ގއ. އަތޮޅު ހޮސްޕިޓަލުގެ އިހުމާލުން މަންމައަކާއި ތުއްތު ދަރިފުޅު ނިޔާވި މައްސަލާގައި އެ ހޮސްޕިޓަލްގެ ހިދުމަތްތައް ރަނގަޅުކުރުމަށް ގޮވާލައި ވިލިނގިލީގައި އިހްތިޖާޖުކޮށްފި އެވެ.
ވިލިނގިލީ ހޮސްޕިޓަލުން ސިޒޭރިއަން ހެދި ފާތިމަތު ޝިއުނާ މިދިޔަ ބުދަ ދުވަހުގެ ރޭ ވަނީ ނިޔާވީ އެއާއެމްބިއުލާންސްގައި މާލެ ގެނައުމަށް ކޫއްޑޫ އެއާޕޯޓްގެ ރަންވޭގައި އެތައް އިރެއް ވަންދެން ބާއްވާފައި އޮއްވަ އެވެ. އޭގެ ފަހުން އޭނާގެ ދަރިފުޅު ވެސް ވަނީ މަރުވެފަ އެވެ.
މިކަމަކީ ގއ. އަތޮޅު ހޮސްޕިޓަލްގެ އިހުމާލުން ހިނގި ކަމެއް ކަމަށް އެ ރަށު ރައްޔިތުން އަންނަނީ ތުހުމަތުކުރަމުންނެވެ.
ކަޅު ހެދުމުގައި އެ ހޮސްޕިޓަލް ކުރިމަތިން ފެށި ސުލްހަވެރި އިހްތިޖާޖުގެ ބައިވެރިން ވަނީ ރަށުގެ ބައެއް މަގުތަކުގައި ހިނގާލައި އަޑުއުފުލާފަ އެވެ.
އިހްތިޖާޖުގެ ބައިވެރިއަކު ބުނީ އެ ހޮސްޕިޓަލްގެ އިމާރާތަކީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެޅި އިމާރާތެއް ކަމަށެވެ. އޭގެފަހުން އައި އެއްވެސް ސަރުކާރަކުން އެ ހޮސްޕިޓަލްގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށްފައިނުވާ ކަމަށް އޭނާ ބުންޏެވެ.
އެންއައިސީޔޫގެ ހިދުމަތާއި ސީޓީ ސްކޭންގެ ހިދުމަތް ވެސް އެ ހޮސްޕިޓަލުން ނުލިބެ އެވެ.
"ޑޮކްޓަރަށް ދެއްކީމަ އެބަ ބުނޭ މާލެގޮސް ސީޓީ ސްކޭން ހަދާށޭ. މާލެ ގޮސް ހެދީމަ މި އެނގެނީ އެއްވެސް މައްސަލައެއް ނެތްކަން. ސިޓީ ސްކޭން ހެދުމަށް މާލެ ކުރި ދަތުރުގެ ހަރަދު ކޮބައިތޯ. މިއީތޯ ގއ. އަތޮޅު ރައްޔިތުންނަށް ހައްގު މިންވަރަކީ،" އިހްތިޖަޖުގެ ބައިވެރިޔަކު ބުންޏެވެ.
ޝިއުނާގެ ފިރިމީހާ ޝިފާޒު ޒާހިރު ވަނީ އެ ރޭ ކަންހިނގައި ދިޔަ ގޮތް ކިޔައިދީފަ އެވެ. އެގޮތުން އޭނާ ބުނީ އަންހެނުންނާއި ދަރިފުޅަށް ދިމާވި ފަދަ ހާދިސާއެއް އެހެން މީހަކަަށް ދިމާވާން ބޭނުން ނުވާ ކަމަށެވެ. އަދި އޭނާގެ އެދުމަކީ ހޮސްޕިޓަލުގެ ހިދުމަތްތައް ފުރިހަމަވުން ކަމަށް ވެސް ޝިފާޒު ބުންޏެވެ.
މީގެ ހަތަރު ފަސް މަސް ކުރިން ވެސް ހޮސްޕިޓަލުގެ އިހުމާލުން މީހަކު މަރުވި ކަމަށް އިހްތިޖާޖުގެ ބައިވެރިން ބުންޏެވެ.
"އަޅުގަނޑުމެން ބޭނުމެއް ނުވޭ އެތައް ފަހަރަކު ޓެސްޓު ހަދާ ފާސްނުވެގެން، އެންމެ ފަހުން ހަދާ ރީޓެސްޓުން ފާސްވެގެން ފޮނުވާ ޑޮކްޓަރެއް. ވަޒީފާ ނެތިގެން ސަލާން ޖަހަނިކޮށް ލިބުނު ވަޒީފާގައި ފޮނުވާ ޑޮކްޓަރެއް،" އިހްތިޖާޖްގައި ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ޝިއުނާއަށް ފަރުވާ ދިން ޑޮކްޓަރު މިހާރު ވަނީ މާލެ ފޮނުވާލައިފަ އެވެ.
ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަމުން އަންނަ ކަމަށެވެ.