ތުނޑުކުނާ ވިއުމުގެ ތެރެއަށް އޭނާއަށް ވަދެވުނީ އުމުރުން 14 އަހަރުގައި. ފުރަތަމަ ފިލާވަޅު ލިބުނީ މަންމަ ކައިރިން. އެހުނަރު އިތުރަށް ދަސްކުރީ ފުންނާބުއުސް ތަޖުރިބާކާރެއްގެ އިރުޝާދުގެ ދަށުން. މިހާރު ތުނޑުކުނާ ވިއުމުގެ ހުރިހާ މަސައްކަތެއް ކުރަން އެނގޭ. އަދި އެހެން މީހުންނަށް ދަސް ވެސްކޮށްދޭ. ފުރުސަތު ލިބޭ ވަރަކުން ބޭރު ގައުމުތަކުގައި އިސްތިހާރު ވެސް ކުރޭ. އަތްތެރި މަސައްކަތްކޮށް އެކަން ކުރިއެރުވުމުގެ ރޮނގުން ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ އިނާމު ވެސް ވަނީ ލިބިފައި.

މިއީ ކުރަން އެހާ ފަސޭހަ މަސައްކަތެއް ނޫނެވެ. މިކަމުގެ ބުރަކަމާއި ކަވިކަން އެނގޭ މީހުންނަށް މި މަސައްކަތުގެ އުނދަގޫކަން އިހުސާސްވާނެ އެވެ. ތުނޑު ކުނަލަނީ ގައްދުއަށް ހާއްސަ އެއްޗެކެވެ. އެ މަސައްކަތް ކުރަން ދަންނަ އެންމެ ގިނަ ބަޔަކު އުޅެނީ ވެސް އެރަށުގަ އެވެ. މިއީ އެ ރަށުގައި އެ މަސައްކަތް އެންމެ ރަނގަޅަށް ދަންނަ އެކަކެވެ. އެ މަސައްކަތަށް އޭނާ ލޯބިޖެހުނީ ގޭތެރޭގައި އޭނާގެ މަންމަ އެކަން ކުރާތަން ފެނިގެންނެވެ. އޭރު އުމުރަކީ އެންމެ 14 އަހަރެވެ.

އެ ރަށު މަރިޔަމް ފާއިޒާއަކީ ރާއްޖޭގެ ސަގާފީ ފަޚުރެއް ކަމަށްވާ ތުނޑުކުނާގެ މަސައްކަތް ދިރުވާ އަލާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރާ ހީވާގި މީހެކެވެ. ގައްދޫއަށް އުފަން އެރަށު ގޮފި، ފާއިޒާ ތުނޑުކުނާ ވިއުމުގެ މަސައްކަތް ކުރާތާ މިހާރު 40 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.

ކުނާވިއުމުގެ ހުނަރު ދައްކާލުމުގައި ހަރަކާތްތެރިވަނީ: ކުނާވިއުމަކީ ފައިދާވާ މަސައްކަތެއް

"މަންމަގެ ފަރާތުން އެކަން ދަސްކުރީ މަންމަގެ ދަރިންގެ ތެރެއިން ހަމައެކަނި އަޅުގަނޑު. އެހެން އެކަކަށް ވެސް އެމަސައްކަތެއް ނޭނގޭނެ. މަންމަ ވިޔެއުޅުނީ އެޒަމާނުގައި އުނދޯލީގައި އަޅަން ބޭނުންކުރި ކަޅުޖެހި ކުނާ،" ފާއިޒާ ކިޔައިދިނެވެ.

ފާއިޒާއަށް މަސައްކަތް ދަސްކޮށްދިން ތަޖުރިބާކާރު އެދުރު

ފާއިޒާ ކުނާވިއުމުގެ މަސައްކަތް އިތުރަށް ދަސްކުރީ ގައްދޫގެ ފުންނާބުއުސް މީހެއް ކަމަށްވާ މަރުހޫމް މަރިޔަމް މަނިކެގެ ކައިރިންނެވެ. އާންމުކޮށް ވިޔާ ކުނަލުގެ އިތުރުން ކަރުދާސް ކުނާ، ގޮނޑި ކުނާ، މުސައްލަ ކުނާ، ދިގުހިރު ކުނާ، ލާޖެހި ކުނާ ފަދަ އެތައް ވައްތަރެއްގެ ކުނަލެއް އޭނާ ކައިރިން ވިއަން ދަސްވި އެވެ.

"ތުނޑުކުނަލުގެ މަސައްކަތުގައި މިހާރު މިހިރީ ދެވެން އޮތް އެންމެ މައްޗަކަށް ދެވިފައި،" ފާއިޒާ ވަރަށް ފަޚުރުވެރިކަމާއެކު ބުނެލި އެވެ.

ފާއިޒާ ކުނާވިއުމުގައި ގިނަ ތަޖުރިބާތަކެއް ލިބިފައިވޭ: ކުނާވިޔުމުގެ މަސައްކަތް އުވިދިޔަނުދިނުމަކީ އަމާޒެއް

ފާއިޒާގެ މިއަގުހުރި މަސައްކަތް ފާހަގަކޮށް ސަރުކާރުން ވަނީ 2016 ގައި އަތްތެރި މަސައްކަތް ކުރުމާއި އެމަސައްކަތް ކުރިއެރުވުމުގެ ރޮނގުން އޭނާއަށް ގައުމީ އިނާމު ވެސް ދެއްވައިފަ އެވެ. އަދި 2024 ގައި ވުމަން އިން މެނޭޖަމަންޓްގެ ފަރާތުން ހޮވި އެންމެ މަސައްކަތްތެރި އަދި މަސައްކަތް ކުރިއަރުވާ 27 އަންހެނުންގެ ތެރޭގައި އޭނާ ހިމެނި، ދަ ޕްރޮފެޝަނަލް އެންޑް ކެރިއާ އެވޯޑް ވެސް ވަނީ އޭނާއަށް ދީފަ އެވެ.

ފާއިޒާ ހިތްވަރުދިނުމުގެ އިނާމާ ހަވާލުވަނީ: އަތްތެރިމަސައްކަތް ކުރުމާއި އެމަސައްކަތް ކުރިއެރުވުމުގެ ރޮނގުން އޭނާއަށް ގައުމީ އިނާމު ލިބިފައިވޭ

ތުނޑުކުނާ ވިއުމުގެ މަސައްކަތް އުވިގެން ހިނގައިދާނެ ކަމުގެ ބިރު ހީވުމުން، އެމަސައްކަތް ނަގައި ކޮޅަށްޖެހުމުގެ ވިސްނުމުގައި ގައްދޫ ކައުންސިލާއި ރެޑްކްރޮސް ގުޅިގެން ތުނޑު ކުނާ ވިޔަން ދަސްކޮށްދޭ ކޯހެއް އޭނާ ބައިވެރިވެގެން ހިންގި އެވެ. އޭގެ އިތުރުން މާލޭގަ އާއި އަދި ރާއްޖޭގެ ބައެއް އަތޮޅުތަކުގައި ވެސް ގިނަ ކޯސްތަކެއް ހިންގުމުގައި އޭނާގެ އަމަލީ ގޮތުން ބައިވެރިވެފައިވެ އެވެ.

އޮތެންޓިކް މޯލްޑިވްސްއާ ގުޅިގެން ވެސް އެމަސައްކަތް ކުރިއަރުވަން ގިނަ ކަންތައްތަކެއް ކުރި އެވެ. ފާއިޒާ ހަމައެކަނި ކުނާވިއުމުގެ މަސައްކަތް ދަސްކޮށްދެނީއެއް ނޫނެވެ. އޭނާއަކީ އެ މަސައްކަތް އެކިޕޯޑިއަމްތަކުގައި އިސްތިހާރު ކުރުމަށް ލިބޭ ފުރުސަތުތަކުގެ ބޭނުން ވެސް ހިފާ މީހެކެވެ.

ފާއިޒާ ވިޔެފައިވާ ކުނަލެއް: ތުނޑުކުނާ ވިއުމަކީ ބުރަ މަސައްކަތެއް

އެގޮތުން 2009 ވަނަ އަހަރު މިނިސްޓްރީއޮފް ޓޫރިޒަމް އިން ލިބުނު ދައުވަތެއްގައި އިޓަލީއާއި ޖަރުމަނުގައިވެސް އޭނާގެ ކުނާ ވިއުމުގެ ހުނަރުވެރި މަސައްކަތް ވަނީ ދައްކާލައިފަ އެވެ.

ބުރަކަވި މަސައްކަތެއް

ކުނާ ވިޔުމަށް ބޭނުންވާ ހާ ހޯދައި، ކުލަޖައްސައި، ރައްކާކޮށް އަދި ވިއްމަކީ ވެސް ބުރަކަމެކެވެ. އޭނާ ހާ ހޯދަނީ އެއަތޮޅު ގަމުންނާއި ފިޔޯރީ އިންނެވެ. ހާ ކައްކަނީ އުނިގަހުގެ ތޮށި ތަޅައިގެންނެވެ. "ބާ ދަގަނޑު ތެރެއަށް ކާށިފެން އަޅައި ހަފްތާއެއް ވަންދެން ބަހެއްޓީމަ އެ ކަޅުވެފަ ހުންނާނީ. ދެން ދުވާލު ދެއިރަށް އެކައްކަނީ. ކައްކާ އަންދާ ދަގަނޑު ރާ އަޅަނީ ހާއަށް. ދެވަނައަށް މިމަސައްކަތުގައި ހުރި އެންމެ ބުރަ ކަމަކީ ގެތުން،" ކަޅުކުނާ ހެދުމަށް ކަޅު ހާ ހަދާގޮތް ކިޔައިދެމުން ފާއިޒާ ބުންޏެވެ.

ކުނާވިއުމުގެ ހުނަރު ދައްކާލުމުގައި ހަރަކާތްތެރިވަނީ: ކުނާވިއުމަކީ ފައިދާހުރި މަސައްކަތެއް

މިއަދު އޭނާއަށް ކޮންމެ ސައިޒެއްގެ ކުނަލެއް ވެސް ފަސޭހައިން ހަދައިލެވެ އެވެ. އަދި އޭގައި ނަން ލިޔެލުމަކީ ވެސް ދާދި ފަސޭހަ ކަމެކެވެ.

"ވަރަށް އޯޑަރު ލިބޭ މިހާރު. މާކެޓްވެސް ރަނގަޅު،" ފާއިޒާ ބުންޏެވެ.

ފާއިޒާ ބުނިގޮތުގައި އޭނާ އަވަދިނެތި އުޅޭއިރު ފިރިމީހާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެ އެވެ. އަދި ވަރަށް އުފާލާއެކު އެކަން ފާހަގަކޮށް ފިރިމީހާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެ އެވެ.

ދިވެހިން ޒަމާނުއްސުރެ ދިރިއުޅުނީ ރާއްޖެއިން ލިބެން ހުންނަ ތަކެތި ބޭނުންކޮށްގެން ވަރަށް ފުދުންތެރި ދިރިއުޅުމެކެވެ. ބޭރު ގައުމުތަކަށް ބަރޯސާ ނުވެ އެވެ. އެކަމަށް ކިޔަނީ ދިވެހި ސަގާފަތެވެ. ދިވެހި ސަގާފަތުގެ ތެރޭގައި ހިމެނޭ އެކި މަސައްކަތަށް މަޝްހޫރު މީހުން އުޅޭ ރަށްރަށް ހުރުމަކީ، އެރަށްރަށުގެ ހައިބަތާއި ގަދަރު އުފުލިގެންދާ ކަމެކެވެ. މިއީ މިފަދަ ބުރަ މަސައްކަތެއް ކުރިއަރުވައި އާލާކުރުމުގެ މަސައްކަތުގައި ދިރި ހުރި މިސާލެކެވެ.