ފެނަކައިން އައްޑޫގައި ހިންގާ އިންޖީނުގެއަށް ބޭނުންވާ ސްޕެއާތައް ލިބުން ލަސްވާ ސަބަބު އަދި ކަރަންޓުގެ މައްސަލަ ހައްލުނުކުރެވޭ ސަބަބު ސާފުކުރުމަށް، ފެނަކަ ކޯޕަރޭޝަނުގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޑް އެންޓްޕްރައިސަސް ކޮމިޓީ (އެސްއޯއީ) އަށް ހާޒިރުކުރަން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގް މިއަދު އެދިވަޑައިގެންފި އެވެ.

އެކަމަށް އެދިވަޑައިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އަޒާން ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އައްޑޫ ކަރަންޓުގެ މައްސަލަ އަށް ހައްލުނުލިބި ދިގުލައިގެން ދިޔުމުގައި ފެނަކައިގެ އިސްވެރިންގެ އިހުމާލާއި ފަރުވާކުޑަކަން އޮތްކަމުގައި ދެކޭ ކަމަށެވެ.

އަޒާން ވިދާޅުވީ އިންޖީނުގެއަށް ބޭނުންވާ ބައެއް ސްޕެއާތަކަށް ހެޑް އޮފީހުގައި ރިކުއެސްޓް ކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ނުލިބޭ ސްޕޭއާތައް އެބަހުރި ކަމަށެވެ. އަދި އިންޖީނުގޭގައި މި ވަގުތު ހުރި 17 އިންޖީނުގެ ތެރެއިން މަސައްކަތްކުރަނީ 13 އިންޖީނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައްޑޫގެ ކަރަންޓުގެ މައްސަލަ އަށް ހައްލެއް ނުލިބި ދިގުލައިގެންދާތީވެ އަޒާން ހިމެނިވަޑައިގަންނަވާ ގޮތަށް އެ ސިޓީގެ މެންބަރުން ފެނަކައިގެ އިސްވެރިންނާ އެކު ދެ ފަހަރެއްގެ މަތިން ބައްދަލުކޮށް ސްޕެއާތައް ލިބޭނެ ގޮތް ހަމަޖައްސައިދޭން އެދިވަޑައިގެންނެވި އެވެ. އެކަމަކު އޭގެ ފަހުން 26 ދުވަސް ފަަހަނައަޅައި ދިޔައިރުވެސް އެކަން ހައްލުވެފައިނުވާކަން އަޒާން ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ އައްޑޫ އިންޖީނުގެ މިހާރުގެ ކެޕޭސިޓީ އިތުރު 4 މެގަވޯޓް އިތުރުނުކުރެވޭނަމަ ކުރިއަށް އޮތް ރޯދަ މަހު ތެރޭގައި ވެސް ކަރަންޓު ކެނޑޭ މައްސަލަ ހައްލުނުކުރެވޭ ކަމަށް އައްޑޫ ފެނަކައިގެ ސީނިއާ މުވައްޒަފުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ކަރަންޓު މައްސަލަ ހައްލުކުރަން ފެނަކައިން އެއްވެސް ވަރަކަށް މަސައްކަތެއް ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފެނަކަ ކޯޕަރޭޝަންގެ ވެރިންގެ ފަރާތުން ފެންނަމުންދާ ފަރުވާކުޑަކަމާއި އިހުމާލުވުންތަކަށް ބަލާއިރު، ކަރަންޓުގެ މައްސަލަ ހައްލު ހޯދުމާ ދިމާލަށް ފެނަކައިން މަސައްކަތްކުރާ ތަނެއް ނުފެންނަ ކަމަށް އަޒާން ވަނީ ބުނެފަ އެވެ.

އެހެންވެ ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު، ކުރީގެ ޕްރޮކިއުމަންޓް ހެޑް އަބްދުލް ވާހިދު، ޕްރޮކިއުމަންޓް ހެޑް މަރިޔަމް ޝަހުލާ، ޗީފް ފައިނޭންޝިއަލް އޮފިސަރު އަބްދުﷲ ވަހީދު އަދި ކުރީގެ ޗީފް ފައިނޭންޝިއަލް އޮފިސަރު މުހައްމަދު މަސްއޫދުގެ އިތުރުން ޗީފް ޓެކްނިކަން އޮފިސަރު އަބްދުﷲ ނަޝީދު އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށްދޭން އަޒާންގެ ސިޓީގައި އެދިވަޑައިގެންނެވި އެވެ.