ކައިވެނިކޮށްގެން އުޅޭ މުއްދަތުގައި ދެމަފިރިންނަށް ސަރުކާރުގެ ސްކީމްތަކުން ލިބޭ ފްލެޓާއި އެހެނިހެން މުދާ، ދެމީހުންގެ މެދުގައި ހަމަހަމަކޮށް ބެހިގެންދާނެ އުސޫލެއް ކަނޑައެޅުމަށްޓަކައި އާއިލާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމެވެ.
މި އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ބިލުގައި ބަޔާންކޮށްފައިވަނީ، ސޯޝަލް ހައުސިން ފަދަ ދައުލަތުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކަކީ އާންމުގޮތެއްގައި ވަކި ފަރުދަކަށް ވުރެ ބޮޑަށް، އާއިލާއަކަށް ދިރިއުޅޭނެ ތަނެއް ހޯދައިދިނުމުގެ މަގުސަދުގައި ފަރުމާކުރެވިފައިވާ ސްކީމްތަކަކަށް ވާތީ އެވެ. ނަމަވެސް، މިހާރު ކަންކަން ހިނގަމުންދާ އުސޫލުން ފްލެޓް ރަޖިސްޓްރީ ކުރެވެނީ ހަމައެކަނި ފޯމު ހުށަހަޅާ ފަރާތުގެ ނަމުގަ އެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން، ކައިވެނި ރޫޅިގެންދާ ހާލަތްތަކުގައި އެ ފްލެޓަކީ އެކެއްގެ އެކަނި މިލްކިއްޔާތަކަށް ވެގެންގޮސް، އަނެއް ފަރާތަށާއި ދަރިން ހިމެނޭހެން މުޅި އާއިލާއަށް ބޮޑެތި ނިކަމެތިކަމާއި ބޯހިޔާވަހިކަން ގެއްލުމުގެ ހިތާމަ ކުރިމަތިވަމުންދާ ކަމަށް އެ ބިލުގައި ފާހަގަކޮށްފައިވެ އެވެ.
އާއިލާއާ ބެހޭ ގާނޫނުގެ 32 ވަނަ މާއްދާގައި ކައިވެނި ރޫޅޭއިރު ދެމަފިރިން އެކުގައި ހޯދާފައިވާ މުދާ އަދުލުވެރިކަމާއެކު ބެހުމުގެ އުސޫލުތަކެއް ކަނޑައަޅާފައި އޮތް ނަމަވެސް، ދެމަފިރިންގެ ހައިސިއްޔަތުން ދައުލަތުގެ އެކިއެކި ސްކީމްތަކުން ލިބޭ މުދަލާއި ފްލެޓްތަކާ މެދު އަމަލުކުރާނެ ސާފު ގޮތްތަކެއް އެ މާއްދާގައި މިހާރު ބަޔާންކޮށްފައެއް ނުވެ އެވެ.
އެހެންކަމުން މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ، ގާނޫނުގެ އެ މާއްދާއަށް އިސްލާހު ގެނެސް، ދައުލަތުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ލިބޭ ފްލެޓާއި މުދަލަކީ ދެމަފިރިންގެ ހަމަހަމަ ހައްގު އެކުލެވޭ އެއްޗެއްގެ ގޮތުގައި ކަނޑައެޅުމެވެ. އަދި ދައުލަތުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އަސްލު މަގުސަދު ހާސިލުވެ، ކައިވެންޏަށްފަހު ވެސް އާއިލާތަކަށް އެކަށީގެންވާ ރައްކާތެރިކަމާއި ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމެވެ.
އޮންލައިންކޮށް އިމްތިހާނު ހެދޭނެ ގޮތް ހަމަޖައްސަން އަންގަނީ
އިންޒާރާއެކު އީރާނުން އާ މިސައިލް ލޯންޗަރެއް ދައްކާލައިފި
ނަފްސާނީ ފަރުވާއާ ބެހޭ ބިލެއް މަޖިލީހަށް ހުށަހަޅައިފި
ފްލެޓަކީ ދެމަފިރިންގެ ހަމަހަމަ ހައްގަކަށް ހަދަން ބިލެއް