ސަރުކާރުން މާލޭގައި ޓެކްސީގެ ޚިދުމަތް ދޭން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.
ޓެކްސީގެ ޚިދުމަތް ފެށުމަށް އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް އަހުމަދު ޝަމީމް އެވެ. އެމްޓީސީސީން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައުދީ އެވެ.
ޓެކްސީގެ ޚިދުމަތް ފެށުމަށް އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ޓެކްސީ ޚިދުމަތުގައި ބޭނުން ކުރާނީ ސައްތައިން ސައްތަ ތިމާވެއްޓާ ރައްޓެހި އީވީ ޓެކްސީތައް ކަމަށެވެ. އަދި ސަރުކާރުން އެ ޚިދުމަތް ފެށި ނަމަވެސް މިހާރު ޓެކްސީގެ ޚިދުމަތް ދޭ މީހުންނަށް އެކަމުގެ ގެއްލުމެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީން ވިދާޅުވީ މިއަހަރުގެ މެދުތެރޭގައި ޓެކްސީ ލައިން މާލެ ސަރަޙައްދަށް ތައާރަފް ކުރައްވާނެކަ މަށެވެ. އަދި ޓެކްސީ ޚިދުމަތާ ގުޅުމުގެ ފުރުޞަތު ފުލް ޓައިމްކޮށްނާއި ޕާޓްޓައިމްކޮށް ކުރަން ބޭނުންވާ ފަރާތްތަކަށްވެސް އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޚިދުމަތް ދިނުމަށް އޫބަ ނުވަތަ ގްރެބް ކޮންސެޕްޓް ފަދަ ސޮފްޓްވެއާގެ ތެރެއިން އެމްޓީސިީސީން ބަލަހައްޓާނީ. ޑްރައިވަރުންގެ ބަދަލުގައި އެމްޓީސީސީން އެކަން ބަލަހައްޓާނީ. ޓެކްސީގެ ޚިދުމަތަށް އެދޭތާ މަދުވެގެން ދެ މިނެޓް ތެރޭގައި ލިބޭނެ. މި ޚިދުމަތާއެކު އެއާޕޯޓުގެ ޓެކްސީ ކިއުގެ މައްސަލައަށް ވެސް ހައްލުތަކެއް ލިބޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ސައުދީ ވިދާޅުވީ ޓެކްސީގެ ޚިދުމަތާ ގުޅެން ބޭނުންވާ މީހުންނަށް އެކަމަށް ޚާއްސަ ޕޫލެއްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި ޓެކްސީ ލައިނަށް ޚާއްސަ އެވެއާނެސް ޕްރޮގްރާމެއް ހިންގާނެ ކަމަށާއި އެ ޕްރޮގްރާމުން ފާސްވާ މީހުންނަށް ޓެކްސީ ދުއްވުމުގެ ފުރުޞަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޓެކްސީ ލައިންގައި އުޅޭ ޕާޓްޓައިމް ޑްރައިވަރުންނަށް ހަފްތާއަކު ނޫނީ ދެހަފްތާއިން މުސާރަ ދެވޭނެގޮތަށް ޕްލޭން މި ހަދަނީ. މިއީ މިހާރު ވަޒީފާ ނެތް މީހުންނަށް ވެސް ރައީސްގެ ސިޔާސަތުގެ ތެރެއިން ބޭނުން ހިފޭނެ ކަމެއް. ޓެކްސީ ލައިންގެ އެހީގައި މާލޭގައި ދިމާވެފައިވާ ޓްރެފިކް މައްސަލައަށް ހައްލެއް ހޯދުމަށް ބޭނުންވޭ އެބަ،" ސައުދީ ވިދާޅުވި އެވެ.
ޓެކްސީ ލައިނަކީ ދެފަރާތުން އެއްބަސްވާ ގޮތަށް މީޓަރު އުސޫލަކުން ދުނިޔޭގެ ގިނަ ގައުމުތަކުން ތައާރަފްކޮށްގެން ދޭ ޚިދުމަތެކެވެ. މި ހިދުމަތަށް އަގު ނަގާނެ އުސޫލެއް އެމްޓީސީސީން ހާމައެއް ނުކުރެ އެވެ.