ބޮލީވުޑްގެ ޒުވާން ތަރި ކާތިކް އާރިޔަން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

ކާތިކް ވަނީ އޭނާގެ ސޯޝަލް މީޑިއާ މެދުވެރިކޮށް މިކަން ޔަގީންކޮށްދީފަ އެވެ. އެގޮތުން "ޕޮޒިޓިވް" ސައިން އެއްގެ ފޮޓޯ ހިއްސާކުރުމަށް ފަހު "ޕޮޒިޓިވްވެއްޖެ! ދުއާ ކުރޭ!" މިހެން ލިޔެފައިވެ އެވެ.

ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު ކާތިކް ދިޔައީ އޭނާގެ ކުރިއަށް އޮތް ފިލްމު "ބޫލް ބުލައިއްޔާ 2" ގެ ޝޫޓިންގެ މަސައްކަތް ކުރަމުންނެވެ. އަދި މީގެ އިތުރުން އިސްތިހާރުތަކާއި ފެޝަން ޝޯތަކުގައި ވެސް ކާތިކް އުޅުނީ އަވަދިނެތި އެވެ.

ކޮވިޑް-19 އާއި އެކު ބޮލީވުޑްގެ މަސައްކަތްތައް މެޑުޖެހިފައި އޮތުމަށްފަހު މިހާރު ފިލްމު އުފައްދާ ފަރާތްތަކާއި އެކްޓަރުން ދަނީ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. އިންޑިއާގައި ހަލުވިކަމާއެކު ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި ބޮލީވުޑުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ ތަރިންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ.

އެންމެ ފުރަތަމަ ކޮވިޑް-19 ފެތުރެން ފެށިއިރު ކާތިކް އާރިޔަން ދިޔައީ އޭނާގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އެއާ ގުޅޭ މައުލޫމާތު ފޭނުންނާ ހިއްސާކުރަމުންނެވެ. އަދި ހޭލުންތެރިކަން އިތުރުކުރުމަށްވެސް ކާތިކް މަސައްކަތް ކުރި އެވެ.

ލޮކްޑައުންއަށް ފަހު އެނބުރި މަސައްކަތަށް ނިކުމެ ކާތިކް ދިޔައީ ރައްކާތެރިކަމުގެ ފިޔަވަޅުތަލަށް ބޯލަނބަމުންނެވެ. އެހެން ނަމަވެސް އިންޑިއާއަށް އައި ކޮވިޑްގެ ދެވަނަ ރާޅާއެކު، ހަލުވިކަމާ އެކު ކޭސްތައް އިތުރުވަމުން އައިއިރު ކާތިކް ވެސް މިފަހަރު ސަލާމަތެއް ނުވި އެވެ.