ހޮލީވުޑްގެ ކުރީގެ އެކްޓަރު އަދި އިނގިރޭސި ޝާހީ އާއިލާގެ މެމްބަރު މޭގަން މާކަލް އޭނާގެ ލައިފްސްޓައިލް ބްރޭންޑްގެ ނަން ބަދަލުކޮށް ރީބްރޭންޑްކޮށްފި އެވެ.
މިދިޔަ އަހަރުގެ ކުރީކޮޅު "އެމެރިކަން ރީވެރިއާ އޯކާޑް"، (އާރޯ)ގެ ނަމުގައި މޭގަން ތައާރަފްކުރި އެ ބްރޭންޑުގެ މިހާރުގެ ނަމަކީ "އޭޒް އެވާ" އެވެ.
މިކަން އިއުލާން ކުރަމުން މޭގަން އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި ވީޑިއޯއެއްގައި ބުނެފައި ވަނީ "އޭޒް އެވާ"އަކީ އޭނާގެ ހިތާ ވަރަށް ގާތް މަސައްކަތެއް ކަމަށެވެ.
މޭގަން އިތުރަށް ބުނީ "އޭޒް އެވާ"ގެ މާނައަކީ އަބަދުވެސް އެއްގޮތެއްގައި ހުރުން ކަމަށާއި އެއީ އޭނާގެ ދިރިއުޅުން ވަރަށް ރަނގަޅަށް ސިފަކޮށްދޭ ބަސްކޮޅެއް ކަމަށެވެ.
"އޭޒް އެވާ"އަކީ އާއްމު ދިރިއުޅުމަށް ބޭނުންވާ ތަކެތީގެ އިތުރުން ރީތިވުމަށް ބޭނުންވާ އުފެއްދުންތަކާއި ފެޝަންގެ އުފެއްދުންތައް ވެސް ވިއްކާ ބްރޭންޑެކެވެ.
މޭގަންގެ ވިޔަފާރި ރީބްރޭންޑް ކޮށްފައި މިވަނީ ނެޓްފްލިކްސްއިން ރިލީޒްކުރާ އޭނާގެ ކައްކާ ޝޯ، "ވިތު ލަވް، މޭގަން" ރިލީޒްކުރަން ކުޑަތަންވެފައި ވަނިކޮށެވެ.
ޝާހީ އާއިލާއިން ވަކިވެ ޕްރިންސް ހެރީއާއި އެ ދެމަފިރިންގެ ދެ ކުދިންނާއެކު އެމެރިކާއަށް ދިރިއުޅުން ބަދަލުކުރިި މޭގަން މިހާރު ބޮޑަށް ފެންނަނީ އޭނާގެ އަމިއްލަ ވިޔަފާރިއާއި އިންސާނީ ހައްގުތަކަށް ކުރާ މަސައްކަތުގެ ތެރެއިންނެވެ.