އޮޕަރޭޝަން ކުރަނގި ނަމުގައި ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް، ހިންގާ ހަރަކާތުގައި ބަޔޯމެޓްރިކް ޑޭޓާ ނުދޭ ބިދޭސީން ޑީޕޯޓްކުރާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

އޮޕަރޭޝަން ކުރަނގީގެ މައިގަނޑު ބޭނުމަކީ ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނުވަތަ ފޮޓޯ އަދި އިނގިލީގެ ނިޝާން ނެގުމާއި އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައި ހުރި ގާނޫނާއި ގަވާއިދުގެ ދަށުންތޯ މި އޮޕަރޭޝަނުގެ ތެރެއިން ޔަގީންކުރާނެ އެވެ.

ހޯމް މިނިސްޓްރީން ބުނީ ރާއްޖޭގައި ވަޒީފާ އަދާކުރާ އެންމެހާ ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ އެންމެ ފަހު ތާރީޚަކީ މިއަންނަ އޭޕްރީލް މަހުގެ 20 ވަނަ ދުވަސް ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި އެ މައުލޫމާތު ހިއްސާ ނުކުރާ ބިދޭސީން ދިވެހިރާއްޖެއިން ޑީޕޯޓްކުރާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.

ހޯމް މިނިސްޓްރީން މި މަސައްކަތް އަތޮޅުތަކުގައި ކުރަމުންދަނީ ކައުންސިލްތަކާއި ގުޅިގެންނެވެ. މާލެ ސަރަހައްދު ފިޔަވައި އަތޮޅުތެރޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި މިމަސައްކަތް މާޗު މަހުގެ 1 ވަނަ ދުވަހުގެ ކުރިން ނިންމާލުމަށް ހޯމް މިނިސްޓްރީން ވަނީ އަންގާފަ އެވެ. އެހެން ކަމުން ވަޒީފާ ދޭ ފަރާތްތަކުން އެރަށެއްގެ ރަށު ކައުންސިލާއި ގުޅިގެން މިމަސައްކަތް އަވަހަށް ކުރިއަށް ގެންދިއުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން ރިސޯޓުތަކާއި ސަފާރީތަކާއި، ސިނާޢީ މަސައްކަތްތަކަށް ދޫކޮށްފައިވާ ރަށްތަކުގައި ވަޒީފާއަދާ ކުރާ ބިދޭސީންގެ މައުލޫމާތު އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ކުރިން ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީގައި ގާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރަށް ނުވަތަ އެނޫންނަމަ އެ ބިދޭސީއެއް މަސައްކަތް ކުރާ ސައިޓަކާ އެންމެ ކައިރި ކައުންސިލް އިދާރާއަކާއި ގުޅިގެން އެމަސައްކަތް ކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

މިމުއްދަތުގެ ތެރޭގައި ބިދޭސީންގެ ބަޔޯމެޓްރިކްސް މައުލޫމާތު ހިއްސާ ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑްކޮށް ޚިދުމަތް މެދުކަނޑާލާނެ ކަމުގެ އިންޒާރު ހޯމް މިނިސްޓްރީން ވަނީ ދީފަ އެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ދެ ވަނަ ދުވަހު އެވެ. މިއޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 25483 ބިދޭސީއެއްގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.