ދުނިޔޭގެ އެންމެ ބޮޑު ޖަޒީރާ ކަމަށް ބެލެވޭ ގްރީންލޭންޑަކީ އެ ޖަޒީރާގެ ތަފާތުކަމާއި މުއްސަނދި ތާރީޚާއި ސްޓްރެޓެޖިކް ލޮކޭޝަންގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ ތަނެކެވެ. އެމެރިކާ އަލުން ބާރުގަދަ ކުރުމުގެ ސްލޯގަން އާއެކު ދެވަނަ ފަހަރަށް ރައީސް ކަމަށް ވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕްގެ އަމާޒުފަށްގަނޑަކަށް ގްރީންލޭންޑް ވީ އޭނާގެ ރިޔާސީ ފުރަތަމަ ދައުރުގަ އެވެ. އޭރުއްސުރެ ޓްރަމްޕްގެ ލޯ، އެ ޖަޒީރާއިން ނެއްޓޭ ގޮތެއް ނުވެ އެވެ. ދެވަނަ ދައުރަކަށް ވެރިކަމަށް ވަޑައިގެންވި ކެމްޕޭނުގެ އެންމެ ހޫނު އެއް ބަހުސަކަށް ވެސް ވީ ގްރީންލޭންޑެވެ.

ތާރީޚީ ގޮތުން ގްރީން ލޭންޑް

ގްރީންލޭންޑްގެ ޝައުގުވެރި ތާރީޚެއް އޮތް ރަށެކެވެ. ރަށުގެ އެންމެ ފުރަތަމަ ވަޒަންވެރިންނަކީ އެސްކިމޯނުން ކަމުގައި ބުނެވެ އެވެ. އެއީ މީލާދީން 2،500 އަހަރު ކުރިންނެވެ. އޭގެ ފަހުން 10 ވަނަ ގަރުނުގައި އެރަށުގައި އެރިކް ދަ ރެޑް އިސްމީހެއްގެ ގޮތުގައި ހުރެ ނޯމަނުން ވަޒަން ވެރިވި އެވެ. ގްރީން ލޭންޑަށް އެ ނަން ދިނީ މި މީހުން ކަމުގައި ބުނެވެ އެވެ. ބޭނުމަކީ ދުރުން ފެންނަ ގޮތާ ޚިލާފަށް ރަށުގައި އުންމީދީ ދިރުމެއްވާކަން ރަމްޒުކޮށް ދިނުމެވެ. އެ ގްރޫޕް އެ ރަށުގައި އާބާދުވެ ދަނޑުވެރިކަން ފަދަ މަސައްކަތްކޮށް ޔޫރަޕާއެކު ވިޔަފާރީގެ ގުޅުން ގާއިމުކޮށްގެން އާބާދީ ފުޅާވެ އިތުރުވަމުން ދިޔަ އެވެ.

1953 ވަނަ އަހަރު ގްރީން ލޭންޑް ރަސްމީކޮށް ޑެންމާކުގެ ބައެއްގެ ގޮތުގައި ހަމަޖެހުނެވެ. އެހެން ނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ އެތަނަށް އެތެރޭގެ ބާރުތައްދީ ވަކި ސަރުކާރަކުން ހިންގާ ގޮތަށް ހަމަޖެހުނެވެ. މިހާރު އެއީ ޑެންމާކުގެ ދަށުގައި އޮންނަ ރަށެއްކަމުގައި ވިޔަސް އެތެރޭގެ އެއްވެސް ކަމަކާ ޑެންމާކަކުން ނުބެހެ އެވެ. ހަމަ އެފަދައިން ގްރީން ލޭންޑުގެ ޚާރިޖީ އެއްވެސް ކަމެއް އަމިއްލަޔަށް ނިންމުމުގެ ބާރެއް އެރަށަކަށް ލިބިގެނެއް ނުވެ އެވެ.

ޓްރަމްޕްގެ މޮޅު ވިސްނުން

2019 ވަނަ އަހަރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރާޑަރަށް ގްރީންލޭންޑް އެރި އެވެ. ޓްރަމްޕް ވަނީ އެރަށް އެމެރިކާއަށް ވިއްކުމަށް ޑެންމާކަށް ހުށަހަޅާފަ އެވެ. އެހެން ނަމަވެސް އޭރު ޑެންމާކުން ބުނީ އެއީ ވިއްކާ ރަށެއް ނޫން ކަމަށެވެ.

ޓްރަމްޕް ދެވަނަ ދައުރަކަށް ވެރިކަމަށް ވަޑައިގަތީ ވެސް ގްރީންލޭންޑު އެމެރިކާގެ ދަށަށް ގެންނަން ބޭނުންވެވަޑައިގަންނަވާ ކަމުގައި ވިދާޅުވަމުންނެވެ. އެހެނަސް އެކަން ކުރައްވާނީ ބާރުގެ ބޭނުންކުރައްވައިގެންތޯ ނުވަތަ ކުރިން ހުށަހެޅުއްވި ގޮތަށް އަގު ދެއްވާފައި ބައްލަވައިގެންތޯ ޔަގީނެއް ނުވެ އެވެ. ޓްރަމްޕްގެ ޚިޔާލަށް ޑެންމާކުން އަދިވެސް ބުނަމުން އަންނަނީ ގްރީންލޭންޑް ނުވިއްކާނެ ކަމަށެވެ. ގްރީން ލޭންޑުގެ ވެރިން ބުނަނީ އެމެރިކާއާއެކު ވާހަކަ ދައްކަން ތައްޔާރު ކަމަށެވެ.

ގްރީން ލޭންޑްގެ މިއަދުގެ ހާލަތު

ގްރީން ލޭންޑަކީ އިގްތިސާދީ ގޮތުންނާއި ސަލާމަތީ ގޮތުން އެމެރިކާއަށް ކޮންމެހެން ބޭނުންވާ ތަނެއް ކަމަށް ޓްރަމްޕް ދެކެ އެވެ. ޓްރަމްޕެކޭ އެއްފަދައިން އެރަށުގެ މައްޗަށް ނުފޫޒު ފޯރުވުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ވެސް ބޭނުންވެ އެވެ. ޚާއްސަކޮށް ޗައިނާ ވެސް ގްރީންލޭންޑާ އެކު ގާތް ގުޅުމެއް ބާއްވަން ބޭނުންވެ އެވެ.

ބޮޑެތި ބާރުތަކަށް ގްރީންލޭންޑް މުހިންމު ވަނީ މައިގަނޑު ދެ ސަބަބަކާ ހުރެ އެވެ. އެއްސަބަބަކީ ރަށް އޮތް ސްޓްރެޓެޖިކް ލޮކޭޝަނެވެ. ދެވަނަ ސަބަބަކީ ދުނިޔޭގައި މިވަގުތު ކުރި އަރަމުން އަންނަ އިންޑަސްޓްރީތަކަށް ބޭނުންވާ މުހިންމު ބައެއް މާއްދާތައް ގްރީންލޭންޑުން ލިބޭނެތީ އެވެ.

ދުނިޔޭގެ ލޯ މިވަގުތު ހުއްޓިފައިވަނީ ޓްރަމްޕްގެ ވައުދު ފުއްދުމަށް އެމެރިކާއިން ގްރީންލޭންޑާ މެދު އަމަލުކުރާނެ ގޮތަކަށެވެ.