ޓިކްޓޮކުން އެމެރިކާގެ ރައްޔިތުންގެ މައުލޫމާތު ބޭނުން ކޮށްގެން ޖާސޫސް ކޮށްފާނެ ކަމަށް އަޑުފަތުރައި އެމެރިކާގައި އެ އެޕްލިކޭޝަން މަނާކުރުމުގެ ވާހަކަ ހޫނު ބަހުސަކަށްވެފައި ވަނިކޮށް އެމެރިކާ އާއި ޔޫރަޕަށް ސިހުން ގެނުވީ ޗައިނާ އިން އަލަށް ތައާރަފު ކުރި ޑީޕްސީކް އޭއައި މޮޑެލުންނެވެ.
ޑީޕްސީކަކީ މިވަގުތު ދުނިޔޭގައި ބޭނުން ކުރަމުން ގެންދާ އޭއައި މޮޑެލްތަކަށް ވުރެ ބާރުގަދަ މޮޑެލަކަށްވެފައި، އުފެއްދުމަށް ކުރި ހޭދަ ކުޑަވުމަކީ އެމެރިކާގެ ޓެކް ކުންފުނިތަކަށް ބޮޑު ލޮޅުމެއް އަންނަން ދިމާވި ސަބަބެވެ.
އެކްސްޕާޓުން ބުނާ ގޮތުގައި ޑީޕްސީކްއަކީ އޯޕެން އޭއައިގެ ޗެޓްޖީޕީޓީ އާއި ގޫގްލްގެ ޖެމެނާއި އާއި އަޅާބަލާއިރު މާބޮޑަށްވެސް އެޑްވާންސް އެއްޗެކެވެ. އެންމެ ބޮޑު ހައިރާން ކަމެއް ގެނުވީ ޑީޕްސީކްގެ އަގުހެޔޮވުމެވެ. ޑީޕްސީކްގެ އުފެއްދުމުގެ އަގަކީ އެންމެ 6 މިލިއަން ޑޮލަރެވެ. އެއީ އޯޕެން އޭއައިގެ ޗެޓްޖީޕީ4 އާއި ގޫގްލްގެ ޖެމިނައި އުފެއްދުމަށް ހިނގި ކަމަށް ބުނާ އެތައް ބިލިއަން ޑޮލަރަކާ އަޅާ ބަލާއިރު ވަރަށް ކުޑަ އެއްޗެކެވެ.
ޚަރަދުގެ އިތުރުން ޗައިނާ ޑީޕްސީކުން ބޭނުންކުރާ އެޑްވާންސް ޗިޕްގެ ސަބަބުން ޑޭޓާ ޕްރޮސެސް ކުރުމަށް ބޭނުންވާ ކޮމްޕިއުޓަރުގެ މަދުކަމާއި އެކަމަށް ބޭނުންވާ ޖާގަ ކުޑަވުމުގެ ސަބަބުން ތިމާވެއްޓަށް އޭއައިގެ ސަބަބުން ކުރިމަތިވެފައިވާ ނުތަނަވަސްކަމަށް އުންމީދެއް ލިބިދެ އެވެ.
އެމެރިކާގައި ޓެކް ކުންފުނިތަކަށް ޗިޕް އުފައްދާ އެންމެ ބޮޑު ކުންފުނި ކަމަށްވާ އެންވީޑާއަށް ޑީޕްސީކް ނެރުމާއެކު ފުރަތަމަ ދުވަހު ވެސް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނެވެ. އެކުންފުނީގެ މާކެޓް އަގު %6 ޕަސެންޓު ދަށަށް ގޮސް 590 ބިލިއަން ޑޮލަރުގެ ގެއްލުން ވި އެވެ. ޑީޕްސީކްގެ އަގުހެޔޮވުމުގެ ސަބަބުން އެމެރިކާގެ ޓެކް ކުންފުނިތަކަށް އިންވެސްޓަރުންގެ ޝައުގުވެރިކަން ކުޑަވުމުގެ ސަބަބުން މައިކްރޯ ސޮފްޓާއި ޑެލް އާއި އޮރެކްލް ފަދަ ކުންފުނިތަކަށް ވެސް އަސަރު ކުރި ކަމަށްވެ އެވެ.
އެމެރިކާގެ ޗިޕް ކުންފުނިތަކަށް އިންވެސްޓްކުރާ އިންވެސްޓަރުންގެ އެންމެ ބޮޑު ނުތަނަވަސް ކަމެއް އޮތީ ޗައިނާގެ ޗިޕްތަކުގެ ފެންވަރު ރަނގަޅުވުމުގެ ސަބަބުން އެމެރިކާގެ ޗިޕްތަކަށް އޮންނަ ޑިމާންޑް ދަށްވެދާނެކަމުގެ ބިރެވެ.
ޓިކްޓޮކް ނުހުއްޓުވިގެން އުޅެނިކޮށް އެމެރިކާއަށް މިވަނީ އޭއައިގެ ރާޅެއް ޗައިނާއިން ނަގާ ބޯމަތިކޮށްފަ އެވެ. ޑޮނަލްޑް ޓްރަމްޕް މިހާރު ބުނަމުން ގެންދަނީ ޓިކްޓޮކް ހުއްޓުވިއަސް ޗައިނާގެ ނުރައްކަލުން ސަލާމަތެއް ނެތް ކަމަށެވެ. ޑީޕްސީކާއެކު އެ ނުތަނަވަސްކަން ބޮޑުވެ ސެކިއުރިޓީގެ ވާހަކަ އިތުރަށް ދައްކަން ވަނީ ފަށައިފަ އެވެ.
ޑީޕްސީކްގެ ކާމިޔާބާއެކު ހުޅަނގާ އެމެރިކާއިން އެންމެ ގަދަޔަށް ދައްކާ އެއް ވާހަކައަކީ އެ އެޕްލިކޭޝަންގެ މައުލޫމާތުތައް ސެންސަރުކުރާނެ ވާހަކައާއި ޚިޔާލުފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން ނޯންނާނެ ވާހަކަ އެވެ. މިސާލެއްގެ ގޮތުން ދައްކަނީ ޓިއަނަމަން މައިދާނުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ސިނަ/ އިންޑިއާގެ ހަނގުރާމައާ ބެހޭ ގޮތުން ސުވާލުކުރުމުން ޑީޕްސީކުން ޖަވާބު ނުދޭ މައްސަލަ އެވެ. އެފަދަ ސުވާލުތަކުގެ ޖަވާބުގައި ޑީޕްސީކުން ބުނަނީ އެއީ މިވަގުތަށް އެއަށް އެނގޭ މައުލޫމާތެއް ނޫން ކަމަށާއި އެހެން ސުވާލެއް ކުރުމަށެވެ. އެއީ ޗައިނާގެ ސެންސަރުކުރުން ކަމަށް ބުނެ ޑީޕްސީކްގެ އަގު ވައްޓާލަން އުޅުނު ކަމަށް ވިޔަސް ހުޅަނގުން ނާޒުކު މައްސަލަކަމުގައި ދެކޭ ބައެއް ކަންކަމުގެ ވާހަކަ ޗެޓްޖީޕީއާ ސުވާލު ކޮށްލުމުން ވެސް ލިބެނީ އެފަދަ ޖަވާބުތަކެވެ. ބުނަނީ މައުޟޫއު ބަދަލުކުރުމަށެވެ.
އެމެރިކާ އާއި ޔޫރަޕްގެ ބައެއް ގައުމުތަކުން ޗައިނާގެ ކުރިއެރުން ހުއްޓުވަން ކުރާ މަސައްކަތް ކާމިޔާބުނުވާކަން ޗައިނާއިން އަންނަނީ ސާބިތު ކޮށްދެމުންނެވެ. ޒަމާނީ ޓެކްނޮލޮޖީގައި އެގައުމުން ހޯދަމުން އަންނަ ކާމިޔާބީގައި ޑީޕްސީކް މިވަނީ އެމެރިކާ އާއި ޔޫރަޕަށް ހާސްކަން ގެނުވާފަ އެވެ.