ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން އާޓިފިޝަލް ބީޗު ސަރަހައްދުގައި ރޭމްޕެއް ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ކުރިއަށްގެންދާ މިމަޝްރޫއުގެ މަސައްކަތްވަނީ އިއްޔެ އާޓިފިޝަލް ބީޗުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފަށައިފަ އެވެ. މި މަޝްރޫއަކީ އެކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އިއއްޔެ ބޭއްވި ރަސްމިއްޔާތުެ ތެރެއިން

މި މަޝްރޫއުގެ ދަށުން، 48.24 އަކަ މީޓަރުގެ ވޯކްވޭއަކާއި، ރޭމްޕެއްގެ އިތުރުން ޗޭންޖިން ހޮއިސްޓަކާއި ޝޭޑިން ހަޓެއް ވެސް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީ، ޔޫތް މިނިސްޓްރީ، މާލެ ސިޓީ ކައުންސިލް، އަދި މޯލްޑިވްސް އެސޯސިއޭޝަން އިތް ޕާސަންސް އިތް ޑިސޭބިލިޓީ (އެމްއޭޕީޑީ)އާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެ ރަސްމިއްޔާތުގައި ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް އާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި، މާލެ ސިޓީ ކައުންސިލްގެ މަންދޫބުންގެ އިތުރުން އެމްއޭޕީޑީގެ ޗެއާޕާސަން އަހުމަދު މުހައްމަދު އާއި އެ ޖަމިއްޔާގެ މެމްބަރުން ވެސް ބައިވެރިވެ ވަޑައިގެންފައިވެ އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ވިދާޅުވީ އެ ކުންފުންޏަކީ އަބަދުވެސް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެއް ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި ވެސް އެގޮތުން މަސައްކަތް ކުރާނެ ކަމަށެވެ.

"މި އާޓިފިޝަލް ބީޗު ހަދާފައި އޮންނަތާ އެތައް އަހަރެއް ވެއްޖެ. އެހެން ނަމަވެސް މިތަން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުން ނުކުރެވޭ. އަޅުގަނޑުމެން މި މަސައްކަތް ކުރިއަށް މި ގެންދަނީ ވަރަށް ހާއްސަ އިސްކަމެއް ދީގެން. ބައެއް ޕްރޮޖެކްޓުތައް މަޑު ޖައްސާލާފައި ވެސް މި ޕްރޮޖެކްޓު ނިންމަން ބޭނުންވާތީ،" އާޒިމް ވިދާޅުވި އެވެ.

އިއްޔެ ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވާހަކަދައްކަވަނީ

މީގެ އިތުރުން ޔޫތް މިނިސްޓަރު މަހްލޫފް ވިދާޅުވީ ކުރީގެ ސަރުކާރުން މިފަދަ ޕްރޮޖެކްޓުތަކަށް އަހަންމިއްޔަތުކަން ދީފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް، މިސަރުކާރުން މިފަދަ ޕްރޮޖެކްޓުތައް އަދިވެސް ކުރިއަށްގެންދާނެ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވެސް ފެނޭ މުސްކުޅި މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން މޫދަށް އެރެން އައިސް އުޅޭ ހާލަތު. ނަމަވެސް މިއަދު މި ފެށި މަސައްކަތަކީ އެފަދަ މީހުންނަށް ފަސޭހަވެ ފައިދާވާނެ މަސައްކަތެއް،" މަހުލޫފު ވިދާޅުވި އެވެ.

އިއްޔެ ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ވާހަކަދައްކަވަނީ

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީއިން ބުނީ، އެ ކުންފުނީގެ އަމާޒަކީ އެހެނިހެން މަޝްރޫޢުތަކެކޭ އެއްގޮތަށް މިމަޝްރޫއު ވެސް ކާމިޔާބުކަމާއެކު ނިންމާ ސަރުކާރާ ހަވާލުކުރުން ކަމަށެވެ. އަދި މި މަސައްކަތް 40 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެކުންފުނިން ލަފާކުރެ އެވެ.

އެމްޓީސީއިން އަންނަނީ އެކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ރައްޔިތުންނަށް ފައިދާ ވާނެހެން ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ.