މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް މިދިޔަ މަހު ޓެކްސްގެ ގޮތުގައި 3.34 ބިލިއަން ރުފިޔާ ދެއްކިއިރު އޭގެ ތެރޭގައި 125 މިލިއަން ޑޮލަރު ހިމެނޭ ކަމަށް ބުނެފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާއިން ބުނީ ޖެނުއަރީ މަހު ދެއްކި 3.34 ރުފިޔާއަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 7.7 ޕަސެންޓް ދަށް އަދަދެއް ކަމަށެވެ. އަދި، މިއީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 5 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް މީރާ އިން ބުނެ އެވެ.
މީރާއިން ބުނިގޮތުގައި، މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިބުނު އާމްދަނީއާ އަޅާބަލާއިރު ޖަނަވަރީ 2025 ގައި ލިބިފައިވާ އާމްދަނީ މަދުވުމުގެ މައިގަނޑު ސަބަބަކީ، ބޭންކް އިންކަމް ޓެކްސް އަދި ކުންފުނިތަކާއި ފަރުދުން ނޫން އެހެން ފަރާތްތަކުން ނަގާ އާމްދަނީ ޓެކުހުން ލިބިފައިވާ އާމްދަނީ މަދުވުމެވެ. މީގެ އިތުރުން، ކުންފުނިތަކާއި ފަރުދުން ނޫން އެހެން ފަރާތްތަކުގެ އާމްދަނީ ޓެކްސް ނެގުމުގެ ފުރަތަމަ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން، ފެބުރުއަރީ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައިވުމަކީ އާމްދަނީ ދަށްވެފައިވާ ސަބަބެއް ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ. އެހެންނަމަވެސް، މި މުއްދަތުގައި ޖީއެސްޓީގެ އާމްދަނީ އިތުރުވެފައިވުމާއި، 1 ޑިސެންބަރު 2024 ފެށިގެން އެއާޕޯޓް ޓެކުހާއި ފީގެ ރޭޓު އިތުރުވުމާއި ގުޅިގެން ޖަނަވަރީ 2025 ގައި މި ޓެކްސްތަކުން ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައި ކަމަށް މީރާއިން ބުނެ އެވެ.
އެ އިދާރާއިން ބުނިގޮތުގައި މިދިޔަ މަހަށް އަންދާޒާ ކޮށްފައިވާ އާމްދަނީއަށް ވުރެ 5 ޕަސެންޓް އިތުރުވެފައިވާ މައިގަނޑު އެއް ސަބަބަކީ ގްރީން ޓެކުހާއި، ވާކް ޕާމިޓް ފީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އަދި ކޯޕަރޭޓް އިންކަމް ޓެކުހުން އާމްދަނީ އިތުރުވުމެވެ. އަދި އިންކަމް ޓެކްސް ދެއްކުމުގެ ސުންގަޑީގެ މުއްދަތު އިތުރުކުރި ނަމަވެސް، ޖީއެސްޓީ އާއި ކޯޕަރޭޓް އިންކަމް ޓެކްސް ސުންގަޑީގެ ކުރިން ދައްކާފައިވުމަކީ، މި މުއްދަތުގައި ލިބިފައިވާ އާމްދަނީ އިތުރުވި ސަބަބެއް ކަމަށް މީރާއިން ބުނެފައިވެ އެވެ.
މީގެ އިތުރުން، ރާއްޖެ އަންނާނެ ކަމަށް އަންދާޒާކޮށްފައިވާ ފަތުރުވެރިންގެ އަދަދަށްވުރެ މި މުއްދަތުގައި ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ އަދަދު ދެ ޕަސެންޓް އިތުރުވުމުގެ ސަބަބުން ޓޫރިޒަމާ ގުޅުންހުރި އާމްދަނީ ވަނީ އިތުރުވެފައި ކަމަށް މީރާއިން ބުނެ އެވެ. މީގެ އިތުރުން، މިދިޔަ މަހު ލިބިފައިވާ އާމްދަނީގެ 11 ޕަސެންޓަކީ ކުރީގެ މުއްދަތުތަކަށް ޓެކްސް ދައްކާ ފަރާތްތަކުން ދައްކާފައިވާ ފައިސާކަމުން، މިއީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ އެއްސަބަބު ކަމަށް ވެސް މީރާއިން ބުނެ އެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 47.7 ޕަސެންޓް ނުވަތަ 1.59 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީ އިން ނަގާ ޓެކުހުންނެވެ. އެއީ 35.8 ޕަސެންޓް ނުވަތަ 1.19 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 115.39 މިލިއަން ރުފިޔާ (3.5 ޕަސެންޓް)، ޑިޕާޗާ ޓެކުހުގެ ގޮތުގައި 113.49 މިލިއަން ރުފިޔާ (3.4 ޕަސެންޓް)، ގްރީން ޓެކުހުގެ ގޮތުގައި 108.26 މިލިއަން ރުފިޔާ (3.2 ޕަސެންޓް)، އަދި ޓޫރިޒްމް ލޭންޑް ރެންޓްގެ ގޮތުގައި 65.11 މިލިއަން ރުފިޔާ (2 ޕަސެންޓް) ލިބިފައިވެ އެވެ.