ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ކުށުގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ މީހާ ޖަލުގައި މަރުވެއްޖެ އެވެ.

ރޭގެ ވަގުތެއްގައި ހުޅުމާލެ ޖަލުގައި މަރުވެފައިވަނީ 2020 ވަނަ އަހަރު ދެ އަހަރުން ދަށުގެ ކާފަ ދަރިއަށް ޖިންސީ ގޯނާ ކުރިކަން ފަޅާއެރުމުން ޖަލަށްލި އިބްރާހިމް ދީދީ، 67 އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ އިބްރާހިމް ދީދީ ރޭ ހޭލާ އުޅެނިކޮށް ކުއްލިއަކަށް ވެއްޓުމާ ގުޅިގެން މެޑިކަލް ޓީމުން ބަލައި، އަވަސް ފަރުވާ ދިނުމުން ވެސް ހަރަކާތެއް ނުކުރާތީ، އޭނާ އެމަޖެންސީ ހާލަތުގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ކަމަށެވެ. އަދި ފަރުވާ ދިނުމަށްފަހު ވެސް ހަރަކާތެއް ނެތުމުން، އޭނާ މަރުވެފައިވާ ކަމަށް ކަނޑައަޅާފައިވަނީ 2:40 ކަށް ހާއިރު ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

އެ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރު ކުރި އެ ކުއްޖާގެ މުނި ކާފަ ހަސަން މޫސާ ދީދީ، 85 ވެސް ވަނީ 2023 ވަނަ އަހަރު ޖަލުގައި މަރުވެފަ އެވެ.