މީގެ ދެ ހަފްތާ ކުރިން ހދ. ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓެއްގައި ލިބުނު އަނިޔާއަށް ފަރުވާދެމުންދިޔަ އުމުރުން 17 އަހަރުގެ ކުއްޖާ މިއަދު މަރުވެއްޖެ އެވެ.

ބާރު ސްޕީޑެއްގައި ދުއްވާފައި ދަނިކޮށް ޕިކަޕެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި ލިބުނު އަނިޔާއަށް ފަރުވާދެމުން ދަނިކޮށް މަރުވީ އެ ރަށު މުހައްމަދު ޒަޔާން އައްބާސް އެވެ.

އެނގިފައިވާ ގޮތުގައި ޒަޔާން މަރުވީ ފުރަތަމަ ކުރި އޮޕަރޭޝަނަށްފަހު ގެއަށް ބަދަލުކުރި ފަހުން، އަނެއްކާ ހާލުދެރަވެގެން ދެވަނަ އޮޕަރޭޝަނެއްކޮށް އައިސީޔޫގައި ފަރުވާދެމުންދަނިކޮށެވެ.

މިއެކްސިޑެންޓުގައި އެކުއްޖާގެ ބަނޑަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ. އެ އެކްސިޑެންޓް ހިނގިއިރު އެ ކުއްޖާގެ ބަނޑުގައި ސައިކަލުގެ މުށްގަނޑު ޖެހުމުގެ ސަބަބުން ވަނީ ބަނޑުގެ މަސްތަކަށް ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ.

އެކްސިޑެންޓުގައި ލިބުނު އަނިޔާއަށް ފަރުވާދިނުމަށް ކުރި ފުރަތަމަ އޮޕަރޭޝަނަށް 8 ގަޑިއިރު ހޭދަވިއިރު ދެވަނަ އޮޕަރޭޝަން ކުރުމަށް 10 ގަޑިއިރު ހޭދަވި ކަަމަށް އެ ރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.

ފުރަތަމަ އޮޕަރޭޝަނަަށްފަހު ޒަޔާން ގެޔަށް ބަދަލުކުރިފަހުން އަމިއްލައަށް ހިނގާބިގާވެ އުޅުނެވެ. ނަމަވެސް، އަނެއްކާ ހާލުދެރަވެ، ހޮސްޕިޓަލަށް ގެންގޮސް، އޮޕޭޝަން ކުރިފަހުން ހާލުދެރަވެ މަރުވީ އެވެ.