ދި ޓްރެވަލް ގާއިޒްއިން އިންތިޒާމްކޮށްގެން ބާއްވާ "ދިރާގު ރަށު އެކްސްޕޯ" ހުޅުމާލެ ސެންޓްރަލް ޕާކުގައި ފަށައިފި އެވެ.

މި އެކްސްޕޯ ހުޅުވުމަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ދިރާގުގެ އިސްވެރިން ވެރިންނާއި ސިޓީ ކައުންސިލްތަކުގެ މޭޔަރުން ވެސް ބައިވެރިވި އެވެ.

ދިރާގުން ބުނިގޮތުގައި މި އެކްސްޕޯގެ މަގުސަދަކީ، ލޯކަލް ޓޫރިޒަމް ޕްރޮމޯޓްކުރުމަށް، ރަށު ކައުންސިލްތަކާ ގެސްޓްހައުސް ހިންގާ ފަރާތްތައް އެއް ތަނަކަށް ގެނެސްދީ، މައުލޫމާތާއި ތަޖުރިބާ ހިއްސާކުރެވޭނެ ހާއްސަ ޕްލެޓްފޯމެއް ގާއިމްކޮށްދިނުމެވެ. އަދި، އެކި ރަށްރަށުގެ ތަފާތު ރީތިކަމާއި ސަގާފަތަށް ސަމާލުކަން ގެނެސްދީ، އެ ކަންކަން ދައްކާލުމުގެ ފުރުސަތު ހޯދައިދީ، ޑޮމެސްޓިކް ޓޫރިޒަމް އިތުރަށް ފުޅާކުރުމަށް އެހީތެރިވެ ދިނުމެވެ.

ރާއްޖޭގައި ރަށްރަށުގައި ހުރި ގެސްޓްހައުސްތައް އިޝްތިހާރުކުރުމަށް ބާއްވާ "ދިރާގު ރަށު އެކްސްޕޯ" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ދިރާގުގެ އިސްވެރިން ބައިވެރިވަނީ. ފޮޓޯ: ދިރާގު

މި ކަމާ ގުޅޭ ގޮތުން ދިރާގުގެ ޑިރެކްޓަ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރުޝާން ހަސަން ވިދާޅުވިގޮތުގައި ރާއްޖޭގައި ލޯކަލް ޓޫރިޒަމް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ފުރަތަމަ އެކްސްޕޯގެ ޓައިޓަލް ޕާޓްނަރަށްވުމަކީ ދިރާގުން ވަރަށް އުފާކުރާ ކަމެއް ކަމަށެވެ.

"މި އެކްސްޕޯގެ އެހީގައި، ލޯކަލް ޓޫރިޒަމް ޕްރޮމޯޓްކުރުމަށް އެހީތެރިވެދީ، އަޅުގަނޑުމެންގެ ރާއްޖޭގެ ރީތިކަމާއި ސަގާފަތް ދައްކާލަން ފުރުސަތު ލިބި، ރަށްރަށުގައި ޓޫރިޒަމްގެ ވިޔަފާރިކުރާ ފަރާތްތަކާ އާންމުންނާ ގުޅުވައިދެވިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ދިރާގު ރަށު އެކްސްޕޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.

ދިރާގަކީ ލޯކަލް ޓޫރިޒަމް ހިންގާ ފަރާތްތައް ބާރުވެރިކުރުމަށް ހިންގާ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވެ، ޑޮމެސްޓިކް ޓޫރިޒަމް ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.