންސިލް އުފެދުމާއެކު، 2019 ވަނަ އަހަރުގެ ޖުލައި މަހު އެ ކައުންސިލްގެ އެންމެ ފުރަތަމަ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެން، 2022 ވަނަ އަހަރާ ހަމައަށް އެ މަގާމު ފުރުއްވި ބޭފުޅާ އެވެ.
"ތަނަވަސްވުމުގެ ފުރުސަތު މި ސަރަހައްދުގައި އޮތީ ރާއްޖެއަށް"
"ނަރުދަމާއަށް ގެންދިޔަ ސާމާނުތައް ވަނީ ހިކި ވަޅޯމަހަށް ވެފައި"