ގއ ވިލިނގިލީގައި ފަރުވާ ލަސްވެ މާބަނޑު އަންހެނަކާއި އޭނާގެ ދަރިފުޅު ނިޔާވި މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިނގައި އިހުމާލުވެފައިވާ ފަރާތެއް ވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވީ ކުއްޖާއާއި މަންމަ މަރުވި ހާދިސާގައި ޖިނާއީ ތަހުގީގެއް ހިންގާ އިހުމާލުވެފައިވާ ފަރާތެއްވާނަމަ އެފަރާތެއް ނުވަތަ ފަރާތްތަކެއް ހޯދައި ޤާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް އަންގާފައިވާ ކަމަށެވެ.
ވިލިނގިލީ މާބަނޑު އަންހެނަކު ރޯގާޖެހި ނޭވާލާން އުނދަގޫ ވާތީ ހޮސްޕިޓަލަށް ގެންގޮސް، ހާލު ދެރަވަމުން ދާތީ ސިޒޭރިއަން ހަދައި ބަނޑަށް 8 މަހުގައި ދަރިފުޅު ނަގާފައި ވަނީ ބުދަ ދުވަހު ހެނދުނު އެވެ. ސިޒޭރިއަށް އަށް ފަހު ހޭނާރައިގެން މަންމައާއި އަދި ދަރިފުޅުވެސް ވެންޓިލޭޓަރަށް ލާންޖެހުނު ކަމަށް އާއިލާއިން ބުނެފައިވެ އެވެ.
އޭގެ ފަހުން އިތުރު ފަރުވާއަށް މާލެ ގެންދިއުމުގެ އިންތިޒާމު ލަސްވެފައިވަނީ އެއާ އެންބިއުލާންސްގެ ވެންޓިލޭޓަރު ހަލާކުވެފައި ހުރުމުން ކަމަށް ނިޔާވި މީހާގެ އާއިލާއިން ބުނެ އެވެ.
މާލެ ގެންދިއުމަށް އެ އަތޮޅު އެއާޕޯޓް އޮންނަ ކޫއްޑޫއަށް ގެންގޮސް ފުރުން ލަސްވެ، އަންހެންމީހާ އެއާޕޯޓްގައި ނިޔާވީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ދަރިފުޅު މާލެ ގެނެވުނު އިރުވެސް ވަނީ ނިޔާވެފަ އެވެ.
ހެލްތު މިނިސްޓްރީންވެސް ވަނީ މި މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ.
އެއާ އެންބިއުލާންސް އޮޕަރޭޓް ކުރާ ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނެފައިވަނީ އެއާ އެންބިއުލާންސް ވިލިނގިއްޔަށް ފޮނުވާފައިވަނީ އޮންނަ ހުރިހާ ޕްރޮޓޮކޯލްތައް ފުރިހަމަކޮށް، އެމެޖެންސީ ސިއްހީ ފަރުވާ ފޯރުކޮށްދެވޭނެ އިންތިޒާމުތަކާ އެކު ކަމަށެވެ.
މި މައްސަލައިގައި ވިލިނގިލީ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރެއް ހެލްތު މިނިސްޓްރީން އަންގައިގެން މާލެ ގެނެސްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ދެމައިން ނިޔާވުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ސިއްހީ ދާއިރާގައި ހުރި މިފަދަ މައްސަލަތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ.