ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ހިންގަން އުޅޭ ރެސިޑެންސީ ޕްރޮގްރާމާ ދެކޮޅަށް ގައުމީ ހަރަކާތުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށާއި، ރަސްމާލޭގައި ބަނގުރާ ނުވިއްކޭގޮތް ހަދަން އުޅުމުން އެ ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރު ރައީސް މުހައްމަދު މުއިއްޒުގެ އަރިހުގައި ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާ ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
ގައުމީ ހަރަކާތުގައި އިސްކޮށް އުޅުއްވާ މައުރޫފް މިހެން ވިދާޅުވީ އެ ހަރަކާތުން މިރޭ ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ރަސްމާލޭގައި ބަނގުރާ ވިއްކުން މަނާކުރަން ސަރުކާރުން ނިންމި ނިންމުމަކީ ގައުމީ ހަރަކާތުން ހުއްޓުމެއް ނެތި ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި އީގަލް ހިލްސް ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް، އެ މަޝްރޫއާ ދެކޮޅަށް ގައުމީ ހަރަކާތުން ކުރަމުންދާ މަސައްކަތްތައް ނުހުއްޓޭނެ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.
އެ އެއްވުމުގައި ވާހަކަދައްކަވަމުން ގައުމީ ހަރަކާތުގެ އިސް މޭސްތިރިއެއް ކަމަށްވާ ކުރީގެ ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލޭގައި ޣައިރު ދީންތަކުގެ މީހުން ވަޒަންވެރިކުރެވޭނެ އުސޫލެއް ގާއިމްކުރުމަކީ ރާއްޖެ އިސްތިއުމާރު ކުރުމުގެ ފެށުން ކަމަށެވެ. އަދި ރާއްޖެ އިސްތިއުމާރު ކުރުމުގެ އެންމެ ބޮޑު މަސައްކަތެއް މިހާރު ކުރައްވަނީ ރައީސް މުއިއްޒު ކަމަށް ތުހުމަތުކުރައްވަމުން އިމްރާން ވަނީ ފަލަސްތީނުގެ ބިންތައް ޔަހޫދީން ހިސޯރުކުރި ތާރީޚީ ހާދިސާތަކުގެ މިސާލު ދައްކަވާފަ އެވެ.
އިމްރާން ވިދާޅުވީ 1830 ވަނަ އަހަރު ފަލަސްތީނުގައި މިފަދަ ހަރަކާތެއް ފަށައި، 1880 ގައި އެ ހަރަކާތް ފުޅާވެ، އެންމެ ފަހުން އިސްރާއީލޭ ކިޔާ ދައުލަތެއް ގާއިމްކޮށް މުޅި ފަލަސްތީނު ހިސޯރުކުރަން މަސައްކަތް ކުރަމުންދާ މަންޒަރު މިއަދު ފެންނަން އޮތް ކަމަށެވެ.
ރަސްމާލޭގެ ބިމުން 500 ހެކްޓަރުގެ ބިން އީގަލް ހިލްސް އަށް ދިނުމަށް ސަރުކާރުން ނިންމާފައިވަނީ ކުރިން އިއުލާން ކުރުމަކާ ނުލައި، ބިޑު ވެސް ނުކޮށް، ސިއްރުވެރި ގޮތެއްގައި ކަމަށް އިދިކޮޅު ފަރާތްތަކުން ފާހަގަކުރެ އެވެ. ސަރުކާރުން އެ ބިން 99 އަހަރަށް ކުއްޔަށް ދޭ ކަމަށް ބުނި ނަމަވެސް، އެ ބިން ލިބެނީ ދާއިމީ ގޮތެއްގައި ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށް ވަނީ ހާމަވެފައެވެ. އެއީ 99 އަހަރަށް ފަހު އެ ބިން ވާރުތައިން ނުވަތަ ވިއްކައިގެން އެހެން ބަޔަކަށް ދިނުމުން އިތުރު 99 އަހަރުގެ މުއްދަތެއް ގުނަންޖެހޭ ގޮތަށް އޮތުމުން ކަމަށް ބުނެފައިވެ އެވެ.
މީގެއިތުރުން، ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު މައުލޫމާތު ދެއްވި އިރު އެކަމަށް އިއުތިރާފުވެވަޑައިގެންފައިވާ ކަމަށް ބުނެ، ރާއްޖޭގެ އިލްމުވެރިންގެ ގުޅުމުން ވެސް ވަނީ އެ މަޝްރޫއު ހުއްޓާލުމަށް ސަރުކާރަށް ގޮވާލާފަ އެވެ.
އޮންލައިންކޮށް އިމްތިހާނު ހެދޭނެ ގޮތް ހަމަޖައްސަން އަންގަނީ
ތަކުރާރުކޮށް ބޮލުގައި ރިހުމަށް މަގުފަހިވާ އާއްމު އާދަތަކެއް!
އެންވީޑިއާގެ ސީއީއޯގެ މަގާމު ޖެންސެން އަށް އަލުން ދޭން ނިންމައިފި
