ކުޑަކުދިން ކުޅެން ގެންގުޅޭ ސޮފްޓް ޓޯއީސް ނުވަތަ ޑޯލްސް އަކީ ރާއްޖޭގައި އުފައްދަން ފަސޭހަ އެއްޗެއް ނޫނެވެ. ތަކެއްޗާއި ވަގުތަށް ބެލިކަމުގައި ވިއަސް ދިވެއްސަކަށް އެކަން ކުރަން އެކަށޭނަ މަސައްކަތެއް ނޫނެވެ. ނަމަވެސް މާޒީގެ ހިތި ތަޖުރިބާގެ އަލީގައި އެ މަސައްކަތް ދިވެހި ޒުވާނަކުގެ އަމިއްލަ ދެއަތުން ތައްޔާރުކޮށް ސަގާފީ ކުލަޖައްސައި ބާޒާރަށް ނެރުމަކީ ދިވެހިންނަށް ލިބުނު ބޮޑު ފަޚުރެކެވެ.
ޅ. ނައިފަރަށް އުފަން އެރަށު ނަސްރީނުގެ ކައުކަބު ޔޫސުފް (ކައުކަބް) އަކީ ކުޑަކުދިން ކުޅެން ސޮފްޓް ޓޯއީސް ހަދާ ވަރަށް ހުނަރުވެރި ޒުވާނެކެވެ. ދިވެހި ސަގާފީ ހެދުން ލައްވާފައި ހުންނަ މިޑޯލްސްތަކުން ދިވެހި ސަގާފީ މަސައްކަތް ވެސް ދައްކުވައިދެ އެވެ. ކައުކަބު ސޮފްޓް ޓޯއީސްގެ މަސައްކަތަށް ދެވުނީ ގޭތެރެއިން ފެހުމުގެ މަސައްކަތް ދަސްކޮށް އެހެން މީހުނަށް ފަހައިދީ ހެދުމުގެ ތެރެއިންނެވެ.
ހިތްދަތިކަން އެއްފަރާތްކޮށް މަސައްކަތްތެރިކަމުން ފުދުންތެރި އާއިލާއަކަށް
ކައުކަބް ނިސްބަތްވަނީ އެއްބަނޑުއެއްބަފާ އަށް ކުދިން ހިމެނޭ ބޮޑު އާއިލާއަކަށެވެ. ނައިފަރުގެ މަދަރުސްތުލް އިފްތިތާހުންނާއި މާލޭގެ އެމްއީއެސް އަދި ސީއެޗްއެސްސީއިން ތައުލީމު ހާސިލުކުރުމަށްފަހު ކައުކަބު ދިރިއުޅެން ބޭނުންވީ އާއިލާ ކައިރީގައި، ނައިފަރުގަ އެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެ އާއިލާއަކީ އެތައް ގޮތަކުން އޭނާގެ ހުނަރު ތަރައްގީކޮށްދިން އަދި އެކަމަށް އެންމެ ބޮޑު ސަޕޯޓުދޭ މީހުން ކަމަށް ވާތީ އެވެ.
އޭނާ ވަރަށް ކުޑައިރުގައި ބައްޕަ ނިޔާވުމުން މުޅި އާއިލާއަށް ފޫނުބެއްދޭވަރުގެ ބޮޑު ހިތާމައަކާއި ހިތްދަތިކަމެއް ލިބުނެވެ. ނަމަވެސް ހުރހާ ކުދިންނަކީ ވެސް ހުނަރުވެރި މަސައްކަތްތެރި ކުދިންކަމުގައި ވުމުން އެކި މަސައްކަތް ދަސްކުރަން ފެށި އެވެ. ކުރެހުމުގެ މަސައްކަތާއި ފެހުމެވެ. ހަގަށް ތިބި ކުދިންނަށް ދޮށީ ކުދިން އަމިއްލަ އަތުން ކުޅޭތަކެތި ހަދައިދެ އެވެ. ކައުކަބު ބޮޑުވި މާހައުލަކީ ވަރަށް މަސައްކަތްތެރި، އެކުވެރި މާހައުލެކެވެ. ވީމާ ގޭތެރެއިން ކައުކަބަށް ގިނަ ހުނަރުތަކަކަށް ލޯހުޅުވިގެން ދިޔަ އެވެ. އޭނާއަށް ފަހަންދަސްވުމާއެކު އެހެން ކުދިންގެ އެއްޗެހި ފަހަށް ފެށި އެވެ. އާންމުކޮށް ފަހަނީ ކެރެކްޓާ ހެދުމެވެ.
"އަޅުގަނޑުމެން އުޅުނީ ވަރަށް ދަތިކޮށް. ކުޅޭ އެއްޗެހި ބޭނުންވިޔަސް ލިބޭނެ ގޮތެއް ނެތް. ބޭނުންވާ އެއްޗެއް އޯޑާކުރެވޭކަށް ނޯވޭ. އެހެންވެ ގިނަފަހަރު އަމިއްލައަށް ބޭނުންވާ ތަކެތި ތައްޔާރު ކުރަނީ. އަޅުގަނޑުމެން ކުޑައިރު ދައްތަމެން ހޭންޑްމޭޑް ކުޅޭ އެއްޗެހި ހަދައިދޭތަނާއި އެކި ކަހަލަ މަސައްކަތް ކުރާތަން ފެނި ގިނަ ކަންތައްތަކެއް ދަސްވި،" ކައުކަބު ބުންޏެވެ.
އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުން: އޭނާގެ ހުނަރު އިތުރަށް ތަރައްގީވި
ފޮތުގައި ލައި ބޭރުގަނޑު އެކި ތީމްތަކަށް ޑިޒައިން ކުރުމަކީ އޭނާ ވަރަށް ޝައުގުވެރިވި އަދި ފަހުން އާމްދަނީ ހޯދުމަށް ކުރި މަސައްކަތެކެވެ. ސްކޫލް ފެށެންވާ އިރަށް ބުކް ކަވާ ޑިޒައިން ކުރަން ގިނަ އޯޑަރުތަކެއް ލިބޭ ކަމަށް އޭނާ ބުންޏެވެ. އޭގެ އިތުރުން އެރަށުގައި ހިންގި ޕްރީ ސްކޫލެއްގެ ޓީޗިންގް މެޓީރިއަލްސް ހެދުމުގައި ވެސް އޭނާ ބޮޑު ރޯލެއް އަދާކުރި އެވެ. އޭގެ އިތުރުން ކުޑަކުދިންގެ ކެރެކްޓާ ހެދުން ނުވަތަ ކޮސްޓިއުމްސް ފެހުމާއި ސޮފްޓް ޓޯއީސް (ކުޅޭ ބުދު) ހެދުމާއި އަދި އެކި ޑިޒައިންތަކުގެ ބާލިހާއި ކަންނެޔޮ ހެދުމަކީ އޭނައަށް ޚައްސަ މަސައްކަތެއްކަން އޭނާ ފާހަގަކުރެ އެވެ.
"ވިޔަފާރީގެ ތެރެއަށް ވަނުމުގެ ކުރިން އަޅުގަނޑުގެ ދައްތަމެންގެ ދަރިންނަށް ބުކް ކަވާސް (ފޮތުގެ ބޭރުގަނޑުގެ ޑިޒައިން) އަދި ނަންކޮޅު ހަދައިދެން. ސްކޫލަށް ހެދުމެއް ފަހަން ޖެހުނަސް ހަމަ ގިނަ ދައްތަމެންގެ ކުދިންގެ އެއްޗެހި ފަހަން ގެންނާނީ އަޅުގަނޑުމެން ކައިރިއަށް. އޭގެ ތެރޭގައި ކޮސްޓިއުމްސް ވެސް ހިމެނޭ. އެގޮތަށް ގޭކުދިންނަށް ފަހައިދެމުން ގޮސް އަސްލު މިމަސައްކަތުގެ ތެރެއަށް ނިކުމެވުނީ،" ކައުކަބް ކިޔައިދިނެވެ.
އޭނާ ހަދާ އެއްޗެހީގެ ތެރެއިން އެންމެނަށް ވެސް މިހާތަނަށް އެންމެ މަގްބޫލު އެއްޗަކީ ކުޑަކުދިން ކުޅެން ގެންގުޅޭ ޑޯލްސް އެވެ. ޑޯލް ހެދުމަށް ބޭނުންވާ ފޮއްޗާއި އިސްތށިގަނޑު ހެދުމަށް ބޭނުކުރާ ތަކެތި ވެސް އޭނާ ގެންނަނީ ރާއްޖޭން ބޭރުންނެވެ. އޭނާ ހަދާ ޑޯލްސްތައް ޑިޒައިންކޮށްފައި ވަނީ ކަސްޓާމަރުން ބޭނުންވާ ގޮތަށެވެ.
" ކަސްޓަމާސް ބުނާ ގޮތަށް ޑޯލްގެ ހެދުން ވެސް އިސްތަށިގަނޑު ވެސް ހަދައިދެނީ. ޑޯލްސް ހެދުމަކީ ބުރަ މަސައްކަތެއް،" ކައުކަބް ބުންޏެވެ
ކައުކަބުގެ މަސައްކަތަށް ބޭނުންވާ ނަމޫނާއާއި އައިޑިއާ (ވިސްނުން) ހޯދަނީ ދައްތަމެންގެ ކުދިންގެ ފަރާތުންނާއި، ޕިންޓްރެސްޓު ބަލައިގެންނެވެ. އެއަށްފަހު މަސައްކަތަށް ބޭނުންވާ މެޓީރިއަލްސް މާލޭން ގެނުވަ އެވެ.
"މަސައްކަތަށް ބޭނުންވާ މެޓީރިއަލް މިރަށުން ވަރަށް ނުލިބޭނެ. ހުޅުމާލޭގައި ދިރިއުޅޭ އަޅުގަނޑުގެ ދައްތައާއި، މާޅޭގައި އުޅޭ ކަޒިންއެއް އެހީތެރިވޭ އެޗެހި ގަނެހަދަން،" ކައުކަބް ކިޔައިދިނެވެ.
އޭނާ ބުނިގޮތުގައި މިޒަމާނުގައި މަސައްކަތެއް ދަސްކުރުމަކީ އުނދަގޫކަމެއް ނޫނެވެ. ޔޫޓިއުބްއިން ދަސްކުރަން ބޭނުންވާ މަސައްކަތުގެ ފިލާވަޅުތައް ލިބެންހުރެ އެވެ. ކައުކަބް ވެސް އާޚިޔާލެއް ބޭނުން ވެއްޖެނަމަ ޕިންޓްރެސްޓް ބަލާކަމަށް އޭނަ ބުންޏެވެ. އަދި ގޭކުދިންގެ ޚިޔާލާއި މަޝްވަރާ ހޯދަ އެވެ.
މުސްތަގުބަލްގައި އޭނާ ވިސްނަނީ ކުޑަކުދިންނަށް ފެހުމުގެ ހުނަރު ދަސްކޮށް ދިނުމަށެވެ. އެކަމަށްޓަކައި މިހާރު އޭނާ އަންނަނީ އެކަމަށް ވާޏްޖެހޭ ތައްޔާރީ ވަމުންނެވެ.
"ދިރާސީ އާއަހަރަށް ފެށޭތޯ ގިނަ ތައްޔާރީތަކެއް ވަމުން މިއަންނަނީ. އަދި ބޭނުންވާ ބައެއް އެއްޗެހި ހަމަނުވޭ،" އޭނާ ބުންޏެވެ.
ކައުކަބު ގަބޫލު ކުރާގޮތުގައި އޭނާއަށް މަސައްކަތުގައި ދެމިހުރެވެނީ ގިނަ ބައެއްގެ އެހީތެރިކަން ލިބޭތީ އެވެ. އޭގެ ތެރޭގައި އޭނާގެ ކުޑާއްތަގެ ކުދިންނާއި، ހުޅުމާލޭގައި ދިރިއުޅޭ ދައްތައާއި، މާލޭގައި އުޅޭ ކަޒިންއެއް އަދި ގޭގައި އުޅޭ ފަހަރިއެއް ފާހަގަކޮށްލި އެވެ.
ޝައުގުވެރިކަމަކީ އަޖައިބެއް ކަހަލަ އިހްސާސެކެވެ. ބާރެކެވެ. ކައުކަބް އެ ދައްކައިދެނީ ޝައުގުވެރިކަން ހުރެގެން ކަމެއް ކުރަން އުޅެފިނަމަ އެކަން ކާމިޔާބުކުރުމަށް ހުރަސްއެޅޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމެވެ.